Roadha Mihaaru
ގާޒާގެ ހޮސްޕިޓަލަށް ހަމަލާ ދިނީ ރާވައިގެން ގަސްތުގައި

ގާޒާގެ ހޮސްޕިޓަލަށް ހަމަލާ ދިނީ ދުރާލައި ރާވައިގެން ގަސްތުގައި

18 އޮކްޓޯބަރ 2023

ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް ރޭ ދިން ވަރުގަދަ ހަމަލާ އިން ރެކެވޭތޯ އިޒްރޭލުން އެތައް ބަހަނާއެއް ދައްކައިފި އެވެ. އެ ޒިންމާއިން އިޒްރޭލު ބަރީއަ ކުރެވޭތޯ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް އަވަދިނެތި ބަޔާންތައް ނެރެން ފަށައިފި އެވެ.

ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް ރޭ ދިން ވަރުގަދަ ހަމަލާ އިން ރެކެވޭތޯ އިޒްރޭލުން އެތައް ބަހަނާއެއް ދައްކައިފި އެވެ. އެ ޒިންމާއިން އިޒްރޭލު ބަރީއަ ކުރެވޭތޯ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް އަވަދިނެތި ބަޔާންތައް ނެރެން ފަށައިފި އެވެ.

ހަމައެފަދައިން، އެއީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަމަލާއެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް، ހުޅަނގުގެ މީޑިއާތަކުން ޚަބަރުތައް ފަތުރައިފި އެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ދިން ލާއިންސާނީ ހަމަލާގެ ފަހަތުގައިވަނީ އިޒްރޭލުކަން ސާފުކޮށް ދުނިޔެއަށް އޮތީ ފެންނާށެވެ.

އަލް އަހްލީ ހޮސްޕިޓަލަށް ރޭ އިރާކޮޅު 7:00 ހާއިރު ދިން ހަމަލާގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާ އިރު، އެންމެ ކުޑަމިނުން އެ ހަމަލާ ތަހުގީގު ކުރަން ގޮވާލަން ކެރުނު ގައުމެއް ނެތެވެ. އަދި އިޒްރޭލުން އެ ހަމަލާގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބުނަން ކެރުނު ގައުމެއް ވެސް ނެތެވެ.

ވަރަށް ފެން ގޮތަކަށް، ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ، ވަކި ބައެއްގެ ބޮލުގައި އެކަން ނާޅުވައި، ހޮސްޕިޓަލަކަށް ހަމަލާ ދިނުން ކުށްވެރިކޮށްފަ އެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން، ހަގީގަތް ފޮރުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އަލް އަހުލީ ހޮސްޕިޓަލަށް ދިން ހަމަލާއަކީ، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ދުރާލައި ރާވައިގެން ހިންގި ގަތުލު އާންމެއްކަން ސާފުކޮށް ފެންނަން އެބަ އޮތެވެ.

އެންމެ ފުރަތަމަ ކަމަކީ، ގާޒާގެ މެދުން ފެށިގެން އުތުރުގައިވާ ސަރަހައްދުން މީހުން ފައިބަން އިޒްރޭލުން އެންގި އެންގުމެވެ. އެބައިމީހުންގެ އަމިއްލަ ބިމުގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ރައްޔިތުން ގާޒާ އިން ފައިބައިގެން ދިޔުމަށް އެންގުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އިޒްރޭލަކަށް ނެތެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކުގެ އިތުރުން، އިޒްރޭލާއި ފަލަސްތީނާ ދެމެދު 1993 ވަނަ އަހަރު ސޮއިކޮށްފައިވާ އޮސްލޯ މުއާހަދާ އިން ސާފުކޮށް އެނގޭ ގޮތުގައި، ގާޒާއަކީ ފަލަސްތީނުގެ ބިމެވެ. އެ ބިމަށް އިޒްރޭލުގެ ބާރެއް އަދި އިޒްރޭލުގެ ގާނޫނުތަކެއް ވެސް ނުހިންގޭނެ އެވެ.

އަލް އަހުލީ ހޮސްޕިޓަލަކީ، ގާޒާގެ އުތުރު ކޮޅުން މީހުން ފައިބަން އިޒްރޭލުން އަންގާފައި އޮތް ސަރަހައްދުގެ މެދުތެރޭގައި ހުންނަ ހޮސްޕިޓަލެކެވެ. ގުދުސްގައި ހުންނަ ނަސާރާ ފައްޅީގެ ފަރާތުން ހިންގާ އެ ހޮސްޕިޓަލް ހުންނަނީ ގިނަ އަދަދެއްގެ ކްރިސްޓިއަނުން ދިރިއުޅޭ ސަރަހައްދެއްގަ އެވެ.

