Roadha Mihaaru

ފްރާންސުން ފަލަސްތީނުގެ ދައުލަތެއް ބޭނުންވާ ނަމަ ރިވިއޭރާ އިން ތަންކޮޅެއް ދެވިދާނެ: އެމެރިކާ

ފަލަސްތީނުގެ މިނިވަން ދައުލަތެއް އިއުލާނުކުރުމަށް ފްރާންސުން ވަކާލާތުކޮށް އެކަމުގައި އިސްވެ މަސައްކަތްކުރަމުން ދާތީ އެމެރިކާ ހިތްހަމަނުޖެހި ވާހަކަ ދައްކައިފި އެވެ.

ފްރާންސްގައި ފަލަސްތީނު ދައުލަތް ހެދިދާނެ: ހަކަބީ

ފަލަސްތީނުގެ މިނިވަން ދައުލަތެއް އިއުލާނުކުރުމަށް ފްރާންސުން ވަކާލާތުކޮށް އެކަމުގައި އިސްވެ މަސައްކަތްކުރަމުން ދާތީ އެމެރިކާ ހިތްހަމަނުޖެހި ވާހަކަ ދައްކައިފި އެވެ.

އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައިވާ ސަފީރު މައިކް ހަކަބީ ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ މިވަގުތު ފަލަސްތީނުގެ ދައުލަތެއް އިއުލާނުކޮށްގެން ނުކުންނާނެ ނަތީޖާއާ މެދު ވިސްނަންޖެހޭ ކަމަށާއި ފްރާންސުން އެކަން އެގޮތަށް ކުރަން ބޭނުންވާ ނަމަ ފްރެންޗް ރިވިއޭރާއިން ތަންކޮޅެއް ފަލަސްތީނަށް ކަނޑައަޅައި ފަލަސްތީނުގެ ދައުލަތް ކަމަށް އިއުލާނުކުރެވިދާނެ ކަމަށެވެ.

ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމާ ގުޅޭ ގޮތުން ސައޫދީ އަރަބިއްޔާއާ އެކު އދ.ގައި ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ ފްރާންސުން ވަނީ އެ ގައުމުން ފަލަސްތީނުގެ ދައުލަތް ވެސް މި އަހަރު ތެރޭ ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.

ފްރާންސަށް ފާޑު ކިޔަމުން ހަކަބީ ސިފަކުރި ގޮތުގައި "އިޒްރޭލު ހަނގުރާމައިގެ ތެރޭގައި އޮއްވައި" ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާއަށް އިޝާރާތްކޮށް ބުނީ އެ ހަމަލާއަށް ފަހު ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށެވެ.

"ފްރާންސުން ފަލަސްތީނުގެ ދައުލަތަކަށް އެހާ ބޮޑަށް ބޭނުންވެގެން އުޅޭ ނަމަ އަޅުގަނޑުގެ ހުށަހެޅުމެއް އެބަ އޮތް ... ފްރެންޗް ރިވިއޭރާއިން ތަންކޮޅެއް ފަލަސްތީނުގެ ދައުލަތަށް ހާއްސަކުރަންވީ. ފްރާންސުން ބޭނުންވާ ނަމަ އެކަން އެހެން ކުރެވިދާނެ. އެކަމަކު މިނިވަން ދައުލަތަކާ ދެކޮޅަށް އެހެން ޕްރެޝަރެއް ނުކުރެވޭނެ،" ހަކަބީ ނުރުހުމާ އެކު ބުންޏެވެ.

ފަލަސްތީނަށް އިޒްރޭލުން ކުރިމަތިކޮށްފައިވާ ދަތި ހާލަތު ރަނގަޅު ނުކުރާހާ ހިނދަކު ޔޫރަޕުން އިޒްރޭލާ މެދު ހަރުކަށިކަން ގެންގުޅެއް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ގޮވާލައްވާފައި ވާތީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުކުރު ދުވަހު ވަނީ މެކްރޮން "ޔަހޫދީ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްގެން" އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭގެ ކުރީ ދުވަހު އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 22 އާބާދީއެއް އަލަށް ތަރައްގީކުރަން ނިންމިކަން އިއުލާނުކޮށްފަ އެވެ. އަދި އޭގެ ފަހުން ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ވަނީ ހިފާފައިވާ އެ ސަރަހައްދުގައި "ޔަހޫދީ އިޒްރޭލުގެ ދައުލަތެއް" ބިނާކުރާނެ ކަމަށް ބުނެފަ އެވެ.

މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ކުރާ ކަމަކަށް ވިޔަސް، އިޒްރޭލުގެ ބޮޑު ސަޕޯޓަރެއް ކަމަށްވާ ހަކަބީ ވަނީ އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.