Roadha Mihaaru
އަގްސާ ތޫފާން: އިޒްރޭލުގެ 1000 މީހުން މަރާލައިފި

އަގްސާ ތޫފާން: އިޒްރޭލުގެ 1000 މީހުން މަރާލައިފި

09 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ފެށި ވަރުގަދަ ހަނގުރާމައިގައި އިޒްރޭލުގެ 1000 މީހުން މަރާލައި އެތައް ހާސް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ފެށި ވަރުގަދަ ހަނގުރާމައިގައި އިޒްރޭލުގެ 1000 މީހުން މަރާލައި އެތައް ހާސް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ ނޫސްތައް ބުނާ ގޮތުގައި ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 73 އަށް އަރައިފަ އެވެ. ނަމަވެސް ހަމާސް އިން ރަހީނުކުރި އިޒްރޭލު ސިފައިންގެ އަދަދާއި އެމީހުންނާ ބެހޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ހަނގުރާމަ ފެށިތާ 36 ގަޑިއިރު ވެގެން ދިޔަ އިރު ވެސް، ހަމާސްގެ ހަނގުރާމަވެރިން މައިތިރި ކުރުމުގައި އިޒްރޭލަށް ކުރިއެރުމެއް ނުލިބެ އެވެ. އިޒްރޭލުން 2006 ވަނަ އަހަރުން ފެށިގެން ހިސޯރުކޮށްފައި އޮތް ގާޒާގެ ތެރެއިން، އިޒްރޭލަށް ވަދެގަތް ހަނގުރާމަވެރިން އަދިވެސް ދަނީ ކުރިއަރަމުން ކަމަށް އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިޒްރޭލުގެ ބައެއް މީޑިއާތައް ބުނާ ގޮތުގައި އިޒްރޭލުގެ، މިސައިލުން ދިފާއުވާ ނިޒާމު، އެކަތައިގެ ގުއްބު މަސައްކަތް ކުރި ނަމަވެސް، ގާޒާގެ ތެރެއިން އެއްފަހަރާ އިޒްރޭލަށް ފޮނުވާލާ ރޮކެޓްތައް ގިނަކަމުން، އެ ހުރިހާ ރޮކެޓެއް ވައްޓައިލުމުގައި ދަތިތަކެއް ކުރިމަތިވެ އެވެ. އެހެންކަމުން ހަމާސްގެ ގިނަ ރޮކެޓްތަކެއް، މިދިޔަ 36 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ އެކި ތަންތަނަށް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ހަމާސް ޖަމާއަތުން ބުނި ގޮތުގައި އިޒްރޭލުގެ އެތެރެއަށް ވަދެ ހަނގުރާމަ ކުރަމުންދާ މުޖާހިދުންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ގާޒާގެ ތެރެއިން އިއްޔެ އާއި ރޭ ވެސް އިތުރު މުޖާހިދުން، ކާމިޔާބުކަމާއެކު އިޒްރޭލުގެ ތެރެއަށް ވަދެ އެމީހުންގެ ވާޖިބު އަދާކުރި އެވެ.

އިޒްރޭލުގެ އެންމެ ދުވަސްވީ ނޫސް ޔަދިއޯތު އަޙްރަނޯތު އިން ބުނެފައިވާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި އާންމުންގެ 150 މީހަކު ވަނީ ރަހީނުކޮށްގެން ގާޒާ އަށް ގެންގޮސްފަ އެވެ. ގާޒާގެ އުތުރުން އޮންނަ އަސްގަލާން ސަހަރަށް ރޭ އިރާކޮޅު ހަމާސް އިން ފޮނުވައިލި ރޮކެޓްތަކުގެ ތެރެއިން ބައެއް ރޮކެޓްތައް، އެ ސަހަރުގެ ތިން އިމާރާތަކަށް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އިޒްރޭލާ ދެކޮޅަށް ހަމާސް އިން އެއްގަމާއި ވަޔާއި ކަނޑުމަގުން ފެށި މި ހަނގުރާމައަކީ، އެ ޖަމާއަތުން ބުނާ ގޮތުގައި، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ފެށި ހަނގުރާމައެކެވެ. އެހެންކަމުން ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާ އެންމެން މި ހަނގުރާމައިގައި ބައިވެރިވުމަށް ހަމާސް އިން ވަނީ ގޮވާލައިފަ އެވެ.

ހަމާސްގެ އެ ގޮވައިލުމާ ގުޅިގެން، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިއްޔެ ވަނީ، އިޒްރޭލުން ހިފާފައިވާ ލުބްނާންގެ ޝިބްއާ ދަނޑުބިންތަކުގައި ތިބި ޔަހޫދީ ސިފައިންނަށް ރޮކެޓް ހަމަލާތަކެއް ދީފަ އެވެ.

ހަމާސް ޖަމާއަތަކީ އިޒްރޭލުން 2006 ވަނަ އަހަރުން ފެށިގެން ހިސޯރު ކޮށްފައި އޮންނަ ގާޒާގައި ވެރިކަން ކުރަމުން އަންނަ ޖަމާއަތެވެ. އެ އަހަރުން ފެށިގެން ގާޒާގެ ވަށައިގެން އިޒްރޭލުން ވަނީ ކަށި ނަރުގެ ވަރުގަދަ ފާރެއް ލައި، ގާޒާގެ ތެރެއިން އެއްވެސް މީހަކު އިޒްރޭލަށް ނުވަދެވޭނެ ހެން ބަންދުކޮށްފަ އެވެ.

ކަށިނަރުގެ ފާރު ހަލާކުކޮށްލުމަށް ފަހު، ހަމާސްގެ ހަނގުރާމަވެރިން ވަދެގަތީ ގާޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކަށެވެ. އެއަށް ފަހު، ޔަހޫދީ އާބާދީތަކުގައި ހުރި އިޒްރޭލުގެ އަސްކަރީ ކޭމްޕަކަށް ހަމާސްގެ ހަނގުރާމަވެރިން ހަމަލާ ދިނުމަށް ފަހު، ގިނަ އަދަދެއްގެ ބަޔަކު މަރާލައި، ގިނަ އަދަދެއްގެ ސިފައިން އަސީރުކޮށްގެން ގާޒާ އަށް ގެންދިޔަ އެވެ.