Roadha Mihaaru

ފަރަންސޭސި ގަރާރު ވީޓޯ ކުރާނަން: އެމެރިކާ

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި، ފަރަންސޭސި ވިލާތުން އިސްނަގައިގެން ސަލާމަތީ މަޖިލީހަށް ފޮނުވާފައިވާ ގަރާރު ވެސް ވީޓޯ ކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ފަރަންސޭސި ގަރާރު ވީޓޯ ކުރާނަން: އެމެރިކާ

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި، ފަރަންސޭސި ވިލާތުން އިސްނަގައިގެން ސަލާމަތީ މަޖިލީހަށް ފޮނުވާފައިވާ ގަރާރު ވެސް ވީޓޯ ކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

މިގަރާރު އެކުލަވާލައިފައި ވަނީ، މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އާއި ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން އާއި ޖޯޑަންގެ ރަސްގެފާނު އަބްދުﷲއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ. ތިން ގައުމުގެ ވެރިންގެ މަހާސިންތާގައި ޖޯޑަންގެ އަބްދުﷲ ރަސްގެފާނު ބައިވެރިވެވަޑައިގަތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިސްރުގެ ރައީސް މިހާރު ހުންނެވީ ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގަ އެވެ.

މި ތިން ގައުމުން އެކުލަވައިލި ގަރާރުގެ ދެލިކޮޕީ، ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ސަފީރުންނަށް ރޭގައި ފޮނުވައިފި އެވެ. މި ގަރާރާ މެދު ބަހުސްކުރާނީ މިހާރު ކުރިއަށްދާ ސިއްރު މަޝްވަރާތަކުގެ ތެރެއިންނެވެ. އެހެންކަމުން، މި ގަރާރަށް ވޯޓަށް އަހާނެ ދުވަހެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް، މި ތިން ގައުމާ ގުޅުން ހުރި ޑިޕްލޮމޭޓުން ވިދާޅުވި ގޮތުގައި މަސައްކަތްކުރަމުން ދަނީ ވީ އެންމެ އަވަހަކަށް ގަރާރަށް ވޯޓަށް އެހުމަށެވެ.

ގަރާރާ ބެހޭ ގޮތުން ރަސްމީ ގޮތެއްގައި އަދި މަޝްވަރާތައް ނުފެށި އުޅެނިކޮށް، ގަރާރު ވީޓޯ ކުރާނެ ކަމަށް އެމެރިކާއިން ބުނުމާ ގުޅިގެން، މި ގަރާރު ފާސްނުވާނެ ކަމުގެ ޔަގީންކަން ލިބުނީ އެވެ. އެމެރިކާއިން ބުނި ގޮތުގައި ހަމަލާތައް ހުއްޓައިލުމަށް އިޒްރޭލަށާއި ފަލަސްތީނަށް ގޮވާލާފައިވާ އެ ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފިއްޔާ، ގާޒާގެ ހަމަނުޖެހުމަށް ހައްލެއް ހޯދުމަށް މިހާރު ކުރަމުން އަންނަ މަސައްކަތް ފަނުފުލުން ދާނެ އެވެ.

ސަލާމަތީ މަޖިލީހުގެ މިދައުރުގެ ރިއާސަތު ބަލަހައްޓަވާ، ޗައިނާގެ ސަފީރު ޝަންގް ޖުން އިއްޔެ ވިދާޅުވީ، އެފަދަ ގަރާރެއްގެ ދެލިކޮޕީ މިހާރު ތައްޔާރުވެފައިވާ ކަން، އދ.ގައި ހުންނަވާ ފަރަންސޭސި ސަފީރު ނިކޮލަސް ޑި ރިވޭރް އަންގަވާފައިވާ ކަމަށެވެ. ޖުން ވިދާޅުވި ގޮތުގައި ތިން ގައުމުން އެކުލަވައިލި ގަރާރުގެ ދެލިކޮޕީ ނިމިފައިވާ ކަން ފަރަންސޭސި ސަފީރު އެންގެވީ، މިހާރު ކުރިއަށްދާ ސަލާމަތީ މަޖިލީހުގެ ސިއްރު މަޝްވަރާތަކުގެ ތިން ވަނަ ބުރުގެ ވާހަކަތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު އެވެ.

މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން، ސަލާމަތީ މަޖިލީހުން ފާސްކުރުމަށްޓަކައި، ހަމަލާތައް ހުއްޓައިލުމަށް ގޮވައިލާ ބަޔާނެއްގެ ދެލިކޮޕީ ތައްޔާރުކުރި އެވެ. ނަމަވެސް އެ ތިން ފަހަރުވެސް އެބަޔާން ފާސްނުވީ އެމެރިކާއިން އެ ބަޔާނަށް ދެކޮޅު ހެދުމުންނެވެ.

އެންމެ ފަހުން ސަލާމަތީ މަޖިލީހަށް ހުށަހެޅީ، ޗައިނާ، ޓިއުނީޝިއާ އަދި ނޯވޭ ގުޅިގެން އެކުލަވައިލި ބަޔާނެއްގެ ދެލިކޮޕީ އެވެ. އެ ދެލިކޮޕީ އަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ މެންބަރު 15 ގައުމުގެ ތެރެއިން އެމެރިކާ ފިޔަވައި، އަނެއް 14 ގައުމު އެއްބަސްވެ އެވެ. ސަލާމަތީ މަޖިލީހުން އާންމުކުރާ ނޫސް ބަޔާންތަކާއި ރިއާސަތުން ނެރޭ ބަޔާންތައް، އާންމުކުރެވޭނީ ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވުމުންނެވެ.

މިއާ ހިލާފަށް ސަލާމަތީ މަޖިލީހުން ފާސްކުރާ އަދި އެއާ އެއްގޮތަށް މެމްބަރު ގައުމުތަކުން އަމަލުކުރުން ލާޒިމްވާ ގަރާރުތައް ފާސްކުރުމަށް ހުރިހާ ގައުމުތަކުގެ ތާއީދު ބޭނުމެއް ނުވެ އެވެ. ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްވާނީ، މަދުވެގެން ނުވަ މެމްބަރު ގައުމުގެ ތާއީދު ލިބި، ދާއިމީ އެއްވެސް މެންބަރު ގައުމަކުން ވީޓޯ ނުކުރާ ނަމަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ހުށަހެޅުނު ބަޔާންތަކަށް އެމެރިކާއިން ދެކޮޅު ހެދި ފަދައިން، ފަރަންސޭސި ވިލާތާއި މިސްރު އަދި ޖޯޑަން ގުޅިގެން މި ތައްޔާރުކުރި ގަރާރު ވެސް އެމެރިކާއިން ވީޓޯ ކުރާނެ ކަމަށް ބެލެވެއެވެ.

އިޒްރޭލުން ގާޒާ އަށް މިހާރު ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ 227 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި 64 އަށް ވުރެ ގިނަ ކުޑަކުދިންނާއި 38 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ގެދޮރު ހަލާކުވުމުގެ ސަބަބުން ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ 50 ހާހަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ހާލުގައި ޖެހިފައިވާ ގިނަ މީހުން ވަގުތީ ގޮތުން ތިބީ މަދަރުސާތަކާއި، ޕާކުތަކުގައި ހަދާފައިވާ ވަގުތީ ޖިފުޓިތަކުގަ އެވެ. ގާތްގަނޑަކަށް 1000 ކުދިންގެ ޖާގައިގެ މަދަރުސާތަކުގައި ވެސް 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އެބަދެ އެވެ. މިތަންތަނުގައި މީހުން ތޮއްޖެހިފައި ތިބުމުގެ ސަބަބުން، ކޮރޯނާގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިގެން ދިޔުމުގެ ބިރުވެރިކަން އެބަ އޮތް ކަމަށް، ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.