07 ސެޕްޓެމްބަރ 2023
ސައޫދީ އަރަބިއްޔާ އިން އިޒްރޭލާ އެކުގައި ޑިޕްލޮމެޓިކް ގުޅުން އުފެއްދުމާ މެދު ފަލަސްތީނު ސަރުކާރުން ޝަރުތުތަކެއް ކަނޑައަޅައިފި އެވެ.
ސައޫދީ އަރަބިއްޔާ އިން އިޒްރޭލާ އެކުގައި ޑިޕްލޮމެޓިކް ގުޅުން އުފެއްދުމާ މެދު ފަލަސްތީނު ސަރުކާރުން ޝަރުތުތަކެއް ކަނޑައަޅައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި މިހާރު ކުރިއަށް ދާ މަޝްވަރާތަކުގައި ފަލަސްތީނު ސަރުކާރުން ހުށަހަޅާފައިވާ ޝަރުތުތަކާ މެދު ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުންނާ އެކުގައި ވެސް، ފަލަސްތީނުގެ އޮފިޝަލުން މަޝްވަރާ ކުރައްވާނެ އެވެ. އިޒްރޭލާ އެކުގައި ސައޫދީ އަރަބިއްޔާ އިން ގުޅުން ގާއިމުކުރުމަށް ފަލަސްތީނު ސަރުކާރުން ޝަރުތުތަކެއް މިކަނޑައެޅީ، އެ ގުޅުން ގާއިމުކުރެވޭނީ ފަލަސްތީނު މައްސަލަ އަށް ހައްލެއް ލިބިގެން ކަމަށް ސައޫދީން ބުނެފައިވަނިކޮށެވެ.
އިޒްރޭލާ އެކުގައި ސައޫދީން ގުޅުން ގާއިމުކުރުމަށް ފަލަސްތީނުން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ފަލަސްތީނުގެ އިގްތިސާދާއި ފަލަސްތީނުގެ ބިމާ ގުޅޭ ކަންތައްތަކެވެ. މި މަޝްވަރާތަކުގައި ފަލަސްތީނު ސަރުކާރުން ބައިވެރިވަނީ، ފަލަސްތީނު ސަރުކާރުގެ ޖާސޫސީ އިދާރާގެ ވެރިޔާ މާޖިދު ފަރަޖް އާއި ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އާލް-ޝައިޚް އެވެ.
މި ބޭފުޅުން އިއްޔެ ވަނީ ފަލަސްތީނު ސަރުކާރުގެ ޝަރުތުތައް، ސައޫދީ އަރަބިއްޔާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދުލް އައިބާންއާ ހިއްސާ ކުރައްވައިފަ އެވެ. އަދި މިދިޔަ ހަފުތާގައި، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ބާބަރާ ލީފްއާ އެކުގައި ވެސް، ޖޯޑްންގެ ވެރިރަށް އަންމާންގައި އެ ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
އެ ގޮތުން ފަލަސްތީނުން ކަނޑައެޅި ފުރަތަމަ ޝަރުތުތަކަކީ، އިޒްރޭލުގެ ފުރިހަމަ އަޅުވެތިކަމުގެ ދަށުގައި މިހާރު އޮތް ހުޅަނގު އައްސޭރީގެ ބިންތަކުގެ ތެރެއިން، 1993ގެ އޮސްލޯ މުއާހަދާގައި އޭރިއާ ސީ ގެ ގޮތުގައި ބުނެފައިވާ ބިންތައް ފަލަސްތީނު ސަރުކާރާ ހަވާލުކުރުމެވެ. ދެ ވަނަ ޝަރުތަކީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ބިނާކުރަމުން އަންނަ ޔަހޫދީ އާބާދީތައް ހެދުން ވަގުތުން ހުއްޓައިލުމެވެ.
ތިން ވަނަ އަށް ފަލަސްތީނުން ހުށަހެޅި ޝަރުތަކީ، ސައޫދީ އަރަބިއްޔާ އިން ސައޫދީ އަށް ދެމުން އައިސް 2016 ވަނަ އަހަރުން ފެށިގެން މަދުކޮށް އަދި 2020 ވަނަ އަހަރުން ފެށިގެން އެއްކޮށް މެދުކަނޑާލާފައިވާ ފައިސާގެ އެހީ އަލުން ފަލަސްތީނަށް ދޭން ފެށުމެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރެވެ.
ހަތަރު ވަނަ އަށް ފަލަސްތީނުން ކަނޑައެޅި ޝަރުތަކީ ފަލަސްތީނާ އެކުގައި މުއާމަލާތު ކުރުމަށް އިރުމަތީ ގުދުސްގައި ހުޅުވާފައި ހުރި އެމެރިކާގެ ކޮންސުލޭޓް އަލުން ހުޅުވުމެވެ. އެ ކޮންސުލޭޓް ބަންދުކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގަ އެވެ.
ފަސް ވަނަ ޝަރުތަކީ، އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ފަލަސްތީނާ ދެމެދު ދައްކަމުން އައި ސުލްހައިގެ ވާހަކަތައް، 2014 ވަނަ އަހަރު މެދުކެނޑުނު ހިސާބުން ފެށިގެން އަލުން ކުރިއަށް ގެންދިއުމެވެ.
ފަލަސްތީނު ސަރުކާރުން މި ޝަރުތުތައް ކަނޑައެޅީ، ސައޫދީ އަރަބިއްޔާ އިން އިސްނަގައިގެން އިއުލާން ކުރި ސުލްހައިގެ އިސްނެގުމަށް (އަރަބި ސުލްހައިގެ އިސްނެގުން) ބިނާކޮށެވެ. އެ އިސްނެގުމުގައި ސައޫދީން ހުށަހަޅާފައި އޮތީ، ހިފާފައި ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ސިފައިން ފައިބައި، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ ދައުލަތެއް ހުޅަނގު އައްސޭރީ އާއި ގާޒާގައި ގާއިމުކުރުމުގެ ބަދަލުގައި، އަރަބި ގައުމުތަކުން އިޒްރޭލާ އެކުގައި ގުޅުން ގާއިމުކުރުމެވެ.
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
އިޒްރޭލަށް ދުނިޔޭގެ ތާއީދު ގެއްލެން ފަށައިފި: ބައިޑެން
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
އިޒްރޭލަށް އިތުރު ހަތިޔާރާއި އެހީ އެމެރިކާއިން ދެނީ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި
ޣައްޒާގެ ހަމަލާތައް ހުއްޓުވޭނެ އެއްބަސްވުމެއް އަދި ނެތް