Roadha Mihaaru
ގުރުއާން މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަނީ

ގައުމީ ގުރުއާން މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަނީ

27 އޯގަސްޓް 2019

އަންނަ އާދިއްތަ ދުވަހު ފަށާ ގައުމީ ގުރުއާން މުބާރާތުގައި 1200 އަށް ވުރެ ގިނަ ބައިވެރިން ކިޔަވާނެ ކަމަށް ގުރްއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަންނަ އާދިއްތަ ދުވަހު ފަށާ ގައުމީ ގުރުއާން މުބާރާތުގައި 1200 އަށް ވުރެ ގިނަ ބައިވެރިން ކިޔަވާނެ ކަމަށް ގުރްއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުރްއާނާ ބެހޭ މަރުކަޒުގެ ސުޕަވައިޒަރު އަޒްލީފް ލަތީފް ވިދާޅުވީ މި އަހަރުގެ މުބާރާތުގައި 1273 މީހުން ބައިވެރިވި ކަމަށެވެ. މިއީ ގައުމީ ގުރްއާން މުބާރާތެއްގައި އެންމެ ގިނަ ބައިވެރިން ކިޔަވާނެ މުބާރާތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މި މުބާރާތް ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެއީ އާންމު ކެޓަގަރީ އާއި ސްކޫލް ދަރިވަރުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން ހާފިޒުންނަށް ހާއްސަ ކެޓަގަރީ އެވެ. ހާފިޒުންގެ ކެޓަގަރީ ފިޔަވައި ދެން ހުރި ކެޓަގަރީތައް ވަނީ ބަލައިގެން ކިޔަވާ ކެޓަގަރީ އާއި ހިތުން ކިޔަވާ ކެޓަގަރީއަކަށް ބަހާލާފަ އެވެ. އަދި ސްކޫލު ކުދިންގެ ކެޓަގަރީ ފަސް ކީ ސްޓޭޖަކަށް ބަހާލާފައިވާ ކަމަށް އަޒްލީފު ވިދާޅުވި އެވެ.

ސްކޫލު ކުދިންގެ ކެޓަގަރީގައި ކޮންމެ ސްކޫލަކުން 15 ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބަލައިގެން ކިޔަވާ ދެ ދަރިވަރަކާއި ހިތުން ކިޔަވާ ދަރިވަރަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ހުޅުވާލާފައިވާ ކެޓަގަރީގައި ކުންފުނިތަކާއި މުއާސަސާތަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ގުރުއާން މުބާރާތް އިންތިޒާމްކުރާ ކޮމިޓީގެ މެމްބަރު މުހައްމަދު ތައުފީގު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް އޮންނާނީ އިސްލާމީ މަރުކަޒާއި ގުރްއާނާ ބެހޭ މަރުކަޒުގައި ކަމަށެވެ. އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ދާނީ ހިތުން ކިޔަވާ ކެޓަގަރީގެ ބައެވެ. އަދި ގުރުއާނާ ބެހޭ މަރުކަޒުގައި ކުރިއަށް ގެންދާނީ ބަލައިގެން ކިޔަވާ ގޮފީގެ ކިޔެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިން ގާތު އަހާނީ އެންމެ ސުވާލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބައިވެރިން ގިނަ ވުމުން ވަގުތު ސަލާމާތް ކުރަން ގެނައި ބަދަލެކެވެ.