Roadha Mihaaru
އެންމެ ތިން މަސް ދުވަހުން ގުރުއާން ހިތުދަސްކުރި ނަބީހު

އެންމެ ތިން މަސް ދުވަހުން ގުުރުއާން ހިތުދަސްކުރި ނަބީހު

27 ފެބުރުއަރީ 2017

އަހުމަދު ނަބީހުހާ ތަފާތު އަދި ހިތުދަސްކުރުމަށް އެހާ ކުޅަދާނަ ކުއްޖަކާ އަހުމަދު އަލީ ދީދީއަށް އަދި ދިމައެއް ނުވެ އެވެ. ބާރަ އަހަރު ތެރޭ އެތަކެއް ކުދިންނަށް ގުރުއާން ކިޔަވައިދީފައިވާ ޓީޗަރަށް، އުމުރުން 14 އަހަރުގެ ނަބީހު ތަފާތުވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ؛ އޯޓިޒަމް ހުންނަ ނަބީހު ވަނީ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށް ދެ މަސް ދުވަހުގެ ތެރޭގައި ހިފުޒު ކޮމެޓީއަށް ކިޔައިދީ ހާފިޒަކަށް ވެފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަބީހުއަށް ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު އަހުމަދު އަލީ ފެށިއިރު ވެސް އޭނާގެ ކިބައިން އާދަޔާ ހިލާފު ކަންތައްތައް ފެނުނެވެ. ރަނގަޅަށް ވާހަކަ ނުދެއްކުނަސް ހަލުއިކަމާއެކު ގުރުއާން ކިޔަވަ އެވެ. ގުރުއާނަށް ފަރިތަ ކުއްޖަކަށް ވުމުން، އަވަހަށް ގުރުއާން ހިތުދަސްކުރެވި ދާނެ ކަމަށް އޭނާއަށް ވިސްނުނެވެ.

"ނަބީހަކީ ގުރުއާނަށް ވަރަށް ފަރިތަ ކުއްޖެއް. ކިޔަވާ ގޮތުންނާ ވެސް އެކީގައި އަޅުގަނޑަށް ވިސްނުނީ އޭނާ އަށް ވަރަށް އަވަހަށް ގުރުއާން ހިފްޒް ކުރެވިދާނެކަން. ދެން މަސައްކަތް ފެށީ، ސީދާ ގުރުއާން ހިތުދަސްކުރުމަށް. އެކަން ފެށިތާ ތިން މަސް ތެރޭގައި ފުރިހަމަވެއްޖެ. ނަބީހަށް އެއްޗެއް ކިޔައިދޭން ޖެހޭނީ އެންމެ ފަހަރަކު. ދެން އެކަން ހަނދާން ހުންނާނެ،" އަހުމަދު އަލީ ބުންޏެވެ.

ގުުރުއާން ހިތުދަސްކުރި ނަބީހަށް (ކ-2)، ސައޫދީ އެމްބެސެޑަރުގެ ހަދިޔާއެއް ހަވާލުކުރަން މިިދިޔަ ހަފުތާގައި ސައޫދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި ހަދިޔާކޮށްދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގުުރުއާން ހިތުދަސްކުރި ނަބީހަށް (ކ-2)، ސައޫދީ އެމްބެސެޑަރުގެ ހަދިޔާއެއް ހަވާލުކުރަން މިިދިޔަ ހަފުތާގައި ސައޫދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި ހަދިޔާކޮށްދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ބުނީ ނަބީހު ގުރުއާން ކިޔަވާއިރު ނުބައިކޮށް ތަނެއް ކިޔެވިއްޖެނަމަ، އެކަން އިސްލާހުކޮށްފައި ނޫނީ ކުރިއަކަށް ނުދާނެ ކަމަށެވެ. އަދި އެއްޗެއް ކިޔައިދޭއިރު ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހާކަން އޭނާ ފާހަގަކުރި އެވެ.

