Roadha Mihaaru
ގުރުއާން ހިތުދަސްކުރަން ބާރުއަޅަން އެލަވަންސެއް ދެނީ

ކޮންމެ މަހަކު ތިން ފޮތަށް ވުރެ ގިނައިން ގުރުއާން ހިތުދަސްކުރާ ކުދިންނަށް އެލަވަންސެއް ދެނީ

30 ޖޫން 2024

ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ކޮންމެ މަހަކު ތިން ފޮތަށް ވުރެ ގިނައިން ހިތުދަސްކުރާ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ކޮންމެ މަހަކު ތިން ފޮތަށް ވުރެ ގިނައިން ހިތުދަސްކުރާ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ނިންމައިފި އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި އުޅޭ ކުދިންނަށް ޕޮކެޓް މަނީ ދިނުމަށް، އޭނާގެ މިނިސްޓަރުކަމުގައި މީގެ ކުރިން ފެށި ކަމަށެވެ.

ނަމަވެސް، އެ އެހީ ދިނުން ވަކި ހިސާބަކުން ހުއްޓިފައި އޮތުމަށްފަހު، ގުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި ބައިވެރިވެ، ކޮންމެ މަހަކު ތިން ފޮތަށް ވުރެ ގިނައިން ހިތު ދަސްކުރާ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން ޕޮކެޓް މަނީ ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރުއާން ހިތުދަސްކޮށް، ހާފިޒްކަމުގެ ސަނަދު ހޯދާ ކުދިންނަށް ސަރުކާރުން މިހާރު ވެސް ކޮންމެ މަހަކު އެލަވަންސެއް ދެ އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ރައީސް އޮފީސް

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ވަނީ ގުރުއާން ހިތުދަސްކުރާ ކުދިން އުމްރާއަށް ފޮނުވަން ވެސް ނިންމައިފަ އެވެ.

ޝަހީމް ވިދާޅުވީ ފުވައްމުލަކުން ގުރުއާން ހިތުދަސްކުރި ހަތް ކުއްޖަކާ އެކު، ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ ޕްރޮގްރާމް ފަށާނެ ކަމަށެވެ.

ގުރުއާނާ ބެހޭ މަރުކަޒު މީގެ ކުރިން ހިންގީ، މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ އިމާރާތެއްގަ އެވެ. ނަމަވެސް، އެ ތަން ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ހުރުމުން، ގުރުއާނާ ބެހޭ މަރުކަޒު ބަދަލުކުރީ ކިންގް ސަލްމާން މިސްކިތުގެ ތެރެއަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ބޮޑު މިސްކިތަކީ ވަރަށް ފުރިހަމަ ތަނަކަށް ވިއަސް، ގުރުއާނާ ބެހޭ މަރުކަޒު ހިންގަން އެންމެ މުނާސަބު ބިނާ ނޫން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒު ބޮޑުވުމާއި ދަރިވަރުންގެ އަދަދު ގިނަވުން އަދި ކްލާސްތައް މަދުވުމެވެ. އެތަން ގާއިމްކޮށްފައި ހުރި ގޮތުން އެ ފަދަ މަރުކަޒަކަށް އިތުރު ބިނާއެއް ބޭނުންވާކަމުގެ އިހުސާސް ކުރެވޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ހާއްސަ ބިނާއެއް ދިވެހިރާއްޖޭގައި ގާއިމްކުރުމުގެ މި މަސައްކަތާ ބެހޭގޮތުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާ އަޅުގަނޑުމެން މަޝްވަރާކުރާނަމޭ. އިރާދަކުރެއްވިއްޔާ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ހާއްސަ ބިނާއެއް ރާއްޖޭގައި ގާއިމްކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން....އަރުވަން." ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް

ގުރުއާނާ ބެހޭ މަރުކަޒަކީ ވަރަށް މާތް މަސައްކަތްކުރާ ތަނެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގުރުއާން ހިތުދަސްކުރާ ދަރިވަރުންގެ އަދަދު އިތުރުކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އޭގެ ތެރެއިން އައްޑޫގައި ހަދަމުން އަންނަ އިސްލާމީ މަރުކަޒާއި ފުވައްމުލުގައި ބިނާކުރާ ގުރުއާނާ ބެހޭ މަރުކަޒުގެ އާ އިމާރާތް އަދި ހައްދުންމަތީގައި ގުރުއާނާ ބެހޭ މަރުކަޒުތައް ހަދައި ޕްރޮގްރާމްތައް އިތުރުކޮށް، ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް ވަރުގަދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މީގެ ކުރިން ބޭއްވީ ސްކޫލު ދަރިވަރުންނަށެވެ. އެ މުބާރާތުން ޖާގަ ލިބޭނީ ސްކޫލުގައި ބާއްވާ މުބާރާތަށް ފަހު، އަތޮޅު މުބާރާތުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށެވެ. އެ އުސޫލަށް މީގެ ކުރިން ގެނައި ބަދަލުތަކާ އެކު، އެ ކަންކަމަކަށް ނުބަލަ އެވެ.

ޝަހީމް ވެސް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް، ވަރުގަދަކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. މުބާރާތް ހިންގާ ގޮތުގެ އުސޫލީ ކަންކަމަށް ބަދަލު ނުގެނައި ކަމުގައި ވިއަސް ބައެއް ބަދަލުތައް އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހަރުގެ މުބާރާތުގައި ސްކޫލު ކުދިންނާއި މުއައްސަސާތަކުން ހާހަކަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މުބާރާތުގެ ފެންވަރު ރަނގަޅުކުރަން ބައިވެރިން މަދުކުރަން ޖެހޭ ކަމަށެވެ.