09 ނޮވެމްބަރ 2023
އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދު ކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ، ނިމުމެއް ފިކުރެއް ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެ ފިކުރު ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަލަސްތީނުގެ އަވައްޓެރި އުރުދުން އިން އިއްޔެ ބުނެފި އެވެ.
އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދު ކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ، ނިމުމެއް ފިކުރެއް ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެ ފިކުރު ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަލަސްތީނުގެ އަވައްޓެރި އުރުދުން އިން އިއްޔެ ބުނެފި އެވެ.
ޖޯޑްންގެ ވެރިރަށް އަންމާންގައި އިއްޔެ ބޭއްވި ކޮންފަރެންސެއްގައި ބައިވެރިވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޯޑްންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ ޣައްޒާގެ ހާލަތު ބަދަލުކުރަން އެދޭނަމަ، ޣައްޒާގެ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަ ދޭންޖެހޭ ކަމަށެވެ. އަދި މިހާރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަށް ފަހުގައި ޢަރަބި ނުވަތަ އެހެން ގައުމެއްގެ ލަޝްކަރަކުން ވިޔަސް ޣައްޒާގެ އިދާރީ ހިންގުމާ ހަވާލުވުމަކީ ޖޯޑްން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ، ހަނގުރާމަ އަށް ފަހު ޣައްޒާގެ ކަންކަން ހިންގައި އަމަން ބެލެހެއްޓުމާ ހަވާލުވާނީ އިޒްރޭލުން ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ. އަދި ހަނގުރާމަ އަށް ފަހު ޣައްޒާގެ ކަންކަން ހިންގުމާ ހަވާލުވާން، ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ސަރުކާރު ވެސް ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން ބުނެފައިވަނިކޮށެވެ.
އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދެމުން ދަނީ ހަމާސް ޖަމާއަތް ނައްތައިލަން ކަމަށް، ނަތަންޔާހޫ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ސަފާދީ ވިދާޅުވީ ހަމާސް އަކީ ހަމައެކަނި ޖަމާއަތެއް ނޫން ކަމަށާއި އެއީ ފިކުރެއް ކަމަށެވެ. އެހެންކަމުން ޣައްޒާގެ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ޣައްޒާގެ ހާލަތު ބަދަލުކުރަން އުޅުނަސް، އެކަން ކާމިޔާބު ނުވާނެ ކަމަށާއި ހަމާސްގެ ފިކުރު ވެސް ނައްތައިނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ އަދި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވޭ ފަދަ ސުލްހަވެރި ރޭވުމެއް ނެތި، އަދި ޣައްޒާގެ ރައްޔިތުން އެދޭ މިސްރާބަށް ބައިނަލްއަގުވާމީ މުޖްތަމައުގެ ފިޔަވަޅުތައް ސީދާ ނުކުރާ ނަމަ، ކޮންމެ ފަސް އަހަރަކުން ނުވަތަ ހަ އަހަރަކުން ހަނގުރާމައެއް ހިނގާނެ. އަދި މުޅި ދުނިޔެ ގޮވަމުން އެދާ ސުލްހައެއް ދުވަހަކު ވެސް މި ސަރަހައްދަކަށް ނާންނާނެ،" ސަފާދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭނީ ފަލަސްތީނުގެ ހުރިހާ ރައްޔިތުން ޝާމިލުވެގެންދާ ފަދަ ގޮތަކަށެވެ. އެއާ ޚިލާފަށް ޣައްޒާގެ މައްސަލަ ހައްލުކުރަން އުޅެފި ނަމަ، ޣައްޒާ އާއި ހުޅަނގު އައްސޭރި މުޅިން ވަކިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަނގުރާމަ އަށް ފަހުގައި ޣައްޒާގެ ކުރިމަގު ބައްޓަންކުރާނެ ގޮތަކާ މެދު އެއްވެސް ބަޔަކު ވާހަކަ ދެއްކުމަކީ ޖޯޑްން ދެކޮޅުހަދާނެ ކަމެއް. އަދި އެކަމާ ބެހޭ ގޮތުން މިހާރު އެ ރާވަމުންދާ ރޭވުންތަކަކީ ދުވަހަކު ވެސް ހަގީގަތަކަށް ހެދޭނެ ކަމެއް ނޫން. އަދި އެކަމަށް ޖޯޑްންގެ އެއްބާރުލުމެއް ވެސް ނުލިބޭނެ، އަދި ތާއީދެއް ވެސް ނުކުރާނަން."
އޭނާ ވިދާޅުވި ގޮތުގައި ޣައްޒާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ފަށަންޖެހޭނީ ވެސް، ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓައިލުމަށް ފަހުގަ އެވެ. އަދި އެއްވެސް ހާލަތެއްގައި، އަރަބި ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރެއް ނުވަތަ އިބްރީ ދައުލަތުގެ (އިޒްރޭލު) ލަޝްކަރަކުން ވިޔަސް، ޣައްޒާގެ އަމަން ބެލެހެއްޓުމަކީ ޖޯޑްން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެ ބިމުން ފައްސާލައި، ގަދަކަމުން އަވައްޓެރި ގައުމުތަކަށް ހިޖުރަކުރުވުމަކީ ޖޯޑްން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ޖޯންއަށް ހިޖްރަ ކުރުވަން އުޅުމަކީ، ޖޯޑްންއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން. އެފަދަ ހާލަތެއްގައި ޖޯޑްގެ ފުރިހަމަ ބާރާ އެކުގައި އެކަމާ ކުރިމަތިލައި ދެކޮޅު ހަދާނެ. ހަނގުރާމަ ފަށަމުން އިޒްރޭލުން ހުށަހެޅި އެ ހުށަހެޅުމަށް، މިސްރާއި ޖޯޑްން އަދި ފަލަސްތީނު ރައްޔިތުންގެ އިތުރުން، އިޒްރޭލުގެ މަދަދުގާރު އެމެރިކާ ވެސް ފާޅުގައި އެއޮތީ ދެކޮޅު ހަދާފައި."
ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް، ދުނިޔޭގެ ގައުމުތަކުން ގޮވާލަމުން އަންނަ އިރު ވެސް، އިޒްރޭލާއި އެމެރިކާ އަދި އިނގިރޭސި ވިލާތުން ބުނަނީ ހަނގުރާމަ ހުއްޓައިލެވެން ނެތް ކަމަށެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ރޭ ބުނި ގޮތުގައި އިޒްރޭލު ސިފައިން އިއްޔެ (ބުދަ ދުވަހު) ހިންގި ގަތުލުއާންމުތަކުގައި އެކަނިވެސް، ފަލަސްތީނުގެ 241 މީހަކު ޝަހީދުކޮށްލި އެވެ. އަދި އިއްޔެ ޝަހީދުވި މީހުންގެ ދެ ބައިކުޅަ އެއްބަޔަކީ، ޣައްޒާގެ އަމާން ސަރަހައްދެއް ކަމަށް އިޒްރޭލުން ބުނެފައިވާ ދެކުނު ސަރަހައްދުގެ އެކި އިމާރާތްތަކަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންނެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 34 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10560 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26900 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2500 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 165 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2380 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 210 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
ހުޅަނގުގެ ދެ މިންގަނޑާ މެދު ހައިރާންވޭ: ރާނީ ރާނިޔާ
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