ގުރުއާން ހިތުދަސްކުރަން ނަބީހު ހަފުތާގެ ފަސް ދުވަހު، ދުވާލަކު ދެ ގަޑިއިރު ކިޔެވި އެވެ. ކޮންމެ ދުވަހަކު ވެސް ފަސް ސޮފްހާ ހިތުދަސްކޮށް، ޖެހިގެން އަންނަ ދުވަހު އެ ސޮފްހާތައް ޓީޗަރަށް ކިޔައިދޭ ގޮތަށް އޮތަސް ހަމަ އެ ދުވަހުގެ ތެރޭގައި ނަބީހު އެކަން ކޮށްލަ އެވެ. އޭރު ގުރުއާން ހިތުދަސްކުރަން ހުސްވެފައި ހުރުމުން، ސްކޫލަކަށް ވެސް ނުދެ އެވެ.

"މިއަދު މި ހަވާލުކުރަނީ، ފަސް ސޮފްހާ ހިތުދަސްކޮށް މާދަމާގެ ގަޑީގައި ކިޔައިދޭން. އެކަމަކު ހަމަ އެ ދުވަހު ފަސް ސޮފްހާ ހިތުދަސްކުރާނެ. މިސާލަކަށް، މިއަދުގެ ގަޑީގައި ކިޔަވާނީ ފަސް ސޮފްހާއޭ ބުނެފިއްޔާ ޖެހޭނެ ހަމަ އެ ވަރަށް ކިޔަވައި ނިންމަން،" ލ. މާވަށަށް އުފަން ނަބީހުއާ ބެހޭގޮތުން އަހުމަދު އަލީ ބުންޏެވެ.

ނަބީހުގެ މި ދަތުރުގައި އެންމެ ކައިރީގައި އަބަދުވެސް ތިބެނީ އޭނާގެ މަންމަ އާމިނަތު މުހައްމަދު އަދި ބައްޕަ އަބްދުލް ގާދިރެވެ. އުމުރުން ދެ އަހަރާއި ބައިގައި، ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަން އެނގުމުން ވެސް އަދި މީހުންގެ ފަރާތުން ކިތައްމެ ޖެއްސުމެއް ކުރިމަތިިވިއަސް އެ މީހުންނަކަށް ފަރުވާލެއް ނެތެވެ. އެ ކަންތައްތަކާ ކުރިމަތިލީ ކެރިގެންނެވެ.

ނަބީހު އޭނާގެ މަންމައާ އެކު: އޭނާގެ މި ދަތުރުގައި އެންމެ ބޮޑަށް އެހީތެރިވެދިނީ މައިންބަފައިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަބީހު އޭނާގެ މަންމައާ އެކު: އޭނާގެ މި ދަތުރުގައި އެންމެ ބޮޑަށް އެހީތެރިވެދިނީ މައިންބަފައިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަބީހުގެ އިތުރުން ވެސް ހަތަރު ކުއްޖަކު ތިބި އައިންތު ބުނިގޮތުގައި ނަބީހު އެންމެ ކުޑައިރު ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔަކީ ގުރުއާނެވެ. މަގުމަތިން ދާއިރު، މިސްކިތެއް ފެނިއްޖެ ނަމަ އެ ތަނެއްގައި މަޑުކޮށްލަ އެވެ. ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުރި ތަނެއް ފެނިއްޖެ ނަމަ، އެ އާޔަތް ކިޔާފައި ނޫނީ ކުރިއަކަށް ނުދާނެ އެވެ. މަގުމައްޗަށް ކުނި އެޅުމަކީ ނަބީހު އެންމެ ނަފުރަތު ކުރާ ފަދަ ކަންތަކެވެ.

ނަބީހު އޭނާގެ ބައްޕައާ އެކު: ނަބީހު އެންމެ ކުޑައިރު ވެސް ގެންގުޅުނީ ގުރުއާނާ ގާތްކޮށްގެން.

