Roadha Mihaaru
ގުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް އޭދަފުށީގައި

ގުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް 100 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޭދަފުށީގައި ފަށައިފި

13 އޯގަސްޓް 2017

ގުރުއާން ހިތުދަސްކޮށްދިނުމަށް ބ. އޭދަފުށީގައި މިއަދު ޕްރޮގްރާމެއް ފަށައިފި އެވެ.

ގުރުއާން ހިތުދަސްކޮށްދިނުމަށް ބ. އޭދަފުށީގައި މިއަދު ޕްރޮގްރާމެއް ފަށައިފި އެވެ.

ކީރިތި ގުރުއާނާބެހޭ މަރުކަޒާއި އޭދަފުށީ ކައުންސިލް ގުޅިގެން ފެށި މި ޕްރޮގްރާމުގައި 122 ކުޑަކުދިންނާއި 16 މީހުން ބައިވެރިވެ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވީ ރަށުގައި ގުރުއާން ހިތުދަސް މީހުން ގިނަ ކުރުމުގެ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް ވަރަށް ގިނަ ދަރިވަރުން އެ ކްލާސްތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭދަފުށީގައި ކުރިއަށްގެންދާ ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން.-- ފޮޓޯ: އޭދަފުށީ ކައުންސިލް

އޭދަފުށީގައި ކުރިއަށްގެންދާ ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން.-- ފޮޓޯ: އޭދަފުށީ ކައުންސިލް

ގުރުއާން ހިތުދަސްކޮށްދިނުމުގެ ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަފުތާގެ ތިން ދުވަހެވެ. އެއީ ކްލާހަކަށް 22 ކުދިން ލައިގެންނެވެ. ތޮލާލް ވިދާޅުވީ އިތުރު ކްލާސްތައް ނެގުމާ ގުޅޭގޮތުން މިހާރުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ހިތުދަސްކުރުމުގެ މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭން ބޭރުން ގާރީއެއް ގެނެސްގެންނެވެ. މިކަމަށް ބޮޑު ހަރަދެއް ކުރަންޖެހޭތީ ކައުންސިލުން މި ކްލާސްތައް ހިންގަނީ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 100ރ. ނަގައިގެންނެވެ.

"މި ކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް ވަރަށް މަސައްކަތް ކުރާނަން. މިހާރު ވެސް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ. އުއްމީދުކުރަނީ ގުރުއާން ހިތުދަސް ގިނަ ބަޔަކު މި ރަށުގައި އުފެދިގެން ދިއުން،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭދަފުށީގައި ގުރުއާން ހިތުދަސްކުރުމުގެ ރޫހު އެހާ ބޮޑަށް އިތުރުވެގެން ދިޔައީ، އެ ރަށަށް އުފަން، 11 އަހަރުގެ ހާފިޒެއް ކަމަށްވާ މުހައްމަދު މުސްތަފާގެ ސަބަބުން ކަމަށެވެ. މިދިޔަ ރޯދަ މަހު އިމާމުގެ ތަރާވީހް ނަމާދުކޮށް، އޭނާ ވަނީ އެތައް ބައެއްގެ ލޯބި ހޯދައިފަ އެވެ.