Roadha Mihaaru

ޣައްޒާގައި 60 ދުވަހަށް ހަމަލާތައް މެދުކަނޑާލަން ޓްރަމްޕު އެދެފި

ފަލަސްތީނުގެ ޣައްޒާގައި 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އިޒްރޭލު ރުހޭ ކަމަށާއި އެހެންވެ ހަމާސް އިން ވެސް އެކަމަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެދިވަޑައިގަންނަވައިފި އެވެ.

ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ޓްރަމްޕު އެދެފި

ފަލަސްތީނުގެ ޣައްޒާގައި 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އިޒްރޭލު ރުހޭ ކަމަށާއި އެހެންވެ ހަމާސް އިން ވެސް އެކަމަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެދިވަޑައިގަންނަވައިފި އެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފުތާގައި އެމެރިކާއަށް ދާން ހަމަޖެހިފައި ވާއިރު އޭގެ ކުރިން އިޒްރޭލުގެ އޮފިޝަލުންނާ ވަނީ ހަމަލާތައް ވަރުގަދަވަމުންދާ މައްސަލައާ ބެހޭ ގޮތުން އޭނާގެ މަންދޫބުން މަޝްވަރާކޮށްފައި ކަމަށެވެ.

"މި މަޝްވަރާތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް 60 ދުވަހަށް މެދުކަނޑާލަން ޝަރުތުތަކަކާ އެކު އެއްބަސްވެފައި. ދެން އެ ލިބޭ ވަގުތުގައި ހަނގުރާމަ އެއްކޮށް ހުއްޓުމަކަށް ގެނައުމަށް ދެ ފަރާތުން މަސައްކަތްކުރާ ގޮތަށް،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

ހަމަލާތައް ހުއްޓުމަކަށް ގެންނަން މެދުވެރިންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ގަތަރާއި މިސްރުގެ މަންދޫބުން މިކަމުގެ ފައިނަލް ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ މެދުއިރުމަތީގެ ހާލަތަށްޓަކައި ހަމާސް އިން މި ހުށަހެޅުން ގަބޫލުކުރާނެ ކަމަށް. ސަބަބަކީ ދެން މިއަށްވުރެ ރަނގަޅު ހުށަހެޅުމެއް ނުލިބޭނެ. ދެން ވާނީ ގޯސް،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

ޓްރަމްޕު އިއްޔެ ވިދާޅުވެފައި ވަނީ އޭނާ މި މަހުގެ ހަތް ވަނަ ދުވަހު ނަތަންޔާހޫއާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައި ވާއިރު ހަމަލާތަކާ ގުޅޭ ގޮތުން "ވަރަށް ހަރުކަށި" ވާނެ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގޮސް އީރާނަށް ވެސް ހަމަލާދިނުމާ އެކު ފެށުނު ހަނގުރާމަ 12 ދުވަހަށް ފަހު ނިމުމަކަށް ގެނައުމަށް ލިބުނު ފުރުސަތަކީ ޓްރަމްޕު ވެސް ގަބޫލުކުރައްވާ ގޮތުގައި ޣައްޒާގެ ހަމަލާތައް ވެސް ހުއްޓުމަކަށް ގެނައުމަށް ލިބުނު ފުރުސަތެކެވެ.

ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލަމުން ދާއިރު ޣައްޒާގައި އިޒްރޭލުން އަސްކަރީ ހަރަކާތްތައް ފުޅާކޮށް އާންމުން އަނެއްކާވެސް ބައެއް ސަރަހައްދުތަކުން ނުކުންނަށް ވަނީ އަންފައިފަ އެވެ. ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި އިއްޔެ ވެސް ޣައްޒާގައި ވަނީ 26 މީހަކު ޝަހީދުކޮށްލައިފަ އެވެ.