Roadha Mihaaru
މިސްކިތް، ފައްޅި، ހޮސްޕިޓަލްތަކަކީ އިޒްރޭލުގެ އަމާޒު

މިސްކިތް، ފައްޅި، ހޮސްޕިޓަލްތަކަކީ އިޒްރޭލުގެ އަމާޒުތައް

23 އޮކްޓޯބަރ 2023

ގާޒާ (އޮކްޓޯބަރު 23) - އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކަށް 17 ދުވަސް ވެގެން ދާއިރު، ގާޒާގެ މަދަނީ ކޮންމެ ތަނަކީ އިޒްރޭލުގެ އަމާޒަކަށް ހަދައި، މުޅި ގާޒާ އެކުގައި ސުންނާފަތި ކުރަން ފަށައިފި އެވެ.

ގާޒާ (އޮކްޓޯބަރު 23) - އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކަށް 17 ދުވަސް ވެގެން ދާއިރު، ގާޒާގެ މަދަނީ ކޮންމެ ތަނަކީ އިޒްރޭލުގެ އަމާޒަކަށް ހަދައި، މުޅި ގާޒާ އެކުގައި ސުންނާފަތި ކުރަން ފަށައިފި އެވެ.

އެ ގޮތުން މިސްކިތްތަކާއި ހޮސްޕިޓަލުތަކާއި މަދަރުސާތަކުގެ އިތުރުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ވެސް، އެއްވެސް ބެލުމެއް ނެތި ވައިގެ މަގުން ހަމަލާ ދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި އެވެ. ހަމާސްގެ ކިބައިން ބަދަލު ހިފުމުގެ ނަމުގައި ގާޒާ އަށް ހަމަލާ ދޭން ފެށި ނަމަވެސް، ހަމާސްގެ ހަނގުރާމަވެރިންނަށް ހަމަލާ ދިނުމުގެ ބަދަލުގައި އިޒްރޭލުގެ ހަމަލާތައް ގަސްދުގައި އަމާޒުކުރަމުން ދަނީ އާންމުންނަށެވެ.

ރޭ މެންދަމުން އަލިވި ފަހުން ދިން ހަމަލާތަކުގައި، ގާޒާގެ މެދުތެރޭގައި ހުންނަ އައްޝިފާ ހޮސްޕިޓަލު ކައިރި އަށާއި، ގާޒާގެ ހުޅަނގުގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލު ކައިރިއަށާއި ގާޒާގެ އުތުރުގައި ހުންނަ އިންޑޮނީޝިޔާ ހޮސްޕިޓަލު ކައިރި އަށް ބޮން އެޅި އެވެ. އެ ތިން ހޮސްޕިޓަލުގެ ތެރެއިން އަލް ގުދުސް ހޮސްޕިޓަލަކީ، ވީހާ އަވަހަކަށް ހުސްކުރުމަށް އިޒްރޭލުން އިންޒާރުކޮށްފައި ހުރި ތަނެކެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެ ހޮސްޕިޓަލުތަކުގެ ކައިރިއަށް ބާރު ގަދަ ހަމަލާތަކެއް މިދިނީ، އެ ހޮސްޕިޓަލުތަކަށް ވެސް ކޮންމެ ވަގުތަކު ވެސް ހަމަލާއެއް ދީފާނެ ކަން އެންގުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. އިޒްރޭލުން އިންޒާރުކުރި ނަމަވެސް، ހޮސްޕިޓަލުގައި ތިބި ބަލިމީހުން ގެންދާނެ އެހެން ތަނެއް ނެތުމުން، ހޮސްޕިޓަލުތައް ހުސްނުކުރެވޭނެ ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.

ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ އިދާރާ އިން ބުނި ގޮތުގައި ގާޒާގެ ހުޅަނގު ފަރާތުގައި ހުންނަ އެ އިދާރާގެ މަރުކަޒު ކައިރި އަށް ވެސް އިޒްރޭލު ސިފައިން ރޭގައި ބޮން އެޅި އެވެ. އެ މަރުކަޒަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ސާމާނު ބަހާ ތަނަކަށް ވާތީ، ގާޒާގެ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ މަރުކަޒު ކައިރި އަށް ޖަމާވެ އެވެ.

އަދި މިހާރު އެ މަރުކަޒަކީ ވެސް، ގާޒާގެ ގެދޮރު ގެއްލިފައިވާ އާންމުންގެ ގިނަ ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދަމުންދާ މަރުކަޒެކެވެ. އެ މަރުކަޒު ކައިރިއަށް ބޮން އެޅުމަކީ، އެ މަރުކަޒުގައި ތިބި ފަލަސްތީނުގެ އާންމުންނަށް ދިން އިންޒާރެއް ކަމަށް ބެލެވެ އެވެ.

ގާޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އާންމުން ދިރިއުޅޭ 2000 އަށް ވުރެ ގިނަ އިމާރާތް މިހާރު ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. އެ ހަމަލާތަކުގައި ފުރާނަ ސަލާމަތްވި މީހުން، ވަގުތީ ހިޔާވަހިކަން ހޯދަމުން އަންނަނީ، މިސްކިތްތަކާއި ފައްޅިތަކާއި ހޮސްޕިޓަލުތަކުގެ އިތުރުން، އދ.ގެ އިދާރާތަކުން ހިންގާ ސްކޫލްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކުންނެވެ.

