Roadha Mihaaru
މިނިސްޓަރު ވެސް ބިރުކަނޑާލައިފައި ފީނަން!

މިނިސްޓަރު ވެސް ބިރުކަނޑާލައިފައި ދަރިވަރުންނާ އެކު ސްނޯކްލިން އަށް!

16 ސެޕްޓެމްބަރ 2021

މޫދަށް ލޯބި ކުރެއްވިޔަސް، މާ ރަނގަޅަށް ފަތަން ނޭނގުމާއި ފުން ތަންތަނަށް އެރެން ބިރުގަންނާތީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކަނޑު އަޑިއަށް ފީނަން ޖެހިލުންވެ އެވެ. އެކަމަކު، އެ ބިރަށް ފަސްދެއްވައި، ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު މިނިސްޓަރު ސްނޯކްލިން އަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ. "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އެއީ ހަމަ ލޮލުން ކަނޑުއަޑި ބައްލަވައިލައްވަން ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"މި ތަޖުރިބާ އެންމެ ހާއްސަ ވަނީ ދަރިވަރުންނާ އެކު ފުރަތަމަ ފަހަރަށް ކަނޑުއަޑި، އަމިއްލަ ލޮލުން ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނީތީ،" އައިޝަތު އަލީ ވިދާޅުވި އެވެ.

ކެޔޮދޫ ސްކޫލްގެ 24 ދަރިވަރުންނާ އެކު މިނިސްޓަރު ދެ ގަޑިއިރަށް ސްނޯކްލިން އަށް ވަޑައިގަތީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ޕާލޭ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި ކުރިއަށް ގެންދާ "އެއާ ޗެލެންޖު" ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ އެ ސްކޫލުން ކާމިޔާބުކުރުމުގެ އުފަލުގައި އެ ރަށަށް ކުރެއްވި ދަތުރުގަ އެވެ. ދަރިވަރުންނަށް ފަރުތައް ބަލައިލުމުގެ ފުރުސަތު ދިނުމަށް ސްނޯކްލިން އަށް ދިއުމަކީ މި ޕްރޮގްރާމްގައި ހިމެނޭ "ރީފް އެންޑް މީ" ދަށުން އޮންނަ ހަރަކާތެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރީގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްނޯކްލިން އަށް ގޮސްފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މިހާރު ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ، ކެޔޮދޫ ކައިރި އަށް އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށެވެ.

އެތަނުން ތަފާތު ބާވަތުގެ މުރަކަ އާއި އެކި ވައްތަރުގެ، ކުލަކުލައިގެ މަސްތައް ފެނުނު ކަމަށާއި އެންމެ އުފާވީ ކުދިން އެ ކަމަށް ހުރި ޝައުގުވެރިކަމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޮންމެ މަހެއް ފެނުމުން ވެސް ވަރަށް ޝައުގުވެރިކަމާ އެކު، އޭގެ މައުލޫމާތު ގައިޑުން ގާތުން އެ ކުދިން އަހަމުން ދިޔަ ކަމަށާއި އެތަނުން ފެނުނު ބައެއް މުރަކަތާއި މަސްތަކާ އޮންނަ ގުޅުން އެ ކުދިން މިނިސްޓަރަށް ވެސް ކިޔައިދިނެވެ.

ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރީގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު މޫދުއަޑި ބައްލަވާލައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެހާ ބިރުގަންނަ ކަމެއް ކުރައްވަން މިނިސްޓަރު ނިންމެވީ ވެސް ހާއްސަ ދެ ސަބަބެއް އޮވެގެންނެވެ؛ އޭގެން އެއް ކަމަކީ ރާއްޖެ ފަދަ ގައުމަކަށް ކަނޑުތަކާއި ފަރުތަކުގެ މުހިންމު ކަން ދަރިވަރުންނަށް ވިސްނައިދިނުމާއި ކަނޑަށް ލޯބިކުރާ ކުދިންތަކެއް އުފައްދަވަން ބޭނުން ވާތީ އެވެ.

"އަމިއްލަ ލޮލުން ކަނޑުއަޑީގެ މަންޒަރު ބަލައިލާ މުރަކަ އާއި މަސްތަކާއި ގުޅުންހުރި ހުރިހާ ބާވަތްތަކުގެ މެދުގައި އޮންނަ ގުޅުން ދަރިވަރުންނަށް ވިސްނި ފަރުތަކާއި ކަނޑަށް ގެއްލުން ވާނެ ކަންތައްތަކުން ދަރިވަރުން ދުރުވެ ތިބެން ބޭނުންވާތީ،" މިނިސްޓަރު ކިޔައިދެއްވި އެވެ.

ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރީގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް މިނިސްޓަރު ކުރެއްވި ސްނޯކްލިން ދަތުރުގައި މޫދުއަޑި ބައްލަވާލައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"ދެ ވަނަ ސަބަބަކީ، އަޅުގަނޑު ފަދައިން ބިރުން ކަނޑުއަޑި ބަލައިލަން ދާން ނުކެރިފައި ތިބޭ މީހުންނަށް މިކަން ކުރުމަށް ހިތްވަރުދިނުން. އަޅުގަނޑު ދެކޭގޮތުގައި އެ ރީތި މަންޒަރު އަމިއްލަ ލޮލުން ފެނުމުން ފަރުތަކާ ކަނޑުދެކެ ހިތުގައި އިތުރަށް ލޯބި އުފެދޭ."

މި ބިރު ކަނޑުވާލަން މިނިސްޓަރަށް އެންމެ ބޮޑު ހިތްވަރެއް ދެއްވީ ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ އާއި އެ ޖަމިއްޔާގެ ޓީމުންނެވެ.

"އަޅުގަނޑަށް މިއީ އެހާ އުދަނގޫ ކަމެއް ނޫން ކަމަށާއި އެ ބޭފުޅުން އަޅުގަނޑަށް މިކަމުގައި އެހީތެރިވެދެއްވާނެ ކަމަށް ޝާހީނާ ވިދާޅުވުމުން އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވި،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރި އަށް އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރުގައި ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ދަތުރުގައި މިނިސްޓަރާ އެކު ބައިވެރިވި އެކި އުމުރުފުރާގެ ދަރިވަރުންގެ ތެރޭގައި ވެސް އަލަށް ސްނޯކްލިން އަށް ދިޔަ ކުދިން ތިއްބެވެ.

މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި މިފަދަ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުން މުހިންމު ވަނީ، މީގެ ސަބަބުން ތިމާވެއްޓާއި ކަނޑުތަކުގެ މުހިއްމުކަން ދަރިވަރުންނަށް ވިސްނި އެ ކަން ކަމަށް އެކުދިންގެ ހިތުގައި ލޯބި ޖެހި އަދި އެކުދިންގެ ޒަރީއާއިން ބެލެނިވެރިން ވެސް މި ކަމަށް އަހުލުވެރި ވާތީ ކަމަށެވެ.

ކެޔޮދޫ އަކީ އޭގެ މިސާލެއް ކަމަށާއި އެ ރަށް މިސާލެއްގެ ގޮތުގައި ނަގައިގެން އެހެން ރަށްރަށުން ވެސް މި މަސައްކަތް ކުރުމަށް އެދިލެއްވި އެވެ.

ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރި އަށް އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރި އަށް އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ކަހަލަ ހަރަކާތްތައް ރާވައި، ހިންގުމުން ފެންނަ ރަނގަޅު ނަތީޖާތައް ލިސްޓު ކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ މި އިވެންޓުގައި، އެއްވެސް ގޮތަކަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި އެ ރަށުން ވެސް އެ ޒާތުގެ އެއްވެސް ކުންޏެއް ފެނިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ކެޔޮދޫ ފެނުނީ ވަރަށް ސާފުތާހިރު އަދި ތިމާވެށި ރައްކާތެރިކުރަން އަހުލުވެރިވެފައި ތިބި ބަޔަކު ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް ދަރިވަރުން އަޅުގަނޑު ގާތު ބުނިގޮތުގައި ކައިރި ރަށްރަށަށް ދަތުރުދާއިރު މީހުން އުކާލައިފައި ހުންނަ ޕްލާސްޓިކް ފެނުނުމުން މިހާރު އެ ކުދިންނަށް ވަރަށް އުނދަގޫވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެއާ ޗެލެންޖު"ގެ ފުރަތަމަ މަރުހަލާ ކެޔޮދޫ ސްކޫލްގެ ދަރިވަރުން ކާމިޔާބުކޮށް، ހަދިޔާއަކަށް އައުޓްޑޯ ސައުންޑް ސިސްޓަމެއް ވަނީ ހޯދައިފަ އެވެ. ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޗެލެންޖުގައި ބަލަނީ އުކާލާ ޕްލާސްޓިކް އެއްކޮށް، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށް އަދި ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ތެރެއިން ތިމާވެއްޓާ ގުޅުންހުރި މި ކަހަލަ ތަފާތު ކަން ކަމަށް ދަރިވަރުން އަހުލުވެރިކުރުމަކީ އަންނަން އޮތް ޖީލުތަކަށް ފަރުތަކާއި ކަނޑުތައް ރައްކާތެރިކުރުމަށްޓަކައި ކުރުން މުހިއްމު ކަމެއް ކަމަށެވެ. ކަނޑުއަޑިން އޭނާ އަށް ފެނުނު އެ ރީތި މަންޒަރު އެގޮތުގައި ދެމި އޮންނާނީ މިހާރުއްސުރެ އެ މަސައްކަތް ކުރެވިގެން ކަމަށެވެ.