Roadha Mihaaru
އާޔަތް އުނިކޮށް ރެފަރެންސް ދޭން އެންގި އެންގުން ބާތިލް

ގުރުއާނުގެ އާޔަތްތައް އުނިކޮށް، ރެފަރެންސް ދޭން އެންގުމަށް ފަހު ބާތިލްކޮށްފި

15 ޑިސެމްބަރ 2021

ދަރިވަރުންގެ ފޮތްތަކުން ގުރުއާންގެ އާޔަތްތައް އުނިކޮށް، ރެފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންގެ ފޮތްތަކުން ގުރުއާންގެ އާޔަތްތައް އުނިކޮށް، ރެފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކުރައްވައި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) އަށް އެންމެ ފުރަތަމަ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ ކަރިކިއުލަމް ރިވިޝަން މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހުކުރުމުގެ މަސައްކަތް ކުރާއިރު ގްރޭޑު 1-12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކޮށްދިނުމަށެވެ.

އެ އާޔަތްތައް އުނިކޮށް އަލުން ލިޔުމުގެ ބަދަލުގައި ގުރުއާން އާޔަތުގެ ނަމްބަރު ލިޔެ، ހަތިމަށް ރެފަރެންސްދޭ ގޮތަށް ހަމަޖެއްސުމަށް އޭރު އެދިފައިވެ އެވެ.

"ވީމާ، 2022-2023 ވަނަ ދިރާސީ އަހަރުގެ ފޮތްތައް ޗާޕުކުރުމަށް މި މިނިސްޓްރީަށް ފޮނުއްވާއިރު މި ގޮތަށް ބަދަލުކުރައްވާ ފޮނުއްވުން އެދެމެވެ،" މިދިޔަ މަހުގެ 25 ގައި ފޮނުވި ސިޓީގައި ވެ އެވެ.

ނަމަވެސް އެ ސިޓީ ބާތިލްކޮށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެންއީއައިއަށް ފޮނުވި ސިޓީގައި ވިދާޅުވީ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ އެ ސިޓީ ބާތިލްކޮށްދިނުމަށް އެދޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ފޮތްތަކުގައި އާޔަތްތަކާއި ސޫރަތްތައް ރަނގަޅަށް ބެލުމަށްފަހު މިހާރު ވެސް އަމަލުކުރަމުން އަންނަ ގޮތަށް ހިމަނަން އަންގާފައިވާނެ ކަމަށެވެ.

ގުރުއާން ފޮތްތަކާ ބެހޭ މައްސަލަ އަނެއްކާވެސް މި ފެންމަތިވީ، ބައެއް ގްރޭޑުތަކުގެ އިސްލާމާއި ގުރުއާން ފޮތުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމަށްފަހު ބަދަލުތައް ގެނައުމުގެ ތެރޭގަ އެވެ.

ގުރޭޑް 1 ގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު ފުރަތަމަ ހަފުތާގަ އެވެ. އޭގެ ފަހުން، ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރުމުން، ބައެއް އިލްމުވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވީ ގްރޭޑް 1 ގެ ކުދިންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ހުރުމުން އެކަން އިސްލާހުކޮށްގެން ކިޔަވައިދެމުން ގެންދާތާ ފަސް އަހަރު ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ އާ މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި މި ފޮތްތަކުގައި އޭރުއްސުރެ އެ ކުށް އޮތް ނަމަވެސް މިނިސްޓްރީގެ ސަމާލުކަމަށް އައީ މި ފަހުން ކަމަށެވެ.