Roadha Mihaaru
ހާފިޒުންނާ ގުޅޭ ހުރިހާ ކަމެއް ގުރުއާނާ ބެހޭ މަރުކަޒަށް

ހާފިޒުންނާ ގުޅޭ ހުރިހާ ކަމެއް ގުރުއާނާ ބެހޭ މަރުކަޒަށް ބަދަލުކޮށްފި

25 ޑިސެމްބަރ 2017

ކީރިތި ގުރުއާން ހިތުދަސްކުރާ މީހުންނާ ގުޅޭ ހުރިހާ ކަމެއް ހަމައެކަނި ގުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް ގެންދާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކީރިތި ގުރުއާން ހިތުދަސްކުރާ މީހުންނާ ގުޅޭ ހުރިހާ ކަމެއް ހަމައެކަނި ގުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް ގެންދާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ ހާފިޒުކަމުގެ އިމްތިހާނާއި ސަނަދު ދޫކުރުމާއި ދައުލަތުން ދޭ އިނާޔަތްތަކުގެ ކަންކަން ގުރުއާނާ ބެހޭ މަރުކަޒުން އެކަނި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެއީ، އޮޅުން ނާރާ ގޮތަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި އެކަން ކުރަން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިގޮތަށް ނިންމާފައިވާއިރު، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ(އެމްއައިޔޫ) އިން ވަނީ ގުރުއާން ހިތުދަސް ކުރުމުގެ ކޯސްތަކެއް އަންނަ އަހަރު ފެށުމަށް ނިންމައިފަ އެވެ. އެ ޔުނިވާސިޓީން އިއުލާންކުރި ދެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ އަދި ކޯސް ފުރިކޮށް ނިމުމުން ހާފިޒުކަމުގެ ސަނަދު ދެވޭނެ ކޯސްތަކެއް ކަމަށް އެތަނުން ބުނެފައިވެ އެވެ.