Roadha Mihaaru
ޔުކްރޭން - ރަޝިޔާ ސުލްހަ ކުރަން ސައުދީން ހުށަހަޅައިފި

ޔުކްރޭން-ރަޝިޔާ ސުލްހަކުރަން މުހައްމަދު ބިން ސަލްމާން ހުށަހަޅުއްވައިފި

04 މާޗް 2022

ރިޔާޒް (މާޗް 4) - ރަޝިޔާ އިން ޔުކްރޭނަށް މިހާރު ދޭ ހަމަލާތައް ހުއްޓުވައި ދެ ގައުމު ސުލްހަ ކުރުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ހުށަހަޅުއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (މާޗް 4) - ރަޝިޔާ އިން ޔުކްރޭނަށް މިހާރު ދޭ ހަމަލާތައް ހުއްޓުވައި ދެ ގައުމު ސުލްހަ ކުރުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ހުށަހަޅުއްވައިފި އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށް ވަކިވަކިން ފޯނުން ގުޅުއްވައި ބިން ސަލްމާން ވަނީ އެ ދެ ގައުމުގައި މިހާރު އުފެދިފައިވާ ހަމަނުޖެހުމަށް ސިޔާސީ ހައްލަކަށް އޭނާ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށްޓަކައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ.

ޒެލެންސްކީއާ އެކު ދެއްކެވި ވާހަކަތަކުގައި ބިން ސަލްމާން ވަނީ ސައުދީގައި ތިބި ޔުކްރޭނުގެ ޓޫރިސްޓުންގެ ވިސާ އިތުރުކޮށްދީ އަދި ސައުދީގައި ދިރިއުޅޭ ޔުކްރޭން މީހުންގެ ތެރޭން ވިސާ ހަމަވާ މީހުންގެ ވިސާގެ މުއްދަތު ތިން މަސް ދުވަހަށް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީގެ މީޑިއާތަކުން ބުނެފައިވާ ގޮތުން ވަލީ އަހުދު މުހައްމަދަށް ފުރަތަމަ ގުޅުއްވީ ޕުޓިން އެވެ. އެ ފޯނު ކޯލްގައި ބިން ސަލްމާން ވަނީ ޔުކްރޭން ހަނގުރާމައާ ގުޅޭ ގޮތުން ސައުދީގެ ޕޮޒިޝަން ޕުޓިން އަށް ސާފުކޮށްދެއްވައިފަ އެވެ.

ކްރެމްލިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދެ ލީޑަރުން ވަނީ ދުނިޔެގޭ ހަކަތައާ މެދު މިހާރު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައި ކަމަށެވެ. އަދި ސައުދީ އަކީ އޯޕެކުގެ ވެސް މުހިންމު ގައުމަކަށް ވާތީ ތެޔޮ އުފައްދާ މިންވަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ބުނެފައިވެ އެވެ.