Roadha Mihaaru

އދ. ގެ ފަލަސްތީން ރެޕަޓުއާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ފަލަސްތީނުގެ ބިންތަކާ ގުޅޭ އދ.ގެ ހާއްސަ މާހިރު ފްރަންސެސްކާ އަލްބަނީޒް، އެމެރިކާއިން ޣައްޒާގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވަމުން ގެންދަވާތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެކަން އިއުލާނުކުރައްވައިފި އެވެ.

އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު

ފަލަސްތީނުގެ ބިންތަކާ ގުޅޭ އދ.ގެ ހާއްސަ މާހިރު ފްރަންސެސްކާ އަލްބަނީޒް، އެމެރިކާއިން ޣައްޒާގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވަމުން ގެންދަވާތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެކަން އިއުލާނުކުރައްވައިފި އެވެ.

"އަޅުގަނޑު މިއަދު މި ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒްއާ ދެކޮޅަށް. އެއީ އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުންނާއި ކުންފުނިތަކާއި ކުންފުނިތަކުގެ ވެރިންނާ ދެކޮޅަށް [އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް މެދުވެރިކޮށް] ފިޔަވަޅު އަޅަން ޣައިރު ގާނޫނީ މަސައްކަތެއް ކުރާތީ،" ރުބިއޯ ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.

އޭގެ ފަހުން ނެރުއްވި ބަޔާނެއްގައި ރުބިއޯ ވަނީ އަލްބަނީޒް އެމެރިކާ ކުށްވެރިކޮށް އަބަދު ވާހަކަ ދައްކަވާތީ އެކަން ކުށްވެރިކޮށް އަދި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނީ އަލްބަނީޒްގެ ލަފަޔާ ވެސް އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އަލްބަނީޒް އަކީ ޔަހޫދީންނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަމުން ރުބިއޯ ވިދާޅުވީ އެމެރިކާގެ އެކި ކުންފުނިތަކަށް "އިންޒާރުގެ ސިޓީތައް" ރުބިއޯ ފޮނުއްވަމުން ގެންދަވާ ކަމަށެވެ. ރޫބިއޯ ވަނީ "ހަގީގަތެއް ނެތް ތުހުމަތުތަކެއްގެ" މައްޗަށް ބިނާކޮށް އައިސީސީން އެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިންނަށް ދައުވާ ކުރަން ބާރުއަޅަމުންދާ ކަމަށް ވެސް ރުބިއޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމީ މަސްލަހަތާއި އިސްތިގުލާލަށް ނުރައްކާވާ ސިޔާސީ އަދި އިގްތިސާދީ ހަނގުރާމައިގެ މި ކެމްޕޭންތައް އަޅުގަނޑުމެން ބަލައެއް ނުގަންނާނަން،" ރޫބިއޯ ވިދާޅުވި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އަލްބާނީޒް އައްޔަންކޮށްފައި ހުރި ނަމަވެސް އެއީ އދ. ތަމްސީލު ކުރައްވާ ބޭފުޅެއް ނޫނެވެ.

އިޓަލީއަށް އުފަން ބޭފުޅެއް ކަމަށްވާ އަލްބަނީޒް މި މަހުގެ ކުރީކޮޅު ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން މަންފާވާ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން ވިޔަފާރީގެ ގޮތުން ފައިދާވާ ކުންފުނިތަކުގެ ލިސްޓެއް އާންމުކުރައްވައިފަ އެވެ.

މި ރިޕޯޓާ ގުޅިގެން އިޒްރޭލުން ނުރުހުން ފާޅުކޮށްފައި ވާއިރު އެ ލިސްޓުގައި ހިމެނޭ ބައެއް ކުންފުނިތަކުން ވެސް ޝަކުވާ ކޮށްފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޣައްޒާގެ މައްސަލައިގައި ގެންގުޅުއްވާ ސިޔާސަތަށް އަލްބަނީޒް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. ޣައްޒާއިން މީހުން ބާލައި އެހެން ގައުމުތަކަށް ބަދަލުކުރުމާ ބެހޭ ގޮތުން މި އަހަރުގެ ކުރީކޮޅު ޓްރަމްޕު ދެއްކެވި ވާހަކަތަކަށް އޭނާ ވަނީ ވަރަށް ހަރުކަށިކަމާ އެކު ދެކޮޅު ހައްދަވައި ރައްދު ދެއްވައިފަ އެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އަލްބަނީޒް ވަނީ ވިދާޅުވެފަ އެވެ. އދ. އިން ވެސް ވަނީ އެމެރިކާގެ ނިންމުމަކީ ވަރަށް ނުރައްކާ ފެށުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. -- އޭއެފްޕީ