Roadha Mihaaru
ލޯފަން ޔޫސުފަށް ރައީސް އާކޮށްދެއްވި އުއްމީދު!

ލޯފަން ޔޫސުފާއި ރައީސްގެ ބައްދަލުވުމުން އާކޮށްދެއްވި އުއްމީދު!

29 ޑިސެމްބަރ 2020

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކަށް އަބަދު ގުޅައި ގާތް ގުޅުމެއް އޮންނަ އެކަކީ ލޯފަން ޒުވާނެއް ކަމަށްވާ ޔޫސުފް އިބްރާހިމެވެ. މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހު ގެނެސްދިން އެ ތަނުގެ ޒަމާންވީ "ބާއްޖަވެރި ހެނދުނެއް" ޝޯގައި ހާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަ ދައްކާލަން ޔޫސުފަށް ލިބުނު ފުރުސަތު އޭނާ ބޭނުންކުރީ އޭނާ ފަދަ ލޯފަން މީހުންނަށް ހުރި ދަތިތައް ސަމާލުކަމަށް ގެންނާށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކަށް އަބަދު ގުޅައި ގާތް ގުޅުމެއް އޮންނަ އެކަކީ ލޯފަން ޒުވާނެއް ކަމަށްވާ ޔޫސުފް އިބްރާހިމެވެ. މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހު ގެނެސްދިން އެ ތަނުގެ ޒަމާންވީ "ބާއްޖަވެރި ހެނދުނެއް" ޝޯގައި ހާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަ ދައްކާލަން ޔޫސުފަށް ލިބުނު ފުރުސަތު އޭނާ ބޭނުންކުރީ އޭނާ ފަދަ ލޯފަން މީހުންނަށް ހުރި ދަތިތައް ސަމާލުކަމަށް ގެންނާށެވެ.

ބ. މާޅޮސް ބަހާރީގޭ، އުމުރުން 36 އަހަރުގެ ޔޫސުފަށް ލިބުނު އުފާވެރި ފުރުސަތުގައި، އޭނާ ފަދަ ލޯފަން މީހުންނާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވިސްނުމާއި ގެންގުޅޭނެ ސިޔާސަތު އޮޅުންފިލުވި އެވެ. ރައީސްގެ އާއިލާގައި ވެސް ލޯފަން ބޭފުޅުން ތިއްބެވިކަން ފާހަގަކުރަމުން ޔޫސުފް ބުނީ އެފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތު ރައީސަށް މާ ރަނގަޅަށް ވަޒަން ކުރެއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

Ibu ge ehbandu ehbafaa adhi loafan 3 haafizun ge vaahaka

Ibu ge ehbandu ehbafaa adhi loafan 3 haafizun ge vaahaka

The most trusted news source in the Maldives

Mihaaru

ރައީސްގެ އެއްބަނޑު އެއްބަފާ މީހުންނާ ގުޅޭ ގޮތުން "މިހާރު"ން ލިއުނު ރިޕޯޓް

ޔޫސުފްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ މީހުންނަށް މާ ބޮޑު އަޅާލުމެއް ގިނަ ފަހަރަށް ނުދެވޭ މަންޒަރު އެ މަނިކުފާނަށް ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. މިދިޔަ ހަފުތާގައި ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ސްޓޭޖަށް އަރައިފައިބާނެ ގޮތެއް ތައްޔާރީތަކުގައި ވިސްނިފައި ނެތުމުން ކަންބޮޑުވެވަޑައިގަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެއީ، ކުރިއަށް އޮތް ތަނުގައި ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި މިސާލު ނަންގަވައި ޔޫސުފަށް ރައީސް ދެއްވި ޔަގީންކަމަކީ ސިޔާސަތުތައް ރޭވުމާއި ސަރުކާރުގެ ނިންމުންތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ބޮޑަށް އިސްކަން ދެއްވާނެ ކަމެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ވޭތުވެދިޔަ ތަނުގައި ހުރިހާ ސަރުކާރުތަކަށް ވެސް ވަރަށް ބޮޑަށް އިހުމާލުވެވިފައި އޮތް ދާއިރާއެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ޚިދުމަތެއް ހޯދަން އެފަދަ މީހަކު ތަނަކަށް ހިނގައްޖެ ނަމަވެސް ކުޑަމިނުން އެތަނަކަށް އަރައިފޭބޭނެ އިންތިޒާމްތައް ނުހުންނަކަން، މިސާލެއްގެ ގޮތުން ދެއްކެވި އެވެ.

