Roadha Mihaaru

ޓްރަމްޕުގެ ބައްދަލުވުމަށް ފަހު ޕުޓިން އާއި ޒެލެންސްކީ ވެސް ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލުކުރައްވާފައި ވާއިރު ޕުޓިން އާއި ޒެލެންސްކީގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.

ޕުޓިން އާއި ޒެލެންސްކީ ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލުކުރައްވާފައި ވާއިރު ޕުޓިން އާއި ޒެލެންސްކީގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.

ޒެލެންސްކީ އަދި ޔޫރަޕްގެ ވެރިންނާ އެކު ޓްރަމްޕު އިއްޔެ ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކަށްފަހު އޭނާ ވިދާޅުވީ ބައްދަލުވުން ދިޔައީ "ވަރަށް ރަނގަޅަށް" ކަމަށާއި އޭގެ ފަހުން މިހާރު ވަނީ މިދިޔަ ހަފްތާގައި އެލަސްކާގައި ބައްދަލުކުރެއްވި ޕުޓިންއަށް ފޯނުން ގުޅުއްވައި ޒެލެންސްކީއާ އެކު ބައްދަލުވުމެއް ބޭއްވުމުގެ ވާހަކަ ދައްކަވާފައި ކަމަށެވެ.

މި ބައްދަލުވުން ބޭއްވިއްޖެ ނަމަ އެކަން ވާނީ މީގެ ތިން އަހަރާއި ހަ މަސް ކުރިން ރަޝިޔާއިން ޔުކްރެއިންނަށް އަރައި ހަމަލާދޭން ފެށި ފަހުން ޕުޓިން އާއި ޒެލެންސްކީ ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ.

ވެރިކަމަށް ވަޑައިގަތުމާ އެކު ވަރަށް އަވަހަށް ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނަ ކަމަށް ވައުދުވި ޓްރަމްޕު އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވާ ގޮތުގައި "ރަޝިޔާ/ޔުކްރެއިން މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިދާނެ ކަމުގެ އުންމީދާ އެކު އެންމެން ވެސް ތިބީ އުފަލުން" ނެވެ.

"ބައްދަލުވުންތައް ނިންމާލަމުން، ރައީސް ޕުޓިން އާއި ޒެލެންސްކީގެ ބައްދަލުވުން ބާއްވާނެ ތާރީހަކާއި ތަނެއް ކަނޑައަޅައި ތައްޔާރީތައް ފެށުމަށް އަޅުގަނޑު ގުޅީ ރައީސް ޕުޓިން އަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕު ވިދާޅުވީ އެ ދެ ލީޑަރުންނާ އެކު އެމެރިކާއިން ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށެވެ.

ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި ބައްދަލުވުން ބޭއްވުމަށް ޕުޓިން އެއްބަސްވެވަޑައިގެންނެވި ކަމަށާއި ނަމަވެސް ތާރީހެއް އަދި ތަނެއް ކަށަވަރު ނުވާ ކަމަށެވެ.

ޒެލެންސްކީ ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕުޓިންއާ ބައްދަލުކުރެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. -- އޭއެފްޕީ