Roadha Mihaaru
އެއް ބިލިއަން ޑޮލަރުގެ ޑީލަކަށް ޕްރިންސަކު ދޫކޮށްލައިފި

އެއް ބިލިއަން ޑޮލަރު ދޭން އެއްބަސްވުމުން ސައުދީ ޕްރިންސަކު ދޫކޮށްލައިފި

29 ނޮވެމްބަރ 2017

ރިޔާޒް (ނޮވެމްބަރު 29) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާގައި ބަންދުކޮށްފައި ތިބި ޕްރިންސުންގެ ތެރޭން މުތައިބް ބިން އަބްދުﷲ ދޫކޮށްލައިފި ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ނޮވެމްބަރު 29) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާގައި ބަންދުކޮށްފައި ތިބި ޕްރިންސުންގެ ތެރޭން މުތައިބް ބިން އަބްދުﷲ ދޫކޮށްލައިފި ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ރަސްކަމުގެ ތަޚުތަށް ވަޑައިގެންފާނެ ކަމަށް އެއް ދުވަސްވަރެއްގައި ބެލެވުނު މުތައިބް ދޫކޮށްލީ ސައުދީ ސަރުކާރަށް އެއް ބިލިއަން ޑޮލަރު ދޭން އެއްބަސްވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސައުދީގައި އަލަށް އުފެއްދި ކޮމިޝަނުން މި މަހު 4 ވަނަ ދުވަހުން ފެށިގެން ވަނީ 200 ވަރަކަށް ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ހައްޔަރުކޮށްފަ އެވެ. އެ އެންމެން ވެސް ބަންދުކޮށްފައި ތިބީ ރިޔާޒުގެ އަގުބޮޑު ރިޒް ކާލްޓަން ހޮޓަލުގަ އެވެ. ބަންދުކުރި މީހުންގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެހެން ތިން ޕްރިންސަކު ވެސް ވަނީ ސައުދީ ސަރުކާރަށް ފައިސާ ދޭން އެއްބަސްވެފަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ޕްރިންސުންނާއި ވިޔަފާރިވެރިން އަދި ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމަށް ފަހު އެ މީހުންގެ ވިޔަފާރިތަކާއި ބޭންކް އެކައުންޓްތައް ބަންދުކޮށް އަދި ޕްރައިވެޓް ޖެޓްތައް ވަނީ ގްރައުންޑް ކޮށްފަ އެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ދެބެންގެ ދެދަރި މުތައިބް ހައްޔަރު ކުރީ ސަރުކާރުގައި އޭނާ ހުންނެވި ބާރުގަދަ މަގާމު ކަމަށްވާ ނޭޝަނަލް ގާޑުގެ މިނިސްޓަރުކަމުން ދުރުކުރު ކަމަށް ފަހު އެވެ.

ކުރީގެ ރަސްގެފާން އަބްދުﷲގެ ދަރިކަލުން މުތައިބް ސައުދީގެ ސަލާމަތީ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވި އިރު ބައްޕާފުޅު ވަނީ އެ މަސްއޫލިއްޔަތު ބައި ގަރުނެއްހާ ދުވަހު އަދާކުރައްވައިފަ އެވެ. އިނގިރޭސި ވިލާތުގެ އަސްކަރީ އެކަޑަމީއަކުން ތައުލީމް ހާސިލް ކުރައްވާފައިވާ މުތައިބް އަކީ ސައުދީގެ މަތީ މަގާމެއްގައި ހުންނެވި އަބްދުﷲ ރަސްގެފާނުގެ އާއިލާގެ ސައްމާރު ދަރިކޮޅުގެ ފަހު މެންބަރު ވެސް މެ އެވެ. އޭގެ ކުރިން ވަނީ އަބްދުﷲ ރަސްގެފާނުގެ ދެ ދަރިކަލުންވާ މިޝާލް އާއި ތުރްކީ 2015 ވަނަ އަހަރު ގަވަރްނަރުކަމުން ދުރުކޮށްފަ އެވެ.

ސައުދީ ތަޚުތުގެ ބާރުތައް 1996 ވަނަ އަހަރު އަބްދުﷲ އަށް ލިބިވަޑައިގަތުމާ އެކު ސަލާމަތީ ކޮމާންޑް ލީޑު ކުރެއްވީ މުތައިބެވެ. އަބްދުﷲ ރަސްގެފާނަށް ބާރުތައް ހަވާލު ކުރައްވާފައި ވަނީ ފަހުދު ރަސްގެފާނަށް ސްޓްރޯކެއް ޖެހުމާ ގުޅިގެންނެވެ.

އަބްދުﷲ ގެ ރަސްކަމުގައި މުތައިބުގެ ބާރު އިތުރަށް ވަނީ ގަދަކުރައްވައިފަ އެވެ. ނޭޝަނަލް ގާޑަށް މިނިސްޓްރީއެއްގެ ދަރަޖަ ދިނުމަށް ފަހު މުތައިބް އަކީ މިނިސްޓަރަކަށް ހެއްދެވި އެވެ. އަސްކަރީ އެކަޑަމީތަކާއި ހައުސިން ޕްރޮޖެޓްތަކާއި ހޮސްޕިޓަލްތައް ހިންގަނީ ނޭޝަނަލް ގާޑުގެ ދަށުންނެވެ.

ޝާހީ އާއިލާގެ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ޕްރިންސް މުތައިބް އަކީ ވެސް ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. ޕެރިހުގެ މެދު ތެރޭގައި ހުރި ހޮޓެލް ޑި ކްރިލޮން ހިންގަވަނީ މުތައިބް އެވެ. އެ ހޮޓާ އޭނާ 2010 ވަނަ އަހަރު ބައްލަވައިގެންނެވީ 354 މިލިއަން ޑޮލަރަށް ކަމަށް ފްރާންސްގެ ބައެއް ނޫސްތަކުން ބުންޏެވެ. ވިޔަފާރީގެ ކަންކަމުގައި މާބޮޑަށް މުތައިބް ނޫޅުއްވުމަށް އަބްދުﷲ ރަސްގެފާން ލަފާ ދެއްވާފައިވާ ކަމަށްވެ އެވެ.

އަބްދުﷲ ރަސްގެފާން 2015 ވަނަ އަހަރު އަވަހާރާވުމާ އެކު ސަލްމާން ބިން އަބްދުލް އަޒީޒަށް ވެރިކަމަށް ވަޑައިގެން ދަރިކަލުން މުހައްމަދަށް ވަނީ ޑިފެންސް މިނިސްޓަރުކަން ދެއްވައިފަ އެވެ. ސައުދީ އަށް ގެންނަ އިގްތިސާދީ އިސްލާހީ ޕްރޮގްރާމުގެ އިސްވެރިއަކީ ވެސް މުހައްމަދެވެ.