ކ. ހުރާގައި ހާފިޒަކަށްވާ ކޮންމެ މީހަކަށް 150،000ރ. ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
30 އެޕްރީލް 2025
ކ. ހުރާގައި ހާފިޒަކަށްވާ ކޮންމެ މީހަކަށް 150،000ރ. ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
އެ ރަށު ކައުންސިލް މެމްބަރު ހަސަން ފިރާޝް "މިހާރު" އަށް ވިދާޅުވީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ޒުވާން ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ބޭއްވުމަށް ނިންމީ ރަށުގައި މިހާތަނަށް ހާފިޒަކު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސްކިތުގައި އިމާމުވެ ނަމާދު ކުރާނެ ހާފިޒަކު ނެތް. ކައުންސިލުން ގުރުއާން ޓީޗަރެއް ގެނަންން ވެގެން މި އުޅެނީ މިހާރު. ސްކޫލު ކުދިންނަށް ގުރުއާން ކިޔަވައިދޭން ދަސްކުރުމާއި ހިފްޒު ކުރުމުގެ ކްލާސްތަކެއް ގެންދަން. އެއްވެސް ފީއެއް ނުނަގާނެ، ހަމަ ހިލޭ ހިންގަނީ. ކައުންސިލުން ހަރަދު ކުރާނީ،" އޭނާ ވިދާޅުވި އެވެ.
އެ ގުރުއާން ކްލާސް ހިންގުމަށް ބޭނުންވާ ހުއްދަ ލިބިފައިވާ ކަމަށާއި މިހާރު ކުރަނީ ކިޔަވައިދޭނެ ޓީޗަރަކު ގެނައުމުގެ މަސައްކަތް ކަމަށް ވެސް ފިރާޝް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލުކުރާ އެރަށު ކޮންމެ ހާފިޒަކަށާއި އަމިއްލަ ގޮތުން ހާފިޒަކަށްވާ ހުރާގެ ކޮންމެ މީހަކަށް ވެސް 150،000ރ. ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ފިރާޝް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރަށުގައި ގިނަ ހާފިޒުން އުފެއްދުން. އަހަރަކު ތިން ކުދިން ވިޔަސް، ހާފިޒުން އުފެއްދުން މަގުސަދަކީ،" ފިރާޝް ވިދާޅުވި އެވެ.
ޒުވާން ހާފިޒުން ތަމްރީނު ކުރުމަށް ސަރުކާރުން އިސް ނަގައިގެން ވެސް މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު ހާސިލް ކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދިންގެ އަދަދު 1،000 އަށް އިތުރު ކުރުމެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އެންމެ ފަހުން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
މޮރޮކޯގެ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު
ގުރުއާނާ ބެހޭ މަރުކަޒު ސަލްމާން މިސްކިތަށް ބަދަލުކުރަނީ
ގުރުއާން ހިތުދަސްކުރުމަށް އާދަޔާހިލާފު ހިތްވަރެއް!
ދިވެއްސަކަށް 60 އަހަރުގައި ޑިގްރީ!
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ
އަޝްހަމަށް ހާފިޒްކަމުގެ ސަނަދު ނަގަން ހުރަސްތަކެއް!
18 އަހަރުން މައްޗަށް މުބާރާތް ހާއްސަކޮށްގެން ނުވާނެ
ރާއްޖޭގައި ގުރުއާނާބެހޭ ރިސާޗް ސެންޓަރެއް ހަދަނީ
ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބާއްވަނީ
ހާފިޒުންނާ ގުޅޭ ހުރިހާ ކަމެއް ގުރުއާނާ ބެހޭ މަރުކަޒަށް