އެ ހޮސްޕިޓަލަށް ރޭ ހަމަލާ ދިން އިރު، އެތައް ހާސް ބަޔަކު އެ ހޮސްޕިޓަލުގައި އުޅުނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން ފަރުވާ ދިނުމަށް ގެނެސްފައި ތިބި މީހުންނެވެ. އަދި ޝަހީދުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުތައް މޯޗަރީގައި ވެސް ހުއްޓެވެ.

އޭގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ސުންނާފަތިވި އެތައް ބަޔަކު ވެސް، އެ ހޮސްޕިޓަލުގެ ހިޔާވަހިކަމުގައި އުޅެމުން އަންނަތާ ހަފުތާއެއްހާ ދުވަސްވެއްޖެ އެވެ. އެ ހޮސްޕިޓަލުގައި ކަންތައް ހުރީ އެ ގޮތުގެ މަތިންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އިޒްރޭލަށެވެ.

އަލް އަހުލީ ހޮސްޕިޓަލަށް ހަމަލާ ދިނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަމަލާ ދިން ވަގުތު އެ ހޮސްޕިޓަލުގައި ތިބީ، ފަރުވާ ހޯދުމަށް އައިސް ތިބި ބަލި މީހުންގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންނެވެ.

އޭގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އާންމުންގެ އެތައް ބަޔަކު ވެސް، އެ ވަގުތު ހޮސްޕިޓަލުގައި ތިބި ކަމަށް އެ އިދާރާ އިން ބުނެ އެވެ. ޑަބްލިޔޫއެޗްއޯގެ އެ ބަޔާނުން ސާބިތުވަނީ، އިޒްރޭލުން އެ ހޮސްޕިޓަލް ގޮއްވައިލި އިރު އެ ހޮސްޕިޓަލުގެ ތެރޭގައި، އެއްވެސް ހަނގުރާމަވެރިއަކު ނެތް ކަމެވެ.

އެ ހޮސްޕިޓަލަށް ރޭ ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ކުރިން ވެސް، އިޒްރޭލުން ވަނީ އެ ހޮސްޕިޓަލަށް ހަމަލާދީ އެ ތަން ހުސްކުރުމަށް ވެސް އިންޒާރުކޮށްފަ އެވެ. އެ ގޮތުން އިޒްރޭލުގެ ފުރަތަމަ އިންޒާރެއްގެ ގޮތުން، މިދިޔަ ހޮނިހިރު ދުވަހު (އޮކްޓޫބަރު 14، 2023) އެ ހޮސްޕިޓަލަށް ބޮޑުބަޑީގެ ދެ ހަމަލާ ދިނެވެ.

ޖެހިގެން އައި އާދީއްތަ ދުވަހު، އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިސަރަކު، އެ ހޮސްޕިޓަލުގެ މެނޭޖަރަށް ފޯނުން ގުޅައި "އިއްޔެ އަހަރެމެން ވާނީ ބޮޑުބަޑީގެ ދެ ހަމަލާއަކުން ކަލޭމެންނަށް އިންޒާރު ކޮށްފައި" ކަމަށް ބުނެ އެ ހޮސްޕިޓަލް ހުސްކުރަން އެންގި އެވެ.

އެ އިންޒާރު ދިން ނަމަވެސް، އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޒަޚަމްވެގެން އެ ހޮސްޕިޓަލަށް ގެންނަ މީހުންގެ އަދަދު ގިނަކަމުން، އެ ހޮސްޕިޓަލުން ބުނެފައިވަނީ އެތަން ހުސްކުރެވެން ނެތް ކަމަށެވެ. އެ ނިންމުގެ ފަހަތުގައި ދެ ސަބަބެއްވެ އެވެ.

ފުރަތަމަ ސަބަބަކީ، ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނާއި ސަރަހައްދުތަކަކީ، ހަނގުރާމައިގެ ހާލަތުގައި ވެސް ރައްކާތެރިކަން ލިބިގެންވާ ތަންތަން ކަމަށް ފުރަތަމަ ޖެނީވާ މުއާހަދާގައި ބުނެފައިވުމެވެ. އެ މުއާހަދާގެ އެނެކްސް 1ގެ 11 ވަނަ މާއްދާގައި ސާފު ބަހުން ބުނެފައި އޮންނަނީ، އެއްވެސް ހާލަތެއްގައި ހޮސްޕިޓަލު ސަރަހައްދުތަކަށް ހަމަލާއެއް ދީގެން ނުވާނެ ކަމަށާއި، ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން އެފަދަ ތަންތަނަށް ފުރިހަމަ އަށް ހުރުމަތްތެރިކޮށް ހިތައި އެ ތަންތަން ހިމާޔަތްކޮށްދޭންވާނެ ކަމަށެވެ.

