Roadha Mihaaru
މެއި/ޖޫންގައި އޯލެވެލް އިމްތިހާނު އޮންނާނެ: މިނިސްޓަރު

މެއި/ޖޫންގައި އޯ ލެވެލް އިމްތިހާނު ކުރިއަށްދާނެ: މިނިސްޓަރު

03 މާޗް 2021

ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްކޮށް މި ދުވަސްވަރު އޮތަސް، މިހާރު ހަމަޖައްސާފައިވާ ގޮތަށް، އަންނަ މެއި/ޖޫން މަހު އޯ ލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްކޮށް މި ދުވަސްވަރު އޮތަސް، މިހާރު ހަމަޖައްސާފައިވާ ގޮތަށް، އަންނަ މެއި/ޖޫން މަހު އޯ ލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި "މިހާރު" ން ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހުޅުވައި، ކިޔަވައިދޭ ތަންތަނުގައި އިމްތިހާނު ބާއްވާނެ ކަމަށް ކެމްބްރިޖް އިން އަންގާފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އެ އިމްތިހާނު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ކެމްބްރިޖުން ވަރަށް ސާފުކޮށް އެބައިން ވިދާޅުވެފައި ސްކޫލުތައް ހުޅުވި ކިޔަވައިދެމުންދާ ގައުމުތަކުގައި އެގްޒާމް ބާއްވައިދޭނަމޭ. އެހެންވީމަ، އަޅުގަނޑުމެންނަށް އެއްވެސް ސުވާލެއް ނެތް އޯ ލެވެލް އެގްޒާމް ރާއްޖޭގައި ބޭއްވުމާ ދޭތެރޭގައި. މެއި/ޖޫންގައި އޯ ލެވެލް އެގްޒާމް ވެސް އޮންނާނެ، ދެން ހަމަ އޭ ލެވެލް އެގްޒާމް ވެސް އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑު-19ގެ ހާލަތު ގޯސްވުމާ އެކު ގްރޭޑު 8 އިން ފެށިގެން ދަށަށް ކިޔަވައިދެމުން އަންނަނީ، ދަރިވަރުން ސްކޫލަށް ނުގެންގޮސް، ހަމައެކަނި އޮންލައިންކޮށެވެ. އެކަމަކު ގްރޭޑު 9-12ގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެ އެވެ.

އަންނަ މެއި/ޖޫންގައި ބާއްވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހަށް ތާވަލްކުރި ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނެވެ. ވަކި މުއްދަތެއް ނެތް ގޮތަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އިމްތިހާން ފަސްކުރީ ވެސް ކޮވިޑް-19އާ ގުޅިގެންނެވެ.

ސްކޫލުތަކާ މަޝްވަރާކުރުމަށް ފަހު އެޑިޔުކޭޝަން މިނިސްޓްރީން ފަހުން ނިންމީ، މި އަހަރުގެ މެއި/ޖޫންގައި އޯ ލެވެލް އިމްތިހާނު ބޭއްވުމަށެވެ.

އޯ ލެވެލް އިމްތިހާނު ބާއްވާނެ ރަނގަޅު މާހައުލެއް ނެތުމުން ބައެއް ގައުމުތަކުގައި ދަރިވަރުންގެ ފެންވަރު ބަލަމުން އަންނަނީ މޮކް ފެންވަރުގެ އިމްތިހާނެއް ދީގެން ޓީޗަރުންނެވެ. ރާއްޖޭގައި އޯ ލެވެލް ހަދާ ހުރިހާ ސްކޫލެއްގައި އޭގެ މޮކް އިމްތިހާން މިހާރު ވަނީ ފަށައިފަ އެވެ.