Roadha Mihaaru
މެލޭޝިޔާގެ ގުރުއާން މުބާރާތަށް ދެ ބައިވެރިޔަކު ހޯދަނީ

މެލޭޝިއާގެ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރަން ދެ ބައިވެރިޔަކު ހޯދަނީ

08 މެއި 2023

މެލޭޝިއާ ސަރުކާރުން އެކި ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ދެ ބައިވެރިޔަކު ހޯދަން ގުރުއާނާ ބެހޭ މަރުކަޒުން މިއަދު އިއުލާނުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މެލޭޝިއާ ސަރުކާރުން އެކި ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ދެ ބައިވެރިޔަކު ހޯދަން ގުރުއާނާ ބެހޭ މަރުކަޒުން މިއަދު އިއުލާނުކޮށްފި އެވެ.

ކޮންމެ އަހަރަކު ބާއްވާ "އިންޓަނޭޝަނަލް އަލް-ގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ" ގެ "63 ވަނަ މުބާރާތް އޮންނާނީ އަންނަ އޯގަސްޓް 6-12 އަށް މެލޭޝިއާގެ ކުއާލަ ލަމްޕޫރުގަ އެވެ.

ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ އިއުލާނުގައި އެ މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން، އަންހެން އަދި ފިރިހެން ބައިވެރިޔަކު ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

މުބާރާތަށް ހޮވާނީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިން، ކޮންމެ ބަޔަކުން ބައިވެރިއެކެވެ. އަދި ބައިވެރިން ހޮވުމުގައި ގައުމީ މުބާރާތަކުން އެއް ވަނަ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ވަނީ ނިންމައިފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތު

- ދިވެހި ރައްޔިތެއް ކަމުގައިވުން

- މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ވާނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުން

- މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން

- 30 ފޮތް ހިތުދަސް މީހަކަށް ވުން. (ނުބަލާ ކިޔެވުމުގެ ބައި)

- އޮގަސްޓް 6، 2023 އަށް 13 އަހަރު ފުރިފައިވުން

- މުޅި ގުރްއާން ތަޖުވީދުމަގުން ފަރިތަކަމާ އެކު ދިގު ރާގަށް ކިޔަވަން އެނގުން

މުބާރާތުގައި ބައިވެރިކުރާ ބަޔަކު ހޮވާނީ މެލޭޝިއާއިން އެ މުބާރާތް އިންތިޒާމުކުރާ ފަރާތުން ކުރިއަށް ގެންދާ އޮޑިޝަނުން ކޮލިފައިވުމުންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ހޮވުނީ އާއިޝަތު ލީސް އައުރަފް ފާރޫގެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ ވިއްސަކަށް އަހަރު ވެފައިވާއިރު، ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން، ގަދަ 10 އަދި ގަދަ 5 ގައި ވެސް މީގެކުރިން ހިމެނިފައިވެ އެވެ.