Roadha Mihaaru
ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބާއްވަނީ

ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބާއްވަނީ

28 ޑިސެމްބަރ 2017

ގުރުއާން ކިޔެވުމުގެ ބައިނަލްއަގުވާމީ މުބާރާތެއް އަންނަ ރޯދަ މަހު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގުރުއާން ކިޔެވުމުގެ ބައިނަލްއަގުވާމީ މުބާރާތެއް އަންނަ ރޯދަ މަހު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މިއީ، ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމް ކުރާ މި މުބާރާތުގައި ގިނަ ގައުމުތަކަކަށް ދައުވަތު ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ މިނިސްޓްރީން ބުނީ ބަލައިގެން ކިޔަވާ މި މުބާރާތުގައި އިސްލާމީ ނޫން ގައުމުތަކަށް ވެސް ދައުވަތު ދޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން އިސްލާމީ ބައެއް ގައުމުތަކަށް ވެސް ފުރުސަތު ދޭނެ ކަމަށް އެތަނުން ބުންޏެވެ.

މި މުބާރާތުގައި ކޮންމެ ގައުމަކުން ވެސް ބައިވެރި ކުރާނީ އެކަކު ނަމަވެސް، ރާއްޖެއިން ދިހަ މީހުންނަށް ފުރުސަތު ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

"ބައިނަލްއަގްވާމީ މުބާރާތުގެ ކުރިން އިތުރު އެހެން ގުރުއާން މުބާރާތެއް ބާއްވާނަން. އެއިން ހޮވޭ އެންމެ މޮޅު 10 މީހަކު ބައިނަލްއަގުވާމީ މުބާރާތަށް ދާނީ. އެކަމަކު މި މުބާރާތުގައި ބައިވެރިވެވޭނީ 25 އަހަރުން ދަށުގެ މީހުންނަށް،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭން ބޭރުގެ މީހުން ވެސް ބައިވެރިކުރާނެ އެވެ.

ރާއްޖޭގައި މިހާތަނަށް ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ނުބޭއްވި ނަމަވެސް، ރާއްޖޭން ބޭރުގައި ބާއްވާ މި ފަދަ މުބާރާތްތަކުން ދިވެހި ކުޑަކުދިންނާއި މީހުން ވެސް އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ.