Roadha Mihaaru
ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދޭން ފަށައިފި

ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދޭ ޕްރޮގްރާމް އިފްތިތާހުކޮށްފި

19 މާޗް 2019

ލޮލަށް ނުފެންނަ މީހުންނަށް، ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދެވޭ ޕްރޮގްރާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހުކޮށް ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޮލަށް ނުފެންނަ މީހުންނަށް، ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދެވޭ ޕްރޮގްރާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހުކޮށް ދެއްވައިފި އެވެ.

ބްރައިލް އަކީ ލޯފަން މީހުންނަށް ހާއްސަކޮށްފައިވާ ލިޔުމުގެ ސިސްޓަމެކެވެ. ކަރުދާހުގައި އަކުރުތައް ލިޔުމުގެ ބަދަލުގައި، ބްރައިލްގައި ހުންނާނީ ތިކިތަކަކުން އަކުރުގެ ސިފަ ގެނެސް އެ ޕްރިންޓްކޮށްފަ އެވެ. އެހެންވެ އެ ތިކިތަކުގައި އަތްލުމުން، އެއީ ކޮން އަކުރެއްކަން އެނގޭނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭން ޖެހޭ އަސާސީ މައުލޫމާތު ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދިނުމުގެ އިތުރުން ސައިން ލެންގުއޭޖް ބޭނުންކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ތައުލީމް ހާސިލް ކުރުމަކީ ކޮންމެ ފަރުދެއްގެ އަސާސީ ހައްގެއް ކަމަށެވެ. ގައުމުތައް ކުރިއަރައި ތަރައްގީވެ، ހަޟާރާތްތައް ބިނާވެގެން ވަނީ އިލްމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޒަމާނުގައި އިވުމާއި ފެނުމުން މަހްރޫމް ކުދިންނަށް ހާއްސަ ކުރެވިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެ ކުދިންނަށް ކިޔަވައިދިނުމަކީ މިއަދު ވަރަށް ފަސޭހަ ކަމެއް،" ޒާހިރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު. --- ފޮޓޯ: ރައީސް އޮފީސް

"ލޮލަށް ނުފެންނަ ކުދިންނަށް ބްރެއިލް ބޭނުންކޮށްގެން ކިޔަވައިދޭ. އިވުން މަހްރޫމްވެފައިވާ ކުދިންނަށް ސައިން ލެންގުއޭޖް ބޭނުންކޮށްގެން އެ ކުދިންނަށް އުނގަންނައި ދެވޭ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ތައުލީމް ހާސިލްކޮށް، އުނގެނުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އަހަންމިއްޔަތު ކަމެއް ދޭ ކަމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލޯތްބާއެކު އެންމެ ބޮޑަށް އުނގަންނައި ދެވޭނެ ބަޔަކީ އެކުދިންގެ މައިންބަފައިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްވެސް މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމީހަކު މުޖުތަމައުން އެކަހެރިކޮށް ބާކީކޮށްލުމަކީ އިސްލާމް ދީން ގަބޫލުކުރާ ހަމައެއް ނޫން،" ޒާހިރު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމި ޕްރޮގްރާމް އިފްތިތާހް ކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ކޮންމެ މަހަކު، ދީނީ ކަންތައްތައް އޮޅުން ފިލުވައި ދިނުމުގެ ދެ ސެޝަނެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. އަދި ދާދި އަވަހަށް، ސައިން ލެންގުއޭޖް ބޭނުންކޮށްގެން ހުތުބާ ތަރުޖަމާކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކުދިން މިސްކިތަށް ގޮސް، އެކުދިންނަށް ހުތުބާ އަޑުއަހާލުމުގެ ފުރުސަތު ފަހިވާނެ،" ޒާހިރު ވިދާޅުވި އެވެ.

ޖަލްސާ ނިންމާލީ ފެނުމުން މަހްރޫމްވެފައިވާ އަންހެން ކުއްޖަކު ބްރެއިލް ބޭނުންކޮށްގެން ގުރުއާނުގެ ސޫރަތެއް ކިޔެވުމުންނެވެ.