Roadha Mihaaru
ގާޒާއަށް އެހީނުވެ، ބިދޭސީން ބޭރެއް ނުކުރެވޭނެ: މިސްރު

ގާޒާ އަށް އެހީނުވެ، ބިދޭސީން ބޭރެއް ނުކުރެވޭނެ: މިސްރު

16 އޮކްޓޯބަރ 2023

ގާޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖައްސައި ނުދެނީސް، ގާޒާގައި ތިބި ބިދޭސީން މިސްރު މަގުން ބޭރަށް ގެންދިއުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމަށް މިސްރުން ބުނެފި އެވެ.

ގާޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖައްސައި ނުދެނީސް، ގާޒާގައި ތިބި ބިދޭސީން މިސްރު މަގުން ބޭރަށް ގެންދިއުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމަށް މިސްރުން ބުނެފި އެވެ.

ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހު ފަށާފައިވާ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، ފަލަސްތީނުގެ 2600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 9600 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި 1300 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، މި ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް، އދ.ގެ އިދާރާތަކުން އަންދާޒާ ކުރެ އެވެ. އެންމެ ބާރު ގަދަ ހަތިޔާރުތަކުން ގާޒާ ސުންނާފަތި ކުރަމުން ދާއިރު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓު ވެސް ކަނޑާލައިފަ އެވެ.

އޭގެ އިތުރުން ގާޒާ އަށް އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް އެތެރެކުރުން ވެސް އިޒްރޭލުން މަނާކޮށްފައިވާތީ، ގާޒާގެ މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހައިހޫނުކަން މަތީގައި ކަމަށް، އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުނެ އެވެ. އަވައްޓެރި މިސްރުން ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ހިފައިގެން ރަފަހް ބޯޑަރު ހުރަސްކޮށް ގާޒާ އަށް ވަންނަން އުޅުނު އެހީގެ ގާފިލާތަކަށް އިޒްރޭލުން ދެ ފަހަރެއްގެ މަތިން ބޮން އަޅައި، ރަފަހް ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.

ގާޒާގެ އެތައް ހޮސްޕިޓަލަކަށް ހަމަލާދީ، އެ ތަންތަނުން ސިއްހީ ޚިދުމަތް ދެވޭނެ ގޮތެއް ނެތިފައިވާ އިރު، ގާޒާގައި މިހާރު ހުރި 22 ހޮސްޕިޓަލަކުން މީހުން ހުސް ކުރުމަށް އިޒްރޭލުން ވަނީ އަންގައިފަ އެވެ.

އެ ހާލަތުގެ ތެރެއަށް ގާޒާގެ ރައްޔިތުން ދޫކޮށްލުމަށް ފަހު، އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނީ، ގާޒާގައި އެކި މަސައްކަތުގައި އުޅެމުން ދިޔަ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ނޭޓޯގެ ގައުމުތަކަށް ނިސްބަތްވާ މީހުން، ރަފަހް ބޯޑަރު ހުރަސްކޮށް ގާޒާގެ ތެރެއިން މިސްރަށް ގެންދިއުމަށެވެ. އެއަށް ފަހު ވައިގެ މަގުން އެމީހެއްގެ ގައުމަށް އެމީހަކު ފޮނުވުމަށެވެ.

ނަމަވެސް މިސްރުގެ ގައުމީ ސަލާމަތާ ބެހޭ އިދާރާ އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ރަފަހް ބޯޑަރުގައިވާ މިސްރުގެ ދޮރޯށި ނުހުޅުވާނެކަން މިސްރުން މިހާރު ވާނީ އެ ގައުމުތަކަށް އަންގައިފަ އެވެ. މިސްރުން ބުނި ގޮތުގައި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނާއި ބޭހާއި ސިއްހީ ޚިދުމަތަށް ބޭނުންވާ ސާމާނު ގާޒާ އަށް ގެންދިއުމުގެ ފުރުސަތު ނުދެނީސް، ގާޒާގައި ތިބި ހުޅަނގުގެ މީހުންނާއި، އެހެން ގައުމުތަކުގެ ރައްޔިތުކަން ހޯދައިގެން އުޅޭ ފަލަސްތީނު މީހުންނަށް ވެސް، ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ވަނުމުގެ ފުރުސަތެއް ނުދެވޭނެ އެވެ.