ޖެނީވާ މުއާހަދާއަކީ، އިންސާނީ ހައްގުތަކުގެ ބިންގާ ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނާ މުއާހަދާ އަށް ވާއިރު، އެ މުއާހަދާއާ ޚިލާފަށް އެމީހުން އަމަލު ނުކުރާނެ ކަމަށް – މުޅިން ޔަގީން ނުވިޔަސް – ގަބޫލު ކުރެވޭތީ އެވެ.

ދެ ވަނަ ސަބަބަކީ، އިޒްރޭލުގެ އަމާޒަކީ ފަލަސްތީނުގެ މުސްލިމުން ކަމަށް ވެފައި، އެ ހޮސްޕިޓަލަކީ ފަލަސްތީނުގެ ނަސާރާއިން ހިންގާ ހޮސްޕިޓަލަކަށް ވާތީ، ނަސާރާއިން ހިންގާ އެފަދަ ހޮސްޕިޓަލެއް، އެ ތަނުގައި ތިބި ބަލިމީހުންނާ އެކުގައި ގޮއްވައިލާނެ ކަމަށް ނުބެލެވުމެވެ.

އެހެން ނަމަވެސް، ޖެނީވާ މުއާހަދާއަކީ ވެސް އަދި ބައިނަލްއަގުވާމީ އެހެން ގާނޫނުތަކާއި މުއާހަދަތަކަކީ ވެސް، އިޒްރޭލުގެ ކުރިމަތީގައި އަގެއް ހުރި އެއްޗެއް ނޫން ކަން މިއަދު ވަނީ ސާބިތުވެފަ އެވެ. ހަމަ އެފަދައިން، ޖެނީވާ މުއާހަދާ އަށް އަމަލުކުރުމަށް އެހެން ހުރިހާ ގައުމުތަކަށް ގޮވަމުންދާ އެމެރިކާ އާއި އިނގިރޭސިންނަށް ވެސް، އިޒްރޭލުގެ އެ އަމަލުތައް ގޯހެއް ނޫނެވެ.

އަލް އަހުލީ ހޮސްޕިޓަލް ގޮއްވައިލި ހާދިސާ ކުށްވެރިކޮށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ކުރެއްވި ޓުވީޓްގައި ވެސް، ވަކި ގައުމެއް ކުށްވެރިކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޮލްކާ ޓާކް ނެރުއްވި ބަޔާނުގައި ވެސް، އެ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކުރެއްވި ނަމަވެސް، އެކަން ކުރި ބައެއްގެ ނަން ވިދާޅުވާކަށް ނުކެރުނެވެ.

އެ ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ކުރިން، އިޒްރޭލުން އިއްޔެ ވަނީ، ގާޒާގެ މެދުތެރޭގައި ހުންނަ އަލް މަޣާޒީ ރެފިއުޖީ ފޭލިގެ އަވަށުގައި އދ.ގެ އެހީދޭ ޖަމިއްޔާ އިން ހިންގާ ސްކޫލަކަށް ވެސް ހަމަލާ ދީފަ އެވެ. އެ ހަމަލާގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުވި އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ވަޔާއި އެއްގަމާއި ކަނޑުމަގުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް ގާޒާގެ ނުވަ ހޮސްޕިޓަލެއް ވަނީ ޚިދުމަތް ނުދެވޭ ވަރަށް ސުންނާފަތި ކޮށްލައިފަ އެވެ. އޭގެ އިތުރުން ގާޒާގައި ހިންގާ ހޮސްޕިޓަލުތަކުގެ ތެރެއިން 20 ހޮސްޕިޓަލެއް ހުސް ކުރުމަށް، މިހާރު ވެސް އޮތީ އިޒްރޭލުން އަންގައި އިންޒާރުކޮށްފަ އެވެ.

ނަމަވެސް ޑަބްލިޔޫއެޗްއޯ އިން ބުނި ގޮތުގައި ބަލި މީހުން ގެންދާނެ ރައްކާތެރި އެހެން ތަނެއް ނެތި، ހޮސްޕިޓަލުތައް ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެތައް ބަލި މީހުންނެއް ނުރައްކާތެރި ހާލަތުގައި ތިބުމުގެ އިތުރުން، އެމްބިއުލާންސްތަކާއި ހޮސްޕިޓަލުގެ މުވައްޒަފުން ވެސް އެހާ މަދުއިރު، ހޮސްޕިޓަލުތައް ހުސް ކުރެވެން ނޯންނާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވައިގެ މަގުން ދިން މިސައިލް ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. މި ލާއިންސާނީ ހަމަލާގައި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް އަދިވެސް މުޅިން ސާފެއް ނުވެ އެވެ.

އިޒްރޭލުން ގާޒާ އަށް މިހާރު ދެމުންދާ ހަމަލާތަކަކީ، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ހަމަލާތަކެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 11000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އަގްސާ ތޫފާންގެ ނަމުގައި މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ފެށި ހަނގުރާމައިގައި ދިން ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނޭއިރު، ޒަޚަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 3900 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.