Roadha Mihaaru
އިސްލާމް އަދި ގުރުއާން ފޮތްތައް ރިވިއުކުރަން ނިންމައިފި

އިސްލާމް އަދި ގުރުއާން ފޮތްތައް ރިވިއުކުރަން ނިންމައިފި

05 ސެޕްޓެމްބަރ 2021

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މުވައްޒަފުން ނުހިމެނޭ މިނިވަން، ފަންނީ ބޭފުޅުން ހިމެނޭ ކޮމިޓީއަކުން އިިސްލާމް އަދި ގުރުއާން، މި ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެންއައިއީ އިން ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މުވައްޒަފުން ނުހިމެނޭ މިނިވަން، ފަންނީ ބޭފުޅުން ހިމެނޭ ކޮމިޓީއަކުން އިިސްލާމް އަދި ގުރުއާން، މި ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެންއައިއީ އިން ބުނެފި އެވެ.

އެންއައިއީ އިން މިގޮތަށް ނިންމީ ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް ފާހަގަވުމުންނެވެ.

އެންއައިއީ އިން ބުނީ އަލަށް ތައާރަފްކުރި "ތަދުރީސުލްގުރްއާން" ގްރޭޑް 1 ގެ ދަރިވަރުންގެ ފޮތުގެ އިތުރުން ވެސް ކުރިން އެކުލަވާލާފައިވާ އެހެން ބައެއް ގްރޭޑުތަކުގެ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރިކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކުށްތަކާ އެކު ފޮތް ޝާއިއުކުރެވެން ދިމާވި ގޮތް ދެނެގަނެ، އެފަދަ ކުށެއް ތަކުރާރުވިޔަ ނުދިނުމަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އެންއައިއީ އިން ބުންޏެވެ.

އެގޮތުން އެ އިންސްޓިޓިއުޓްގެ މުވައްޒަފުން ނުހިމެނޭ މިނިވަން ކޮމިޓީއަކުން އިސްލާމް އަދި ގުރުއާންގެ ހުރިހާ ފޮތްތަކެއް ރިވިއުކޮށް، އެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ކުށްތަށް އިސްލާހު ކުރުމަށް އެ ވަގުތަކު ސްކޫލުތަކަށް ދޭންޖެހޭ އިރުޝާދު ދެމުން ގެންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން، ތަދުރީސުލްގުރްއާން ގްރޭޑް 1 ބޭނުންކުރާއިރު، ގުރުއާނުގައި އޮންނަ ގޮތަށް ކިޔަވައިދިނުމަށް އެންއައިއީ އިން ވަނީ އަންގައިފަ އެވެ. އަދި މައްސަލަ ފާހަގަވެފައިވާ ސަފްހާ އޮންނަންވީ ގޮތް ސާކިއުލާއާ އެކު ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށާއި، އިސްލާހުކޮށްފައިވާ ސަފުހާ ދަރިވަރުންގެ ފޮތްތަކުގައި ތަތްކުރުމަށް ވަނީ އެދިފަ އެވެ.

ގްރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް މިދިޔަ ހަފުތާގައި ފާހަގަވެފައި ވާއިރު، ގްރޭޑު 2 އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް، ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.