Roadha Mihaaru
ޕާސް ޕަސެންޓޭޖު މީގެ ކުރިން ބެލީ ދަސްވާރު ބާކީނުކޮށް

ޕާސް ޕަސެންޓޭޖު މީގެ ކުރިން ވެސް ބަލާފައިވަނީ ދަސްވާރު ބާކީނުކޮށް

02 ޖޫން 2023

ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ކުރީގެ ސަރުކާރުގައި ކަނޑައެޅީ އެ އަހަރެއްގައި ގްރޭޑު 10 ގައި އެންރޯލްވެފައިވާ ދަރިވަރުންގެ އަދަދުންކަމާއި އެ ހިސާބުތައް ހެދުމަށް ދަސްވާރު ވަކިނުކުރާ ކަން، އޭރު އާއްމުކުރި އުސޫލުން ހާމަވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ކުރީގެ ސަރުކާރުގައި ކަނޑައެޅީ އެ އަހަރެއްގައި ގްރޭޑު 10 ގައި އެންރޯލްވެފައިވާ ދަރިވަރުންގެ އަދަދުންކަމާއި އެ ހިސާބުތައް ހެދުމަށް ދަސްވާރު ވަކިނުކުރާ ކަން، އޭރު އާއްމުކުރި އުސޫލުން ހާމަވެއްޖެ އެވެ.

"ސާނަވީ ސްކޫލުތަކުގެ ދިރާސީ ފެންވަރު ކަނޑައަޅައި، ފާހަގަކޮށްލެވޭ ނަތީޖާ ހާސިލްކުރި ސްކޫލުތަކަށް އެވޯޑު ދިނުމަށް ކަނޑައަޅާ އުސޫލު"ގައި ބުނީ ފަސް މާއްދާއިން ނުވަތަ ތިން މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް ބެލުމަށް ހަމަޖެހިފައިވަނީ ސާނަވީ ސްކޫލު ނިންމާ އިމްތިހާނުގައި ނުވަތަ ފުރިހަމަކުރި ކޯސްތަކުގައި ސްކޫލުން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެ މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު، އެ އަހަރު ސްކޫލުގެ ގްރޭޑު 10 ގައި ތިބި ދަރިވަރުންގެ ޖުމްލަ އަދަދުން ގެއްލައި، 100އާ ގުނަކޮށްގެން ކަމަށެވެ.

އެގޮތަށް، ދަރިވަރުންގެ އަދަދު ބަލާނީ ސާނަވީ އިމްތިހާނުތައް ކަމަށްވާ އެސްއެސްސީ އަދި އޯ ލެވެލް އިމްތިހާނުތަކުގައި ބައިވެރިވުމަށް ސްކޫލުތަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) އަށް ސްކޫލުތަކުން ފޮނުވާ ފޯމުތަކަށެވެ.

އެ އުސޫލަށް، 2017 ވަނަ އަހަރުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ. އަދި އާ އުސޫލުގެ ދަށުން ފުރަތަމަ އެވޯޑު ދީފައިވަނީ އޮކްޓޯބަރު/ނޮވެމްބަރު، 2017 ގައި ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ނަތީޖާއަށް ބަލައިގެންނެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ފަސް މާއްދާއިން އެންމެ ގިނަ ދަރިވަރުން ފާސްވެފައިވަނީ ވެސް އެ އަހަރެވެ. އެއީ 77 ޕަސެންޓެވެ.

އޭގެ ކުރިން އެވޯޑު ދިނީ، ސެޕްޓެމްބަރު 16، 2009 ގައި އަމަލުކުރަން ފެށި "ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުގެ ނަތީޖާއަށް ބަލައި ސްކޫލުތަކުގެ ދިރާސީ ފެންވަރު ކަނޑައަޅައި، ފާހަގަކޮށްލެވޭ ނަތީޖާ ހާސިލްކުރާ ސްކޫލުތަކަށް އެވޯޑު ދިނުމަށް ކަނޑައަޅާ" އުސޫލުގެ ދަށުންނެވެ.

