Roadha Mihaaru

ހާފިޒުން އެންމެ ގިނައީ އައްޑޫގައި

ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

ހާފިޒުން އެންމެ ގިނައީ އައްޑޫގައި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 އެޕްރީލް 2025

ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މަރުކަޒުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށެވެ. އެ ސިޓީގައި 65 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 53 އަހަރެވެ.

ދެ ވަނައަށް ހާފިޒުން އެންމެ ގިނަ ފުވައްމުލަކުގައި 61 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 48 އަހަރެވެ.

ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ޅ. ނައިފަރެވެ. އެ ރަށުގައި މި ވަގުތު ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ.

މާލޭގައި ދާއިމީ ރަޖިސްޓްރީގައި ތިބި ހާފިޒުންގެ އަދަދު އުޅެނީ 47 ގަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، ރާއްޖޭގައި މި ވަގުތު ހުރި އެންމެ ޒުވާން ހާފިޒަކީ 10 އަހަރުގެ އަމަން އަހުމަދު އާތިފް، ބ. ހިތާދޫ، ޑޭޒީމާގެ ކަމަށެވެ.

އެންމެ ދުވަސްވީ ހާފިޒަކީ ސ. ފޭދޫ، އައިސްގެ، މުހައްމަދު ނައީމް، 91، އެވެ.