ނަބީހު އޭނާގެ ބައްޕައާ އެކު: ނަބީހު އެންމެ ކުޑައިރު ވެސް ގެންގުޅުނީ ގުރުއާނާ ގާތްކޮށްގެން.

"އެއީ އެންމެ ކުރިން ވެސް އުޅޭ ގޮތް. ޑޮކްޓަރުން ވެސް ވިދާޅުވޭ ނަބީހު އަށް ގުރުއާން ހިތުދަސްކުރެވިދާނެ ކަމަށް،" އައިންތު ބުންޏެވެ.

އިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުން އަންނަ ނަބީހަށް، އެންމެ ތިން މަސް ދުވަހުގެ ތެރޭގައި އެކަން ކުރެވިދާނެ ކަމަކަށް އައިންތު އަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. އޭނާ އަދިވެސް ހުރީ އެކަން ގަބޫލުކުރަން ދަތިވެފަ އެވެ.

"އަދިވެސް ވަރަށް ހައިރާން ވެފައި، ގަބޫލުކުރަން އުނދަގޫވެފައި މި ހުރީ،" އައިންތު ބުންޏެވެ.

ގުރުއާން ކިޔަވައިދޭން ކީރިތި ގުރުއާނާބެހޭ މަރުކަޒަށް ވެސް ނަބީހު ކުރިން ގެންދިޔަ އެވެ. އެކަމަކު ސެމިސްޓާގައި ހަމަކުރަންޖެހޭ ދުވަސްތައް ހަމަނުވެގެން، އެ ފަހަރު އޭނާ ވަކިކުރީ އެވެ. އޭރު ހުރީ ގާތްގަނޑަކަށް ދެ ފޮތް ހިތުދަސްކޮށްފަ އެވެ.

ނަބީހު (ވ) އޭނާގެ ދެ ކޮއްކޮ އާއި މަންމަ އަދި ބައްޕަ އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ގައުމީ ގުރުއާން މުބާރާތްތަކުގައި ވެސް ބައިވެރިވެ ފަހުރުވެރި ވަނަތައް އަންނަނީ ހޯދަމުން.

ނަބީހު (ވ) އޭނާގެ ދެ ކޮއްކޮ އާއި މަންމަ އަދި ބައްޕަ އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ގައުމީ ގުރުއާން މުބާރާތްތަކުގައި ވެސް ބައިވެރިވެ ފަހުރުވެރި ވަނަތައް އަންނަނީ ހޯދަމުން.

ގުރުއާން ހިތުދަސްކުރަން މެދުނުކެނޑި މަސައްކަތް ކޮށްފިނަމަ އާއްމުކޮށް އެކަން ކުރެވޭނީ އެންމެ އަވަހަށް ވެސް ދެ ތިން އަހަރު ފަހުންނެވެ. ރަނގަޅަށް ގުރުއާން ދަސްކުރަން ހައެއްކަ އަހަރު ނަގާނެ ކަމަށް، ގުރުއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެ އެވެ. އެކަމަކު، އޯޓިސްޓިކް ކުއްޖަކަށް ވުމުން، ގްރޭޑް އެކަކަށް ވަން ފުރަތަމަ ސްކޫލުން ފުރަތަމަ ދުވަހު ވަކިކުރި ނަބީހު ވަނީ ތިން މަސް ދުވަހުގެ ތެރޭގައި އެކަން ފުރިހަމަ ކޮށްފަ އެވެ.

އިތުރަށް އެހީތެރިކަން ލިބިއްޖެ ނަމަ، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ފަހުރުވެރިކޮށްދޭނެ ކުއްޖަކަށް ނަބީހު ވާނެ އެވެ. މިހާރު ވެސް ގައުމީ ގުރުއާން މުބާރާތުގައި ފަހުރުވެރި ވަނަތައް ހޯދަމުން އަންނަ ނަބީހަށް ބޭނުންވަނީ ބައެއްގެ އެހީތެރިކަމެވެ.