Roadha Mihaaru

އެންމެ ހަގު ދިވެހި "ހާފިޒަކަށް" ފަސް އަހަރުގެ އޯޓިސްޓިކް ކުއްޖެއް!

23 ނޮވެމްބަރ 2017

ގުރުއާން ކިޔަވާކަށް އޭނާ "އަލިފުބާ"އެއް ދަހެއް ނުކުރެ އެވެ. ޓީވީން ގުރުއާން ކިޔަވާތަން ބަލައިގެން، އެންމެ ފުރަތަމަ އަޑުދަށުން ކިޔަން ދަސްކުރީ އެވެ. އާޔަތްތަކުގެ މާނަ ވެސް ދަސް ކުރަން ފެށީ އެހެންނެވެ. މިހާރު، އުމުރުން ފަސް އަހަރުގެ، މއ. އަރިވަރު މުހައްމަދު އަޝްހަމް އަލީ ގުރުއާން ހިތުދަހެވެ. ގިނަ އާޔަތްތަކުގެ މާނަ ވެސް އޭނާ ދަސްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގުރުއާން ކިޔަވާކަށް އޭނާ "އަލިފުބާ"އެއް ދަހެއް ނުކުރެ އެވެ. ޓީވީން ގުރުއާން ކިޔަވާތަން ބަލައިގެން، އެންމެ ފުރަތަމަ އަޑުދަށުން ކިޔަން ދަސްކުރީ އެވެ. އާޔަތްތަކުގެ މާނަ ވެސް ދަސް ކުރަން ފެށީ އެހެންނެވެ. މިހާރު، އުމުރުން ފަސް އަހަރުގެ، މއ. އަރިވަރު މުހައްމަދު އަޝްހަމް އަލީ ގުރުއާން ހިތުދަހެވެ. ގިނަ އާޔަތްތަކުގެ މާނަ ވެސް އޭނާ ދަސްކޮށްފި އެވެ.

މިއީ ރާއްޖޭގައި ހުރި އެންމެ ހަގު "ހާފިޒެ"ވެ. ގުރުއާން ހިތުދަސްކޮށް، ސްކޫލުން އެކަން ފާހަގަ ކޮށްފައިވާއިރު، ރަސްމީކޮށް އޭނާއަށް ހާފިޒުކަން ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުން ސަނަދު ދިނުމުންނެވެ.

އަޝްހަމް މިދިޔަ އަންގާރަ ދުވަހު ގޭގައި މަޑުކޮށްލައިގެން: ގުރުއާން ހިތުދަސްކުރަން ފެށީ ފުރަތަމަ އަޑުއަހައިގެން.-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

އަޝްހަމް މިދިޔަ އަންގާރަ ދުވަހު ގޭގައި މަޑުކޮށްލައިގެން: ގުރުއާން ހިތުދަސްކުރަން ފެށީ ފުރަތަމަ އަޑުއަހައިގެން.-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

އަޝްހަމްގެ މަންމަ، ޝިފާނާ ޔޫސުފް މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދިން އިންޓަވިއުގައި ބުނިގޮތުގައި އެންމެ ކުޑައިރު ވެސް ބަންގީގެ އަޑަށް އޭނާ ބޮޑު ސަމާލުކަމެއް ދިނެވެ. އަދި ފުރަތަމަ ބަހެއް ކިޔުމުގެ ކުރިން ގުރުއާން ކިޔަވަން ފެށި އެވެ. އަޝްހަމް ބޭނުން ވެގެން، އަބަދުވެސް ގޭތެރޭގައި ގުރުއާން ޖަހާފައި ހުންނައިރު، އޭނާ ވެސް އެއާ އެއްވަރަށް ކިޔަވަމުން ދެ އެވެ.

އޯޓިސްޓިކް ކުއްޖެއް ކަމަށްވާ އަޝްހަމަށް ގުރުއާން ހިތުދަސް ކުރެވިދާނެކަން މައިންބަފައިންނަށް އެނގުނު އިރު، އޭނާ ވަނީ އަމިއްލައަށް ބައެއް ސޫރަތްތައް ހިތުދަސްކޮށްފަ އެވެ.

