Roadha Mihaaru
ގުރްއާން މުބާރާތުން 1 ވަނަ އިމާދުއްދީންގެ ދަރިވަރަކަށް

ގައުމީ ގުރުއާން މުބާރާތުން އެއްވަނަ އިމާދުއްދީން ސްކޫލުގެ މުހައްމަދު ސާއީ އިބްރާހީމަށް

08 ސެޕްޓެމްބަރ 2019

މި އަހަރުގެ ގައުމީ ގުރުއާން މުބާރާތުން އެއްވަނަ އިމާދުއްދީން ސްކޫލުގެ މުހައްމަދު ސާއީ މުބާރަކް ރޭ ހޯދައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މި އަހަރުގެ ގައުމީ ގުރުއާން މުބާރާތުން އެއްވަނަ އިމާދުއްދީން ސްކޫލުގެ މުހައްމަދު ސާއީ މުބާރަކް ރޭ ހޯދައިފި އެވެ.

މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 1،273 ފަރާތަކުން ބައިވެރިވި އެވެ. މިއީ ގައުމީ ގުރްއާން މުބާރާތެއްގައި އެންމެ ގިިނަ މީހުން ބައިވެރިވި ފަހަރު ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުނެފައި ވެ އެވެ.

އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި، ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އިމާދުއްދީން ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރު ސާއީއާ އިނާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މުބާރާތުގެ ދެވަނަ ދަރިވަރަކީ އިސްލާމިކް ޔުނައިޓެޑް ފޮ އަސާސް ވިނަވި އެންޑް އިޔާރް (އިއުވައި)ގެ މުހައްމަދު ނަބީހު ރާޝިދެވެ. ތިން ވަނަ އަށް ހޮވުނީ ދައުވާ ފައުންޑޭޝަންގެ މުހައްމަދު ނަބްހާނެވެ. އެ ދެ މީހުންނަށް ވެސް އިނާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސްގެ އިތުރުން ނައިބު ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި މުބާރާތުގެ ބައިވެރިންގެ ތެރެއިން 15 ދަރިވަރަކަށް ހާފިޒުންގެ ތަށި ލިބުނެވެ. އާންމު ކެޓަގަރީގައި ބައިވެރިވި މުއާސަސާތަކުގެ ތެރެއިން އެއްވަނަ އަށް ހޮވުނީ އިއުވައި އަށެވެ. ސާނަވީ ސްކޫލުތަކުގެ ތެރެއިން ތާޖުއްދީން ސްކޫލުން އެއްވަނަ ހޯދި އިރު މަތީ ސާނަވީ ސްކޫލުތަކުގެ ތެެރެއިން އެއްވަނަ ކާމިޔާބު ކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މި އަހަރުގެ ގުރްއާން މުބާރާތް ކުރިއަށް ގެންދިޔައީ ގުރްއާނާ ބެހޭ މަރުކަޒާއި އިސްލާމީ މަރުކަޒުގަ އެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް ބައިވެރިން ގާތު އެހީ އެންމެ ސުވާލެކެވެ. މި ބަދަލު ގެނެސްފައި ވަނީ މުބާރާތުގެ ބައިވެރިންގެ އަދަދު ގިނަވުމުން ވަގުތު ސަލާމާތް ކުރުމަށް ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.