މި މައްސަލަ އަލުން ފެންމަތިވީ، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދާ ގުޅޭގޮތުން "މިހާރު" ގައި މިދިޔަ ހޯމަ ދުވަހު އާއްމުކުރި ހަބަރަކަށް ފަހު، މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްކެވި ވާހަކައިންނެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ 2019 ގެ ކުރިން ތަފާސްހިސާބުތައް ތައްޔާރު ކުރާއިރު ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ކަނޑައެޅީ ދަސްވާރު ޕްރޮގަރާމަކީ ތިން މާއްދާގެ ފާސް ކަމަށާއި ބީޓެކަކީ ހަތަރު މާއްދާގެ ފާސް ކަމަށް ބަލައިގެން ކަމަށެވެ.

އެހެންވެ، ޕާސް ޕަސެންޓޭޖް ހަދާއިރު ފެންނަނީ އަސްލު މަންޒަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"..ފަސް މާއްދާ އިން ކަލްކިއުލޭޓް ކުރަން އޮފްރޯލް ކުރަނީ އެއީ ފާސް ނުވާހެން ހީވާ ކުދިން ބާކީ ކޮށްފައި ފާސް ވާނެ ކުދިން ކަލްކިއުލޭޓް ކޮށްފައި އެ މީހުން ސްޓެޓިސްޓިކް ކަލްކިއުލޭޓް ކޮށްފައި އޮންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ކުރިން ގެންގުޅެމުން އައި އުސޫލު އުވާލައި، 2019 އަހަރު ފަހުކޮޅުން ފެށިގެން ހުރިހާ ކުދިން ވެސް ފަސް މާއްދާ ހަދަން މަޖުބޫރު ކުރަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި އުސޫލުތައް ހެދުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ދަސްވާރާއި ބީޓެކް ހެދި ނަމަވެސް މަޖުބޫރު ހަތަރު މާއްދާގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އެހެންވެ، މަޖުބޫރު މާއްދާތަކުގެ ޕާސް ޕަސެންޓޭޖު އަދި ޖުމްލަކޮށް ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ކަނޑައެޅިއިރު އެއިން އެއްވެސް ކުއްޖަކު ބާކީކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަސްވާރާއި ބީޓެކަކީ ވޮކޭޝަނަލް ސްޓްރީމެއްގެ ގޮތުގައި ކުދިންނަށް ފަހިކޮށްދިން ފުރުސަތެއް. އޭރު ވެސް އެބަހުރި ދަސްވާރާއި ބީޓެކް ކިޔެވި ކުދިން، ގައުމީ ގަދަ 10ގައި ހިމެނިފައި. އެކަޑެމިކަލީ ދަށް ކުދިންނެއް ގަދަ 10އަށް ނާރާނެ. މިހާރު ވެސް ސްކޫލުތަކުގައި ބީޓެކް އެބަ ކިޔަވައިދޭ،" ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.

ބީޓެކަކީ އެޑެކްސެލްގެ ސިލަބަހެކެވެ. ދަސްވާރު ދަރިވަރުން ފާސްވި ކަމަށް ކަނޑައަޅަނީ ޓިވެޓް އޮތޯރިޓީންނެވެ.

"މިނިސްޓަރު މި ވިދާޅުވަނީ އޭރު ކަލްކިއުލޭޝަން ހެދި ގޮތުންނޭ ގިނަ ކުދިން ފާސްވި ކަމަށް މި ފެންނަނީ. އެކަމަކު، ކީއްވެގެންތޯ، އެ އުސޫލު އުވާލި ފަހުން ވެސް ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށްވަމުން ދަނީ؟،" އޭނާ ސުވާލު އުފެއްދެވި އެވެ.

މިދިޔަ އަހަރު މެއި/ޖޫން މަހު ބޭއްވި ކެމްބްރިޖް އަދި އެސްއެސްސީ އިމްތިހާނުގައި 5،939 ކުދިން ބައިވެރިވި އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، އޭގެ ތެރެއިން ފަސް މާއްދާ އިން ފާސްވީ 49 ޕަސެންޓް ކުދިންނެވެ. ބާކީ ކުދިން ފަސް މާއްދާ އިން ފާހެއް ނުވެ އެވެ.