ނަމަވެސް، ފަލަސްތީނުގެ މީހަކު ހުރިހެން ހީވާ ކޮންމެ ތަނަކީ، މިހާރު އިޒްރޭލުގެ އަމާޒެކެވެ. އެ ގޮތުން މިދިޔަ 16 ދުވަހުގެ ތެރޭގައި އިޒްރޭލުން ސީދާ މިސްކިތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ގާޒާގެ 26 މިސްކިތެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. އޭގެ އިތުރުން، 25 އަށް ވުރެ ގިނަ މިސްކިތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މިދިޔަ ހަފުތާގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން މިސައިލް ހަމަލާތަކެއްގައި، ގާޒާގައި ހުންނަ ދީނީ ކަންކަމާ ބެހޭ ވުޒާރާގެ މައި މަރުކަޒު ވަނީ ގޮއްވާލައިފަ އެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ހިންގާ ގުރުއާން ރޭޑިއޯ ސްޓޭޝަނަށް ވެސް ހަމަލާ ދީ ގޮއްވައިލި އެވެ.

އެއްގަމާއި ކަނޑާއި ވައިގެ މަގުން އިޒްރޭލުން ހިސާރު ކޮށްފައި އޮންނަތާ 16 އަހަރުވީ ގާޒާ އަށް، މި މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ހަމަލާ ދޭން ފެށީ، އަގްސާ ތޫފާންގެ ނަމުގައި އިޒްރޭލާ ދެކޮޅަށް ހަމާސް އިން ފެށި ހަނގުރާމަ އަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަމާސް އިން ބުނި ގޮތުގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފަށަން ޖެހުނީ، އިޒްރޭލު ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީން ތަކުރާރުކޮށް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑަމުން ދާތީ އެވެ.

އޭގެ އިތުރުން، އިރުމަތީ ގުދުސްގައި ގާއިމުކޮށްފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ހަރުކަށި ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ފަލަސްތީނު މީހުންނަށް ތަކުރާރުކޮށް ލިބެމުންދާ ގޯނާތަކާއި އަނިޔާތައް ހައްދުފަހަނައަޅައި ދިއުމުން ކަމަށް ހަމާސް ޖަމާއަތުން ބުނެ އެވެ.

ގާޒާގައި 2.2 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، މިހާރު ކުރަމުންދާ ހަނގުރާމައިގައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނުއުޅެވޭ ވަރުވެފައިވާތީ، ގާޒާގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ތިބީ ގެދޮރު ނެތި ހާލުގައި ޖެހިފަ އެވެ. ގަދަފަދަ ހަމަލާތަކުގައި އިމާރާތްތައް ފުނޑުފުނޑު ކުރަމުން ދިއުމުގެ އިތުރުން، ގާޒާގެ ދެކުނަށް ހިޖްރަކުރުމަށް ތަކުރާރުކޮށް އިޒްރޭލުން އިންޒާރު ދެމުން ދާތީ، ގާޒާގެ އުތުރުކޮޅުގައި މިހާރު ތިބީ ވަރަށް މަދު އަދަދެއްގެ ބައެކެވެ.

ހަނގުރާމައިގެ ހާލަތުގައި ވެސް ހަމަލާ ދިނުން މަނާ ތަންތަނަށް އިޒްރޭލުން ދިން ހަމަލާތަކުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ ހަމަލާ އެވެ. އެ ހަމަލާގައި ގާތްގަނޑަކަށް 500 މީޙުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި އެވެ.

އެފަދަ އަނެއް ހަމަލާއަކީ، ގާޒާގެ އުތުރު ކޮޅުން މެދުތެރޭގައި ހުންނަ، ނަސާރާ ފައްޅި އަށް މި މަހުގެ 19 ވަނަ ދުވަހު ދިން މިސައިލްގެ ވަރުގަދަ ހަމަލާ އެވެ. އެ ހަމަލާގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވި އެވެ. މި ފައްޅިއަށާއި އަލް އަހްލީ ހޮސްޕިޓަލަށް ވެސް ހަމަލާ ދިނީ، ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު އެ ދެ ތަނުގައި ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބިކަން އިޒްރޭލަށް އެނގުމުންނެވެ.

މި މަހުގެ 7 ވަނަ ދުވަހު ގާޒާ އަށް ހަމަލާ ދޭން ފެށުމަށް ފަހު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައިފަ އެވެ. އަދި އެއްވެސް ބާވަތެއްގެ ވިޔަފާރި މުދަލާއި ކާބޯތަކެތި އިޒްރޭލުން ގާޒާ އަށް ގެންދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން ގާޒާއަކީ އަސްކަރީ ހަރަކާތްތައް ހިނގާ ސަރަހައްދެއް ކަމަށް ކަނޑައަޅައި، އެއްވެސް މީހަކު ގާޒާ އަށް ވަދެނުކުތުން ވެސް އިޒްރޭލުން ވަނީ މަނާކޮށްފަ އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 17 ދުވަސް ވެގެން ދާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 4750 އަށް ވުރެ މަތިވެފަ އެވެ. ގާޒާ އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށް އިޒްރޭލުން ބުނާއިރު، ގާޒާ އިން ޝަހީދުވި މީހުންގެ ތެރޭގައި 1870 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1020 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އޭގެ އިތުރުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 14000 އަށް ވުރެ މަތިވެފަ އެވެ. ދިރިނުއުޅެވޭ ވަރަށް ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 2000 ން މައްޗަށް ގޮސްފައިވާ އިރު، ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކާ ގާތްވެފަ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.