Roadha Mihaaru
ސައޫދީން އިޒްރޭލާ ގުޅުން އުފައްދަން އެމެރިކާ ގޮވާލައިފި

ސައޫދީން އިޒްރޭލާ ގުޅުން އުފައްދަން އެމެރިކާ ގޮވާލައިފި

06 ޖޫން 2023

ސައޫދީ އަރަބިއްޔާ އިން އިޒްރޭލާ އެކުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް އެމެރިކާ އިން އިއްޔެ ގޮވާލައިފި އެވެ.

ސައޫދީ އަރަބިއްޔާ އިން އިޒްރޭލާ އެކުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް އެމެރިކާ އިން އިއްޔެ ގޮވާލައިފި އެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ސައޫދީ އަށް އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން، އެމެރިކަން-އިޒްރޭލު ޕަބްލިކް އެފެއާޒް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވީ އިޒްރޭލާއި ސައޫދީއާ ދެމެދު ތަބީއީ ގުޅުމެއް ގާއިމުކުރުމަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ސައޫދީ އަށް ކުރައްވާ ދަތުރުގައި، ސައޫދީ ވެރިންނަށް އެކަމަށް ބާރު އަޅުއްވާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާއާ އެކުގައި ގާތް ގުޅުމެއް އުފައްދަން އިޒްރޭލުން މަސައްކަތް ކުރަމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް ސައޫދީން ބުނަމުން އަންނަނީ އިޒްރޭލު-ފަލަސްތީނު މައްސަލަ ހައްލުކުރުމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭހާ ހިނދަކު އިޒްރޭލާ އެކުގައި ގުޅުން އުފައްދަން މަސައްކަތް ނުފަށާނެ ކަމަށެވެ.

ބްލިންކެން ވިދާޅުވީ ސައޫދީ އާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމުކުރުމަކީ ކުއްލިއަކަށް އަދި އަވަހަށް ކުރެވޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި އެމެރިކާ ސަރުކާރުން ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ގުޅުން އުފެއްދުމަކީ އިޒްރޭލު-ފަލަސްތީނު މައްސަލައާ ގުޅުވައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބްލިންކެން ވިދާޅުވި އެވެ.

"އިޒްރޭލާއި ސައޫދީއާ ދެމެދު ގުޅުން އުފެއްދުމާއި އެ ގުޅުން އިތުރަށް ފުރިހަމަ ކުރުމަކީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު އޮތް މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް ލިބޭ ކުރިއެރުމެއްގެ ބަދަލުގައި ކުރަން އޮތް ކަމެއް ނޫން،" ބްލިންކެން ވިދާޅުވި އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން، 2020 ވަނަ އަހަރާ ހަމައަށް އިޒްރޭލާ އެކުގައި ގުޅުން ގާއިމުކޮށްފައިވަނީ މިސްރާއި ޖޯޑްން އެކަންޏެވެ. މިސްރުން 1979 ވަނަ އަހަރު އިޒްރޭލާ އެކުގައި ސުލްހައިގެ މުއާހަދާއެއް ގާއިމުކުރި އިރު، ޖޯޑްން އިން އިޒްރޭލާ އެކުގައި ސުލްހަ ގާއިމުކުރީ 1994 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭގެ ފަހުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެމެރިކާ ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުން، ސެޕްޓެމްބަރު 15، 2020 ގައި އެމިރޭޓްސް އާއި ބަހްރައިނުން ވަނީ، އެބްރަހަމް އެކޯޑްގެ ނަމުގައި ގާއިމުކުރި މުއާހަދާއަކުން އިޒްރޭލާ އެކުގައި ގުޅުން އުފައްދައިފަ އެވެ.

އޭގެ ފަހުން އޮކްޓޫބަރު 23، 2020 ގައި ސޫދާނުން ވެސް އިޒްރޭލާ އެކުގައި ސިޔާސީ ގުޅުން ގާއިމުކުރި އެވެ. އޭގެ ބަދަލެއްގެ ގޮތުން، އެމެރިކާ އިން ވަނީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާންގެ ނަން އުނިކޮށްފަ އެވެ.

އަދި ޑިސެމްބަރު 22، 2020 ގައި މޮރޮކޯ ސަރުކާރުން ވެސް ވަނީ އިޒްރޭލާ އެކުގައި ގުޅުން ގާއިމުކޮށްފަ އެވެ. އެ ކަމުގެ ބަދަލެއްގެ ގޮތުން، ހުޅަނގު ސަހަރާ (ވެސްޓަން ސަހާރާ)ގެ މިލްކުވެރިކަމުގެ މައްޗަށް މޮރޮކޯ އިން ކުރަމުން އަންނަ ދައުވާ އަށް އެމެރިކާ ވަނީ އިއުތިރާފްވެފަ އެވެ.