Roadha Mihaaru

ޣައްޒާ ރައްޔިތުން ލީބިޔާއަށް ބަދަލުކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ފަލަސްތީނުގެ ޣައްޒާއިން މީހުން ބާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހިޔާލު ތަންފީޒުކުރަން ޣައްޒާގެ ބައެއް މީހުން ލީބިޔާއަށް ގެންދިއުމާ މެދު އެ ގައުމާ އެކު މަޝްވަރާކުރި ކަމަށް ބުނާ ވާހަކަ އެމެރިކާއިން ދޮގުކޮށްފި އެވެ.

ޣައްޒާ ރައްޔިތުން ލީބިޔާއަށް ގެންދާ ވާހަކަ ދޮގުކޮށްފި

ފަލަސްތީނުގެ ޣައްޒާއިން މީހުން ބާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހިޔާލު ތަންފީޒުކުރަން ޣައްޒާގެ ބައެއް މީހުން ލީބިޔާއަށް ގެންދިއުމާ މެދު އެ ގައުމާ އެކު މަޝްވަރާކުރި ކަމަށް ބުނާ ވާހަކަ އެމެރިކާއިން ދޮގުކޮށްފި އެވެ.

ޣައްޒާގެ ދެ މިލިއަނަށް ވުރެ ބޮޑު އާބާދީން މިލިއަނެއްހާ މީހުން ދާއިމީކޮށް ލީބިޔާއަށް ބަދަލުކުރުމާ ބެހޭ ގޮތުން ޓްރަމްޕުގެ ސަރުކާރުން ލީބިޔާ ސަރުކާރާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ މިދިޔަ ބުރާސްފަތި ދުވަހު އެންބީސީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އެ ވާހަކަ ދޮގުކޮށް، ލީބިޔާގައި ހުންނަ އެމެރިކާ އެމްބަސީން އެކްސްގައި ކުރި ކުރު ޕޯސްޓެއްގައި ބުނީ "ޣައްޒާ ރައްޔިތުން ލީބިޔާއަށް ބަދަލުކުރުގެ ޕްލޭނެއް ގެންގުޅޭ ކަމަށް ބުނާ ރިޕޯޓަކީ ދޮގެއް" ކަމަށެވެ.

އެންބީސީން ބުނެފައިވަނީ ފަސް އޮފިޝަލަކު އެ ވާހަކަ ޔަގީންކޮށްދިން ކަމަށާއި އޭގެ ތެރެއިން ދެ އޮފިޝަލަކީ ސީދާ ގޮތުން އެ މަޝްވަރާގެ މައުލޫމާތު އެނގޭ ބޭފުޅުން ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ލީބިޔާއަކުން އަދި އެއްޗެއް ނުބުނެ އެވެ.

މި ވާހަކަ ފެތުރިފައި ވާއިރު ޓްރަމްޕް ވަނީ ޣައްޒާއިން މީހުން ހުސްކުރަން އެތަނުގެ ރައްޔިތުން މިސްރާއި އުރުދުންއަށް ގެންދާނީ ކަމަށާއި އޭގެ ފަހުން ޣައްޒާ ބަދަލުކޮށްލާނީ ރީތި ރިސޯޓަކަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިސްލާމީ އަދި އަރަބި ގައުމުތަކުގެ ދެކޮޅުހެދުން ބޮޑުވުމުން ފަހުން ވަނީ އެއީ ހަމައެކަނި ހިޔާލެއް ކަމަށާއި އެއްވެސް މީހަކު ގަދަކަމުން ނުގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިޒްރޭލުން ތަކުރާރުކޮށް ބުނަމުންދަނީ ޓްރަމްޕުގެ ޕްލޭން ތަންފީޒުކުރަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ޣައްޒާއިން ހަމާސް ނައްތާލުމުގެ ފަހު މަރުހަލާ ކަމަށް ބުނެ ހަމަލާތައް ވަރުގަދަކޮށް މިދިޔަ ދެތިން ދުވަހު ވަނީ ޣައްޒާއިން އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލައިފަ އެވެ.

އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާގައި ޝަހީދުކުރި މީހުންގެ އަދަދު ވަނީ 53،272 އަށް އަރައިފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.