ގާޒާ އިން ނުކުންނަން ބޭނުންވެފައި ތިބި ބިދޭސީންނަށް ގާޒާ އިން ނުކުމެވޭ ގޮތް ނުވެ ލަސްވަމުން ދަނީ، ގާޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ގާޒާ އަށް އެތެރެ ކުރުމުގެ ފުރުސަތު ދިނުމާ މެދު، އެމެރިކާ އާއި އިޒްރޭލާ އެކުގައި މަޝްވަރާ ނުކުރެވޭތީ އެވެ.

ގާޒާގައި ތިބި އެމެރިކާނުންނާއި އެމެރިކާގެ ރައްޔިތުކަން ހޯދައިގެން އުޅޭ ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ނުކުތުމަށްޓަކައި ރަފަހް ބޯޑަރު ކައިރިއަށް އިއްޔެ ޖަމާވުމަށް އެމެރިކާ އިން އޮތީ އަންގައިފަ އެވެ. އެ ގޮތަށް އެންގީ ރަފަހް ބޯޑަރު ހުޅުވައިލުމާ ބެހޭ ގޮތުން މިސްރާއި ގަތަރާއި އިޒްރޭލާ އެކުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެމެރިކާގެ ޚާރިޖިއްޔާ އިން ބުނެ އެވެ.

ވަޔާއި ކަނޑު މަގުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ އިރު، އިޒްރޭލުގެ އެއްގަމު ސިފައިންގެ ލަޝްކަރު މިހާރު އޮތީ ގާޒާ އަށް އަރައިގަންނަން ތައްޔާރުވެގެން ގާޒާގެ ރަށްބޭރުގަ އެވެ. ނަމަވެސް ގާޒާ އަށް އަރައިގަތުން ލަސްވަނީ، ގާޒާގައި ތިބި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ މީހުން އެ ސަރަހައްދުން ބޭރަށް ގެންދެވޭނެ ގޮތެއް މިހާތަނަށް ހަމަނުޖެހޭތީ، އެމެރިކާ އިން އެކަމަށް އެދިގެން ކަމަށް، އިޒްރޭލުގެ ޖެރޫސަލަމް ޕޯސްޓު ދުވަހު ނޫހުން ބުނެ އެވެ.

އެކި ގައުމުތަކުގެ ފަސް މަތިންދާބޯޓެއްގައި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނާއި ސިއްހީ އެހީގެ ސާމާނު މިސްރުގެ އަރީޝް އަށް ގެންގޮސްފައި ހުންނަތާ ވެސް މިހާރު ފަސް ދުވަސް ވެއްޖެ އެވެ. އޭގެ އިތުރުން މިސްރުން ފޮނުވާ އެހީގެ ސާމާނު ހިފައިގެން ދިޔަ 110 ލޮރީ އަދިވެސް އޮތީ ރަފަހް ބޯޑަރު ސަރަހައްދުގަ އެވެ.

އެ ލޮރީތަކުގައި 1000 ޓަނުގެ ކާބޯތަކެއްޗާއި އެއްގަމު މަހާއި 40 ހާސް ޓަނުގެ ރަޖަޔާއި 80 ފޭލިގެއާއި 46 ހާސް އަންނައުނާއި އެކި ބާވަތުގެ 290 ހާސް ބޭސްފުޅި ހިމެނެ އެވެ.

ގާޒާގެ އާބާދީގައި 2.3 މިލިއަން މީހުން ދިރިއުޅޭ އިރު، 2007 ވަނަ އަހަރުން ފެށިގެން ގާޒާ އޮންނަނީ، އިޒްރޭލުން ހިސާރު ކޮށްފަ އެވެ.

ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އިޒްރޭލުގެ ނަމުގައި އުފެއްދި ޔަހޫދީ ދައުލަތުން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން، އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށީ، މި މަހުގެ 7 ވަނަ ދުވަހު އެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވެސް ވަނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.