އަޝްހަމް އޭނާގެ ޓީޗަރު، ނަޒުވާ އާ އެކު ގުރުއާން ކިޔަވަނީ-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

އަޝްހަމް އޭނާގެ ޓީޗަރު، ނަޒުވާ އާ އެކު ގުރުއާން ކިޔަވަނީ-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

"އަޝްހަމަށް އަދިވެސް ނޭނގޭނެ ރީތިކޮށް ވާހަކަ ދައްކާކަށް. ވަރަށް މަދު ލަފުޒުތަކެއް ކިޔާނީ. އެކަމަކު ގުރުއާނުން ކޮންމެ ތަނެއް ދެއްކިޔަސް ފަސޭހަކަމާ އެކު ކިޔާލާނެ،" ޝިފާނާ ބުންޏެވެ.

ދޮންދޫނި ޕްރީ ސްކޫލަށް އަޝްހަމު ވެއްދުމާ އެކު އެތަނުގެ ޓީޗަރުންނަށް އަޝްހަމްގެ ހުނަރު ފާހަގަކުރެވުނެވެ. ކްލާސް ތެރޭގައި އެހެން އުޅޭއިރު، ނުބަލައި ގިނަ ސޫރަތްތަކެއް ކިޔަވާތީ އެވެ. އެހެންވެ، އޭނާއަށް ގުރުއާން ހިތުދަސްކޮށްދެވިދާނެ ކަމުގެ ޔަގީންކަން ސްކޫލުން އަޝްހަމްގެ ބެލެނިވެރިންނަށް ދިނެވެ.

ހުރިހާ ވަގުތެއް ހުސްކޮށްގެން، އަޝްހަމަށް ގުރުއާން ދަސްކޮށްދޭން ޝިފާނާ ފެށީ ވަރަށް ފަހުންނެވެ. އެކަމަކު އޭނާއަކީ އޯޓިޒަމްގެ ވައްތަރެއް ކަމަށްވާ، އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްއޭޑީ) ނުވަތަ ވަރަށް ހަލަނި ކުއްޖަކަށް ވުމުން އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ގޮނޑިއެއްގައި ބައިންދައިގެން ގުރުއާން ކިޔަވައެއް ނުދެވެ އެވެ. އެފަދަ ކުދިން ކަންކަން ދަސް ކުރާނީ އެ މީހުން ބޭނުންވާ ގަޑިއެއްގައި ބޭނުން ގޮތަކަށެވެ.

އަޝްހަމް އޭނާގެ މައިންބަފައިންނާއި ކޮއްކޮއާ އެކު

އަޝްހަމް އޭނާގެ މައިންބަފައިންނާއި ކޮއްކޮއާ އެކު

ގޮންޖެހުންތައް ހުރި ނަމަވެސް ޝިފާނާގެ އުއްމީދު ކަނޑައެއް ނުލަ އެވެ. ދަރިފުޅު ގުރުއާން ކިޔަވަން ދެކޮޅުހަދާ ވަގުތުތަކުގައި ޝިފާނާ އަމިއްލައަށް ކިޔަވަން ފަށަ އެވެ. އަދި މަންމަ ކިޔަވާ އަޑު އަހައިގެން އަޝްހަމް އައީ ފަސޭހަކަމާ އެކު އެ އާޔަތްތައް ދަސްކުރަމުންނެވެ. ފޯނާއި ޓެބްލެޓަށް ގުރުއާނާއި އޭގެ މާނަ އެޅުމުން، އޭނާ އަމިއްލައަށް އެ އަޑުއަހަން ފެށި އެވެ.

"އެހެން ގުރުއާން ކިޔަވަން އިނދެގެން ވަރަށް ރޯނެ. މާނަ އަޑުއަހާފައި ވެސް ރޯނެ. ހީވާނީ އެ ބުނާ އެއްޗެއް އޭނާއަށް ދޭހަވެގެން ރޯހެން،" ޝިފާނާ ބުންޏެވެ.

އަޝްހަމް ކިޔަވާތަން ދެކިލުމަށް "މިހާރު"ން އޭނާ ދިރިއުޅޭ ގެއަށާއި ސްކޫލަށް ޒިޔާރަތް ކުރި އެވެ. ގެއަށް ދިޔުމުގެ ކުރިން އޭނާގެ ބައްޕަ އަލީ ރަޝީދު، އަޝްހަމްގެ ހަލަނި ވާހަކަ އާއި ފޮޓޯ ނަގަން ފަސޭހަ ނުވެދާނެ ކަމުގެ ވާހަކަ ބުންޏެވެ.

