Roadha Mihaaru
އަޝްހަމަށް ހާފިޒްކަމުގެ ސަނަދު ނަގަން ހުރަސްތަކެއް!

އަޝްހަމަށް ހާފިޒްކަމުގެ ސަނަދު ނަގަން ހުރަސްތަކެއް!

28 މެއި 2018

ގުރުއާން ހިތުދަސް ކުރި އުމުރުން ފަސް އަހަރުގެ މުހައްމަދު އަޝްހަމް އަލީ އަށް ހާފިޒުކަމުގެ ސަނަދު ނަގަން މި ވަގުތު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގުރުއާން ހިތުދަސް ކުރި އުމުރުން ފަސް އަހަރުގެ މުހައްމަދު އަޝްހަމް އަލީ އަށް ހާފިޒުކަމުގެ ސަނަދު ނަގަން މި ވަގުތު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

މާނައާ އެކު މުޅި ގުރުއާން ހިތުދަސްކޮށް، އަޝްހަމް ވަނީ އޭނާގެ ސްކޫލް، ދޮންދޫނި ޕްރީ ސްކޫލްގެ ޓީޗަރުންނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކިޔައިދީފަ އެވެ. އަދި އެކަމުގެ ސެޓްފިކެޓް ސްކޫލުން ދިނެވެ.

އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްއޭޑީ) ހުންނަ އަޝްހަމްގެ މި މަސައްކަތް ފާހަގަކޮށް، ސައުދީ އެމްބަސީން އޭނާ އަށް 1،000 ޑޮލަރުގެ ހަދިޔާއެއް ވެސް ދިނެވެ.

ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ގުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ.

އެކަމަކު، އެ މަރުކަޒުގެ ރެޖިސްޓްރާ މުހައްމަދު މުއާޒު ޔާސިރު ވިދާޅުވީ ގުރުއާން ކިޔަވައިދޭން އަޝްހަމް ވަރަށް މަސައްކަތް ކުރި ނަމަވެސް، އޭނާ އަކީ ތަފާތު ކުއްޖަކަށް ވުމުން އެކަން އަދި ފުރިހަމަ ނުވާ ކަމަށެވެ.

މުއާޒް ވިދާޅުވި ގޮތުގައި، ހާފިޒު ކަމުގެ ސަނަދު ނެގުމަށް، އަޝްހަމް ގުރުއާނާ ބެހޭ މަރުކަޒަށް ގެންގޮސް ކިޔުއްވަން މަސައްކަތް ކުރި ނަމަވެސް ވަކި ހިސާބަކުން ޖެހުނީ މެދުކަނޑާލުމަށެވެ. އެއީ އޭޑީއެޗްއޭޑީގެ ސަބަބުން އަޝްހަމަށް އެހެން ކުދިންނާ އެކު ކިޔަވަން އުނދަގޫވުމާއި އެއް ތަނެއްގައި މަޑުން ނުހުރެވުމުގެ ސަބަބުން ކަމަށް މުއާޒް ވިދާޅުވި އެވެ.

ހާފިޒްކަމުގެ ސަނަދު ނަގަން ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވައިދެނީ 15 ކުދިންގެ ކްލާހެއްގައި ދެ ޓީޗަރުންނާ އެކު އެވެ. ނަމަވެސް އަޝްހަމްގެ މިޒާޖަށް ބަލާއިރު އޭނާ އަށް ވަކި ކްލާހަކާއި ވަކި ޓީޗަރެއް ބޭނުންވާ ކަމަށާއި އޭނާ ގުރުއާން ކިޔަވަމުން، ކްލާސް ރޫމުތެރޭގައި ހިނގައި ދުވެ އުޅޭއިރު ޓީޗަރު ކަނުލައި އަޑުއަހަން ޖެހޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި މުތާލިއާ ކްލާހަށް ފަހު، ތިން މެމްބަރުން ހިމެނޭ ހާފިޒު ކޮމެޓީ އަށް ގުރުއާން ކިޔަވައިދޭއިރު، ދަރިވަރު މަޑުން އިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.

ހާފިޒު ކޮމެޓީގައި ކޮންމެ މީހަކު ވސް ކިޔަވަން ދޭން ޖެހެނީ ގަޑިއިރަކަށެވެ.

"އެކަމަކު އަޝްހަމްގެ މިޒާޖަށް ބަލާއިރު އެއީ ކުރަން ވަރަށް އުނދަގޫ ކަމެއް. އެހެންވެ، އެކަން މި ވަގުތަށް ހުއްޓިފައި ވަނީ،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އުމުރުގައި އަޝްހަމަށް ހާފިޒަކަށް ނުވެވުނު ނަމަވެސް، އޭނާ ތަންކޮޅެއް ބޮޑުވުމުން އެކަން ކުރިއަށް ގެންދިޔުމަށް ބެލެނިވެރިން ގާތު އެދިފައިވާނެ އެވެ.

އަޝްހަމްގެ އިތުރުން އޯޓިޒަމް ކުއްޖެއް ކަމަށްވާ، އުމުރުން 14 އަހަރުގެ އަހުމަދު ނަބީހު ވަނީ މިދިޔަ އަހަރު ގުރުއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދު ހޯދައިފަ އެވެ.

މިދިޔަ އަހަރު "މިހާރު" އަށް ދިން އިންޓަވިއުއެއްގައި އަޝްހަމްގެ މަންމަ، ޝިފާނާ ޔޫސުފް ބުނީ "އަލިފުބާ" ދަސްނުކޮށް، އަޝްހަމް ވަރަށް ތުއްތުއިރު، ޓީވީއިން އަޑުއަހައިގެން ގުރުއާން ކިޔަވަން ފަށާފައި ކަމަށެވެ. އަދި ގުރުއާނާ އެކު، ގިނަ އާޔަތްތަކުގެ މާނަ ވެސް ހިތުން ދަސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.