ލޯފަން މީހުންނަށް ފަސޭހައެއްގެ ގޮތުން މާލޭގެ ބައެއް މަގުތަކުގެ ޕޭވްމަންޓްތަކަށް މިހާރު އަންނަނީ ބަދަލުގެންނަމުންނެވެ. އެކަމަކު ރައީސް ވިދާޅުވީ އެ ބަދަލު ގެނައުން މާ ލަސްވެއްޖެ ކަމަށެވެ.

"ޔޫސުފް ތި ވިދާޅުވާހެން ތިއީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި އޮތް ދާއިރާއެއް. އަޅުގަނޑުމެންގެ ތެރޭގައި ބާކީ ނުކޮށް ހުރިހާ އެންމެން ޝާމިލްވާ ގޮތަށް ޚިދުމަތްތަކާއި ކަންކަން ލިބޭނެ ގޮތް ހަދައިދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އާއިލާގައި ވެސް އެބަ ތިބި ލޮލަށް ނުފެންނަ ކުދިން. އެހެންވީމަ އޭގެ [ކަންކަމުގައި ކުރިމަތިވާނެ އުނދަގޫ] އަޅުގަނޑަށް އިހްސާސްކުރެވޭ. ބޭނުންވާ އެހީތެރިކަމާއި ކަންކަން ވެސް އެނގޭ."

ރައީސް އެދިވަޑައިގަތީ ޔޫސުފް ވެސް އުއްމީދު ގެއްލުވާ ނުލުމަށެވެ. ޔޫސުފް އެދޭ ފަދަ ބަދަލުތައް އަބަދުވެސް ހިތްޕުޅުގައި ހުރި ކަމަށާއި އެ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އުއްމީދު ކުރައްވާ، އުއްމީދު ގެއްލުވާ ނުލައްވައްޗޭ. ސިޔާސަތުތައް ބަދަލުވެގެންދާ އިރު އެ ބަދަލު އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ޔޫސުފް، ރައީސާ ދެން ކުރި ސުވާލުކުރީ ސިޔާސީ ކަންކަމުގައި އުޅުއްވާ އެހެން ބޭފުޅުންނާ ޚިލާފަށް ރައީސް ބަސް މަދު ސަބަބާ މެދުގަ އެވެ. ހިނިފުޅުވަޑުވަމުން ރައީސް ވިދާޅުވީ "އެއީ އަޅުގަނޑުގެ މިޒާޖު" ކަމަށެވެ. ސަމާސާ ކުރައްވަމުން އެ މަނިކުފާނު ދެން އެއްސެވީ ވާހަކަ ގިނަކުރަންވީތޯ އެވެ.

"ވާހަކަ ދެއްކުމަށް ވުރެން އަޅުގަނޑު ބަލަނީ ވިސްނާފައި އެ ކަމެއް ކުރެވޭތޯ. އެ ކަމެއް ކުރުމަށް ފަހުގައި ވެސް އެއީ އަޅުގަނޑު ކުރި ކަމެއްގެ ގޮތުގައި ދައްކާކަށް މުހިއްމު ކަމެއް ނުދެން. އެ ކަމެއް ވީމައި ނިމުނީ. ދެން ކަމެއް ކުރާއިރުގައި މީހުންގެ އަޑު އަޅުގަނޑު އަހަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަށައިގެން ތިބި އެންމެންނާ އެކު ވީހާވެސް ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ނުހޯދައި ކަންކަމެއް ނުކުރައްވަ އެވެ.

ގުރުއާން ހިތުދަސްކުރަމުން އަންނަ ޔޫސުފްއާ އެކު ރައީސްގެ ބައްދަލުވުން ނިންމާލެއްވީ ލޯފަން މީހުންނަށް ވެސް ކުރިއަށް ދެވޭނެ ކަމުގެ ހިތްވަރާއި އަޒުމް އާކޮށްދެއްވަމުންނެވެ. މިސާލެއް ދައްކަވަމުން، އެމަނިކުފާނުގެ އާއިލާގައި ލޯފަން ދެ ހާފިޒުން އެބަތިބި ކަމަށާއި މިހާރު ޑިގްރީ އަށް ކިޔަވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް ވަޑައިގަންނަވާ، ދޮރުތަކެއް ބަންދެއް ނުވާނެ ހިތްވަރާ އެކު ކުރިއަށް ވަޑައިގަތީމަ،" ރައީސް ވިދާޅުވި އެވެ.