Roadha Mihaaru
ހުޅަނގުގެ ދެ މިންގަނޑާ މެދު ހައިރާންވޭ: ރާނީ ރާނިޔާ

ހުޅަނގުގެ ދެ މިންގަނޑާ މެދު ހައިރާންވޭ: އުރުދުންގެ ރާނީ ރާނިޔާ

26 އޮކްޓޯބަރ 2023

ދައްމާމް (އޮކްޓޯބަރު 26) - ފަލަސްތީނު ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ދައްކަންޖެހޭ ކޮންމެ ފަހަރަކު، ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ދެ މިންގަނޑާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށް އުރުދުންގެ ރާނީ ރާނިޔާ އަލް ޔާސީން ވިދާޅުވެއްޖެ އެވެ.

ދައްމާމް (އޮކްޓޯބަރު 26) - ފަލަސްތީނު ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ދައްކަންޖެހޭ ކޮންމެ ފަހަރަކު، ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ދެ މިންގަނޑާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށް އުރުދުންގެ ރާނީ ރާނިޔާ އަލް ޔާސީން ވިދާޅުވެއްޖެ އެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ އިބްނު އަލް ހުސައިންގެ އަނބިކަނބަލުން ރާނިޔާ، ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް ނެތި އިޒްރޭލުން ގާޒާގެ އާންމު ރައްޔިތުންގެ އެތައް ހާސް ބަޔަކު ގަތުލުކުރަމުން ދާއިރު ވެސް، ހުޅަނގުގެ ގައުމުތައް ވަނީ އެކަން ކުށްވެރިކުރުމުގައި ނުކުޅެދިފަ އެވެ. އަދި ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގާ ހަމަނުޖެހުންތައް ހުޅަނގުގެ ގައުމުތަކުން ކިރަނީ މުޅިން ތަފާތު ދެ މިންގަނޑަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި މެދުއިރުމަތީގެ އަދި އުރުދުންގެ ރައްޔިތުން ވެސް މިތިބީ ގާޒާ އަށް ކުރިމަތިވެފައި އެވާ ބޮޑު މުސީބާތާ މެދު ދުނިޔޭގެ ގައުމުތަކުން އަމަލުކުރަމުންދާ ގޮތާ މެދު ކުއްލި ސިހުމެއް ލިބި ނާއުންމީދު ވެފައި. މިދިޔަ ދެތިން ހަފުތާގެ ތެރޭގައި އަހަރެމެންނަށް މިފެނުނީ ބައިނަލްއަގުވާމީ މުޖްތަމައުން ގެންގުޅޭ ދެ މިންގަނޑުން ވަޒަން ކުރުމުގެ ސިޔާސަތު،" ރާނިޔާ ވިދާޅުވި އެވެ.

"އޮކްޓޫބަރު ހަތެއްގެ ހާދިސާ ހިނގުމާއެކު، މުޅި ދުނިޔެ ހަމަ ވަގުތުން އެއް އަޑަކުން އިޒްރޭލާ އެކުގައި ވާކަން ހާމަކޮށް، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް ބުނެ، ހަމާސް އިން އެ ދިން ހަމަލާ ކުށްވެރިކުރި. އެކަމަކު އޭގެ ކުރިން (ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން) ހިންގަމުން ދިޔަ ކަންކަމާ މެދު، އަހަރެމެންނަށް ފެނުނީ ދުނިޔެ ހަމަހިމޭނުން އޮތް މަންޒަރު."

ރާނިޔާ ވިދާޅުވި ގޮތުގައި ދުނިޔޭގެ މިޒަމާނުގެ ތާރީޚުގައި ވެސް، އިންސާނުންތަކަކަށް ވޭނާއި ކެކުޅުން ލިބެމުން ދާއިރު ވެސް، އެހަމަލާތައް ހުއްޓައިލަން ދުނިޔޭގެ ގައުމުތަކުން ގޮވާނުލައި އޮންނަ މިއީ ފުރަތަމަ ފަހަރު."

ރާރިޔާ ވިދާޅުވި ގޮތުގައި ގާޒާގައި ހިނގަމުންދާ ކަންކަމާ މެދު ހުޅަނގުގެ ގައުމުތަކުން އަމަލުކުރާ ގޮތުން، މެދުއިރުމަތީގެ އެންމެންނަށް މިފެންނަނީ، ނާއިންސާފަށް ހުޅަނގުން އެއްބާރުލުން ދެމުންދާ މަންޒަރެވެ.

"އަހަރެމެންނަށް ކިޔައިދީފައި މި އޮންނަނީ، ބަޑި ޖަހައި އާއިލާއެއް، އާއިލާ އެއްކޮށް މަރައިލުމަކީ ވަރަށް ނުބައި ކަމެކޭ. އެކަމަކު އެމީހުންނަށް ބޮން އަޅައި މަރައިލުމަކީ އެންމެ ރަނގަޅު ކަމަކަށް ވަނީތަ؟ އެހެންވެ މިބުނަނީ ދެ މިންގަނޑެއް އެބަ ގެންގުޅެޔޭ،" ރާނިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހުށަހަޅާފައިވާ އިޚްތިޔާރުތަކަކީ އިންސާނީ ދަރިފަސްކޮޅެއްގެ އެއްވެސް ބަޔަކަށް ދީގެންވާނެ ފަދަ އިޚްތިޔާރުތަކެއް ނޫނެވެ. އެމީހުން އިޚްތިޔާރު ކުރަންޖެހިފައިވަނީ، އަމިއްލަ ވަޒަނުން އަމިއްލަ އަށް ނުކުމެގެން ދިއުމާއި ގަދަކަމުން ފަހައި ބޭރުކުރުމާ ދެމެދުން ގޮތެކެވެ. ނުވަތަ ނަސްލު ނައްތައިލުމުގެ ހަރަކާތްތަކާ ކުރިމަތިލުމާއި ގަތުލުއާންމަކާ ކުރިމަތިލުން ކުރެ ގޮތެއް އިޚްތިޔާރު ކުރުމެވެ.

"މިއީ އެއްވެސް ބަޔަކާ ކުރިމަތިކޮށްގެންވާނެ އިޚްތިޔާރުތަކެއް ނޫން. ފަލަސްތީނުގެ ރައްޔިތުން، ގާޒާގެ ރައްޔިތުން އަނެއްކާ އެހެން ތަނަކަށް ހިޖުރަކުރަން މަޖުބޫރު ކޮށްގެން ނުވާނެ،" ގާޒާގެ ރައްޔިތުން އެ ބިމުން ފޭބުމަށް އިޒްރޭލުން ކުރިމަތިކުރަމުންދާ ފިއްތުންތަކަށް އިޝާރާތް ކުރައްވައި ރާނިޔާ ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 20 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 6500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 17500 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 1200 އާ ގާތްކުރާ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.