Roadha Mihaaru

ފޮއްދޫގެ ފުރަތަމަ ހާފިޒަކަށް އިޔާން

އެންމެ ތުއްތު އިރުން ފެށިގެން މުހައްމަދު އިޔާން އަލީ އާދަމަކީ ގްރުއާން ކިޔަވަން ލޯބިކުރި ކުއްޖެކެވެ. އިޔާންގެ އެ ލޯތްބާއި ޝައުގުވެރިކަމުގެ ތެރެއިން ކުރި ބުރަ މަސައްކަތުން އުމުރުން އެންމެ 18 އަހަރުގައި އޭނާއަކީ ނ. ފޮއްދޫގެ ފުރަތަމަ ހާފިޒެވެ.

ފޮއްދޫގެ ފުރަތަމަ ހާފިޒަކަށް އިޔާން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖުލައި 2025

އެންމެ ތުއްތު އިރުން ފެށިގެން މުހައްމަދު އިޔާން އަލީ އާދަމަކީ ގްރުއާން ކިޔަވަން ލޯބިކުރި ކުއްޖެކެވެ. އިޔާންގެ އެ ލޯތްބާއި ޝައުގުވެރިކަމުގެ ތެރެއިން ކުރި ބުރަ މަސައްކަތުން އުމުރުން އެންމެ 18 އަހަރުގައި އޭނާއަކީ ނ. ފޮއްދޫގެ ފުރަތަމަ ހާފިޒެވެ.

އިޔާންގެ މަންމަ، ހާމިދާ އިބްރާހިމް "މިހާރު" އަށް ބުނި ގޮތުގައި އިޔާން ކުޑައިރުން ފެށިގެން ގުރުއާން ހިތުދަސްކުރާ ހިތުން އުޅޭ ކުއްޖަކަށް ވާތީ، އެ ފުރުސަތު ހޯދަން މަސައްކަތް ކުރި އެވެ. އިޔާން، ގުރުއާން ހިތުދަސްކުރަން ފެށީ ގުރުއާނާ ބެހޭ މަރުކަޒުންނެވެ.

އެކަމަކު 2015 އާއި 2016 ގައި ހިންގި 500 ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަށް ފޯމު ލައިގެން އެ ފުރުސަތު އިޔާނަށް ނުލިބުނީ އެ ދެ ފަހަރު ވެސް އިންޓަވިއު އިން ފާސް ނުވެގެންނެވެ.

އެހެންވިޔަސް އެ މުއްދަތުގައި ވެސް އިޔާން ދިޔައީ ގޭގައި ގުރުއާން ހިތުދަސްކުރަމުންނެެވެ. އޭނާއަށް 2017 ވަނަ އަހަރު ގުރުއާނާ ބެހޭ މަރުކަޒު މެދުވެރިކޮށް ކިޔަވަން ފުރުސަތު ލިބުނު އިރު ހުރީ ތިން ފޮތް ހިތުދަސްކޮށްގެންނެވެ.

"އިޔާނަށް ފަސް އަހަރު ނެގި ދަސްކުރަން. އެއީ ކޮވިޑާ ގުޅިގެން ވެސް ދެ އަހަރު ގެއްލުނީމަ، އެ ދުވަސްތަކުގައި ކިޔައިނުދެވި،" މަންމަ ބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ގުރުއާން ހިތުދަސްކުރި އިޔާންއާ ބައްދަލުކުރެއްވުން.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ގުރުއާން ހިތުދަސްކުރި އިޔާންއާ ބައްދަލުކުރެއްވުން.

އެ ފެށި ގޮތަށް އިޔާން، ގުރުއާން ހިތުދަސްކޮށް ނިންމާލީ އެއް ވަނަ ދަރަޖައިން ފާސްވެގެންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގުރުއާން ހިތުދަސްކޮށް މަރުކަޒަށް އިޔާން ކިޔައިދޭން ފެށީ މިދިޔަ މެއި މަހުގެ 19 ގައި ކަމަށެވެ. އަދި ޖޫން 30 ގައި އޭނާ ވަނީ މުޅި ޚަތިމް ކިޔައިދީ ނިންމައިފަ އެވެ.

ދުވާލަކު ފޮތެއް ކިޔައިދެމުން ގޮސް މުޅި ހަތިމު އެއްކޮށް ނިންމީ 30 ދުވަހުންނެވެ.

އެއް ވަނަ ދަރަޖައިން އިޔާން ފާސްވުމާ އެކު މިނިސްޓަރު ވަނީ އިސްލާމިކް މިނިސްޓްރީގައި މިއަދު އިޔާން އާއި އޭނާގެ އާއިލާ ބައްދަލުކުރައްވައި އެ މަގުން ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިޔާން އާއި އޭނާގެ އާއިލާއާ ބައްދަލުކުރެއްވުން.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިޔާން އާއި އޭނާގެ އާއިލާއާ ބައްދަލުކުރެއްވުން.

އިޔާންގެ މަންމަ ބުނީ ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު 12 ގައި މިހާރު ކިޔަވަމުން އަންނަ އިޔާނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތެވެ. ދެ ސްޓްރީމް ކިޔަވާތީ، ގިނަ ވަގުތު ކިޔެވުމުގައި ވެސް އުޅެމުން، އެ ގޮންޖެހުންތައް ހުރަސްކުރީ އިޔާނުގެ ވަރަށް ބުރަ މަސައްކަތުން ކަމަށް މަންމަ ކިޔައިދިނެވެ.

"މިއީ ހަމަ އިޔާންގެ ބުރަ މަސައްކަތް. ދެން ގުރުއާނާ ބެހޭ މަރުކަޒާއި ކިޔަވައިދިން ޓީޗަރުންނާއި ސްކޫލާއި އާއިލާ އިން ވެސް އޭނާއަށް ދިން ހިތްވަރުން މި ކާމިޔާބީ ހާސިލުކުރެވުނީ." ހާމިދާ ބުންޏެެވެ.

އުމުރުން 18 އަހަރުގައި ގުރުއާން ހިތުދަސްކުރި އިޔާން.

އުމުރުން 18 އަހަރުގައި ގުރުއާން ހިތުދަސްކުރި އިޔާން.

އޭނާގެ މަންމަ ބުނި ގޮތުގައި މިނިސްޓަރު ޝަހީމް އެދިވަޑައިގަތީ ގުރުއާން ދޫކޮށްނުލައި ކުރިއަށް ދިއުމަށެވެ. އަދި ހުތުބާ ކިޔުމާއި ތަރާވީހް ނަމާދުކުރުން ފަދަ ކަންކަން ކުރުމުގައި އިސްވުމަށް ވެސް މިނިސްޓަރު ނަސޭހަތް ދެއްވި އެވެ.

ހާމިދާ ބުނިގޮތުގައި މިފަހުން ހިންގި ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ވެސް އިޔާން ބައިވެރިވާން ބޭނުންވި އެވެ. އެކަމަކު އެ ދަނޑިވަޅަކީ އޭނާ ގުރުއާނާ ބެހޭ މަރުކަޒަށް ކިޔައިދެމުން އައި ދުވަސްވަރަށްވުމުން އެކަން ނުކުރެވުނީ އެވެ. އަދި ކުރިއަށް އޮތް ޕްރޮގްރާމުގައި އޭނާ ބައިވެރިވާނެ ކަމަށާއި އިޔާން ވެސް މިކަމުން ކުރިއަށް ދާން ޝައުގުވެރިވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.