Roadha Mihaaru

ޣައްޒާ ބަނޑަށްޖެހިފައިވާކަން އދ. އިން ރަސްމީކޮށް ކަނޑައަޅައިފި

އިޒްރޭލުން ގަސްތުގައި އަޅަމުންދާ ހުރަސްތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށްޖެހިފައިވާ ކަމަށް އދ. އިން އިއްޔެ ރަސްމީކޮށް ކަނޑައަޅައި އިއުލާނުކޮށްފި އެވެ.

ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި

އިޒްރޭލުން ގަސްތުގައި އަޅަމުންދާ ހުރަސްތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށްޖެހިފައިވާ ކަމަށް އދ. އިން އިއްޔެ ރަސްމީކޮށް ކަނޑައަޅައި އިއުލާނުކޮށްފި އެވެ.

އިޒްރޭލުން މެދުނުކެނޑި ހަމަލާ ދެމުން ގެންދާތާ 22 މަސް ދުވަސް ފަހުން އދ. އިން މިގޮތަށް ކަނޑައެޅުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ދޮގެއް ކަމަށް ބުނެ އދ. ކުށްވެރިކޮށްފަ އެވެ.

އދ.ގެ އިއުލާނާ އެކު ހަމާސް އިން ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނެސް ޣައްޒާގެ ހިސާރު އުވާލައި އާންމުންނަށް ކާބޯތަކެތި ލިބޭނެ ގޮތް ހަދައިދޭން އދ. އަށް ގޮވާލައިފަ އެވެ. އަނެއްކޮޅުން، އިޒްރޭލުގެ ހަރުކަށި ޑިފެންސް މިނިސްޓަރު ވަނީ އދ.ގެ ރިޕޯޓަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ބުނެ ކުރިއަށްވުރެ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ރޯމްގައި ހުންނަ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން އިނީޝިއޭޓިވް (އައިޕީސީ) އިން ބުނި ގޮތުގައި ޣައްޒާ ސިޓީ ހިމެނޭ ގޮތަށް ފަލަސްތީނުގެ ފަސްބައިކުޅަ އެއްބައި ހިމެނޭ ޣައްޒާ ސަރަހައްދުގެ 500،000 މީހުންނަށް ކާރިސާގެ އަސަރު ދަނީ ކުރަމުންނެވެ.

އައިޕީސީން ލަފާކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ދީރުލް ބަލަހް އާއި ޚާން ޔުނިސް ސަރަހައްދަށް މި ކާރިސާ ފެތުރި، ގާޒާގެ ތިންބައިކުޅަ ދެބައި މީހުންނަށް މިކަމުގެ އަސަރު ކުރާނެ އެވެ.

އދ.ގެ އެހީގެ މަސައްކަތުގެ ިއސް ވެރިޔާ ޓޮމް ފްލެޗާ ވިދާޅުވީ، މިއީ ކުރިމަތިނުވެ ސަލާމަތްކުރެވޭނެ ކާރިސާއެއް ކަމަށާއި، އިޒްރޭލުން ނިޒާމީ ގޮތުން ހުރަސް އެޅުމުގެ ސަބަބުން، ކާބޯތަކެތި ފޯރުކޮށްދެވެން ނެތިގެން މި ހާލަތު ކުރިމަތިވީ ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި ހާލަތު މިހެން ދެމި އޮތުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ތުރުކް ވިދާޅުވީ ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އަދި މި މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ނަތަންޔާހޫ އަމުރު ނެރެފައިވާކަން ފާހަގަކުރެއްވި އެވެ.

އައިޕީސީގެ ރިޕޯޓުގައި ބުނެފައިވަނީ ޣައްޒާގެ ފަސް ލައްކައަށްވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމާއި ފަގީރުކަމާއި މަރަށް ހުށަހެޅިފައިވާ ކަމަށެވެ.

ޣައްޒާ މި ހާލަތުގައި އޮތް އިރު އިޒްރޭލުން މިހާރު ގެންދަނީ މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމަށް ހަމަލާތައް ވަރުގަދަކުރަމުންނެވެ.