Roadha Mihaaru

އެހީ ބަލައި ދިޔަ މީހުންނަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަން އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ، އެމެރިކާގެ އެހީގައި ހިންގާ އެހީގެ މަރުކަޒު ކައިރީގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެ އަދި ޒަހަމްވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގޮވާލައްވައިފި އެވެ.

އެހީ ބަލައި ދިޔަ މީހުންނަށް ހަމަލާދިން މައްސަލަ ބަލަނީ

ފަލަސްތީނުގެ ޣައްޒާގައި ހުންނަ، އެމެރިކާގެ އެހީގައި ހިންގާ އެހީގެ މަރުކަޒު ކައިރީގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެ އަދި ޒަހަމްވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގޮވާލައްވައިފި އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި ރަފަހްގައި ހުންނަ އެހީގެ މަރުކަޒު ކައިރީގައި އިޒްރޭލުން ބަޑިން ހަމަލާ ދިނުމުން 31 މީހުން ޝަހީދުވެ، 176 މީހުން ޒަޚަމްވެފައިވެ އެވެ. ކައިރީގައި ހުރި ހޮސްޕިޓަލްތަކުން ވެސް ވަނީ ބަޑީގެ ހަމަލާތަކުން ޒަހަމްވެގެން ފަރުވާ ހޯދަން އަންނަ މީހުން ކުއްލިއަކަށް ގިނަވެފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް، އެހީ ހޯދަން އެތައް ހާސް ބަޔަކު ޖަމާވެފައި ވަނިކޮށް އެތަނަށް ބަޑިޖެހި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. ކުރި ކަމަކީ އެހީގެ މަރުކަޒާ އެއް ކިލޯމީޓަރު ދުރުގައި، ސިފައިންނާ ދިމާލަށް ދިޔަ ބަޔަކަށް އިންޒާރުގެ ގޮތުން ބަޑި ޖެހުން ކަމަށް ވަނީ ބުނެފަ އެވެ.

"އިއްޔެ ޣައްޒާގައި އެހީ ހޯދަން އުޅެނިކޮށް ފަލަސްތީނު ބަޔަކު ޝަހީދުވެ އަދި ޒަހަމްވި ކަމުގެ ޚަބަރު ލިބުމުން ކަންބޮޑުވި. ކާބޯތަކެތި ހޯދަން ފަލަސްތީނުގެ އާންމުން ފުރާނަ ނުރައްކަލަށް ހުށަހަޅަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މީހުން މަރުވުމުގެ ޒިންމާ ވަކި ބައެއްގެ ގޮތުގައި ނާޅުވައި ގުޓަރެޒް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ، މިކަންކަމުގެ މިނިވަން ތަހުގީގެއް މިހާރުން މިހާރަށް ހިންގައި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވަން."

އިޒްރޭލާއި އެމެރިކާ ގުޅިގެން ޣައްޒާގައި އެހީ ފޯރުކޮށްދޭ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ މަސައްކަތް އިންތިޒާމްވެފައި ވަނީ މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އދ.ގެ އެހީގެ މަސައްކަތް އިޒްރޭލުން ޣައްޒާގައި ހުއްޓުވުމަށް ފަހު އަލުން ފަށައިގެން އުޅޭ ޖީއެޗްއެފް އާ އެކު މަސައްކަތް ނުކުރާނެ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.