ބައެއް ފަހަރަށް ގުރުއާން ކިޔަވަން ސްކޫލުގެ މޭޒު ދަށުގައި ވެސް އަޝްހަމް އިނދެ އެވެ. ދެތިން އާޔަތް ކިޔާލާފައި، ފޮތެއްގައި ކުރަހާލަން ބޭނުން ވެދާނެ އެވެ. ދެން އެނބުރި އައިސް އޭގެ މާނަ ވެސް ކިޔައިދީފާނެ އެވެ.

އަޝްހަމް އޭނާގެ ސްކޫލުގައި: އުމުރުން ފަސް އަހަރުގައި އަޝްހަމް ވަނީ ގުރުއާން ހިތުދަސްކޮށްފައި-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

އަޝްހަމް އޭނާގެ ސްކޫލުގައި: އުމުރުން ފަސް އަހަރުގައި އަޝްހަމް ވަނީ ގުރުއާން ހިތުދަސްކޮށްފައި-- މިހާރު ފޮޓޯ: އަމާނީ އަބްދުﷲ

"އެހެން ކިޔަވާއިރު ފަންސޫރު ޖައްސަމުން ދާނީ. ނުބައިކޮށް ތަންކޮޅެއް ކިޔައިލެވިއްޖެ ނަމަ އެތަނެއްގައި ބޮޅު އަޅާފައި ދައްކާނެ. ނޫނީ އަމިއްލައަށް ބުނާނެ މިތަން އަދި ކިޔާށޭ،" ދޮންދޫނި ސްކޫލުގައި އަޝްހަމަށް ގުރުއާން ކިޔަވައިދޭ ޓީޗަރު، އައިޝަތު ނަޒުވާ ބުންޏެވެ.

ނަޒުވާމެންނަށް އަޝްހަމަށް ލިބިފައިވާ ހުނަރު ފާހަގަކުރެވުނީ، އަންމާފޮތް ނިންމައި، ދެން ކިޔަވަން ފެށި ސޫރަތްތައް ދަސްކުރާލެއް އަވަސް ކަމުންނެވެ. އަދި މަސައްކަތް ކޮށްފިއްޔާ ގުރުއާން ހިތުދަސްކުރެވިދާނެކަން ސްކޫލަށް ފާހަގަވުމުން، އާއިލާއާ ގުޅިގެން އެ މަސައްކަތް ފެށީ އެވެ.

އަޝްހަމްގެ ބައްޕަ އަލީ ރަޝީދު ބުނީ އޭނާ އަބަދުވެސް ގަބޫލުކުރަމުން އަންނަނީ އެއީ އާއިލާއަށް ލިބުނު ނިއުމަތެއް ކަމަށެވެ. ދަރިފުޅަށް ވާހަކަ ދައްކަން އުނދަގޫ ނަމަވެސް އަޝްހަމް ވަނީ ކުރަން ބޭނުން ކަންތައް އަމިއްލައަށް ކޮށްފަ އެވެ.

އަޝްހަމް އޭނާއަށް ދޮންދޫނި ޕްރީ ސްކޫލުން ދީފައިވާ ތައްޓާއެކު ގުރެޖުއޭޝަނުގައި

އަޝްހަމް އޭނާއަށް ދޮންދޫނި ޕްރީ ސްކޫލުން ދީފައިވާ ތައްޓާއެކު ގުރެޖުއޭޝަނުގައި

"އޯޓިސްޓިކް އެކި ކުދިންނަށް ލިބިފައި ހުންނަނީ އެކި ކަހަލަ ހުނަރު. ހުރިހާ ކުދިންނަށް ގުރުއާން ހިތުދަސްނުކުރެވިދާނެ،" އަލީ ރަޝީދު ބުންޏެވެ.

"ބައެއް ކުދިން ކުރަން މޮޅުވެދާނެ، ނޫނީ އެހެން ހުނަރެއް ހުރެދާނެ. އެހެންވެ އެކަން ދެނެގަނެ، އެކަންކަން ކުރިއަރުވަން އެހީވާން އަޅުގަނޑު އެދެން އެހެން މައިންބަފައިންގެ ކިބައިން."

އަޝްހަމް މިހާރު އަންނަނީ ރަސްމީކޮށް ހާފިޒުކަމުގެ ސަނަދު ނެގުމަށް ތައްޔާރުވަމުންނެވެ.