Roadha Mihaaru
"8ގެ ކުދިންނަށް ގެންނަނީ ވަރަށް ރަނގަޅު ބަދަލެއް"

ގްރޭޑް އަށެއްގެ ދަރިވަރުންނަށް ގެންނަން ނިންމީ ވަރަށް ރަނގަޅު ބަދަލެއް: ޑރ. ހަސަން ހަމީދު

12 ޖެނުއަރީ 2024

މި އަހަރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި އަހަރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

އަހަރުގެ މެދު ތެރެއިން ކިޔެވުން ފަށާ ގޮތަށް މިހާރު އޮތް އޮތުން ބަދަލުކޮށް 2026 އިން ފެށިގެން ދިރާސީ އަހަރު ޖެނުއަރީގައި ފަށަން މި ސަޔުކާރުން ވަނީ ނިންމައިފަ އެވެ. މިގޮތަށް ބަދަލުކުރާތީ ގްރޭޑް 8 ގައި ކިޔަވާ ކުދިން، އަންނަ ހަފުތާ އިން ފެށިގެން އޯލެވެލް ސިލަބަސް ކިޔަވަން ފަށާއިރު، އަންނަ އަހަރު ފަހުކޮޅު އޯ ލެވެލް އިމްތިހާނު ވެސް ހަދާނެ އެވެ.

ތައުލީމީ ދާއިރާގައި 40 އަހަރު ހޭދަކުރައްވާފައިވާ ހަސަން "މިހާރު" އަށް ވިދާޅުވީ އޯލެވެލް އަކީ ދެ އަހަރު ދުވަހުގެ ކޯހެއް ކަމަށެވެ. ކުދިން ކިޔެވުމަށް ދެ އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ލިބުނު ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ޖެހޭނެ ތަންކޮޅެއް އިންޓެންސިވްކޮށް ޖައްސަން. އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ ބޭރު ގައުމުތަކުގައި ބައެއް ގައުމުތަކުގައި އެބަހުރި 11 މާއްދާ 15 މާއްދާ ހަދާ ކުދިން ވެސް. އެ ކުދިންނަށް ދެ އަހަރުން އެވަރަށް މާއްދާ ހަދާ ކަމަށް ވާ ނަމަ، ރާއްޖޭގައި މި ހަދަނީ އަށް މާއްދާ. އަށް މާއްދާ ހަދަން މާ މަދު ދުވަސްކޮޅެއް ދާނީ،" ހަސަން ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ.--

އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ.--

އެ ދުވަސްތަކުގައި ކުދިންނަށް ކިޔަވައިދޭން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެ ބަދަލުން ކުދިންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަދަލުން ފެންނަނީ ދުރު މުސްތަގުބަލަށް ވިސްނާއިރު ކުދިންނަށާއި ބެލެނިވެރިންނާއި ގައުމަށް ވާނީ ފައިދާކަން،" ހަސަން ވިދާޅުވި އެވެ.

"ކުޑަކުދިންގެ ސިކުނޑިއަކީ ފޯނުގެ މެމޮރީ ފުރޭގޮތަށް އޮންނަ އެއްޗެއް ނޫން. އެހެންވެ ހަމަ ކިޔަވާ ވަރަކަށް އިތުރަށް އެއްޗެހި ދަސްވަމުން ދާނީ. އަޅުގަނޑު މި ބަދަލަށް ތާއީދު ކުރަން. އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ފެނޭ. އޭގެ ސަބަބުން ކުދިންނަށް [8ގެ ދަރިވަރުންނަށް] މާބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ސާބިތުކޮށްދެވިދާނެ މީގެން ކުދިންނަށް މާބޮޑު އަސަރެއް ނުކުރާނެ ކަން."

ދިރާސާ ރިޕޯޓްތައް ލިޔުއްވަމުން ގެންދަވާ ހަސަން ވިދާޅުވީ މި ބަދަލާއެކު މާއްދާތައް އެ ނިންމަން އޮންނަ ދުވަހަށް ނިންމުން އޭގެ ނަތީޖާ ނެރެވޭނެ ކަމަށާއި ރަނގަޅަށް ކިޔަވައިދީފިނަމަ އެކަން ކާމިޔާބުވާނެ ކަމަށެވެ.

"ގްރޭޑް އަށެއްގައި [ކީ ސްޓޭޖް ހަތަރެއްގައި] މި ކިޔަވަނީ އާ އެއްޗެހިތަކެއް ނޫން. އެއީ ގްރޭޑް 1-2 އިން ފަށައިގެން ކިޔަވަމުން އައިސް ހުރި އެއްޗެހި ހަމަ މި ކިޔަވަނީ. ނަމަވެސް އެހެން ނުވާނެ ބައެއް މާއްދާތައް ހުންނާނެ. އެއީ މިސާލަކަށް ދިވެހި މާއްދާގައި ގްރޭޑް ހަތަރެއްގައި ކިޔަވާ އެއްޗެހި ހަމަ މި ކިޔަވަނީ ގްރޭޑް އަށެއްގައި ވެސް. އެކަމަކު އެއަށްވުރެ ފުންކޮށް،" އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް އިމްތިހާނު އިމްތިހާނު މަރުކަޒަށް ވަންނަނީ.--- ފޮޓޯ: މިހާރު

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް އިމްތިހާނު އިމްތިހާނު މަރުކަޒަށް ވަންނަނީ.--- ފޮޓޯ: މިހާރު

މިހާރު ވެސް އޯލެވެލްގައި ގްރޭޑް އަށެއް ނުވައެއްގައި އުޅޭ ކުދިންނާއި އެއަށްވުރެ ދަށް ގްރޭޑްތަކުގައި އުޅޭ ކުދިން ވެސް ބައިވެރިވާ ކަމަށާއި އެ ކުދިން ރަނގަޅު ނަތީޖާ ނެރޭކަން ހަސަން ފާހަގަ ކުރެއްވި އެވެ.

"އޯލެވެލް އިމްތިހާނުން ފާސްވުމަކީ ހުނަރެއް، އެއީ ޕާސްޕޭޕަރު ފަރިތަކޮށްފައި އެހާ ބޮޑަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދިއުން ވަރަށް މަދުވާނެ، މި ކިޔަވައިދިނުމުގައި. ބޮޑަށް އަންނާނީ ފާސްޕޭޕަރު ހެދުން ހަމަ،" އޭނާ ވިދާޅުވި އެވެ.

ގްރޭޑް އަށެއްގެ ދަރިވަރުންނަށް ވެސް ދެ އަހަރު ދުވަހު ރަނގަޅަށް ފަރިތަކޮށް އޯލެވެލްގެ ސިލަބަސް ނިންމައިފިނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަން ހަސަން ގަބޫލު ކުރައްވަ އެވެ.

އެކަޑަމިކް ކަލަންޑަރަށް ގެނައި އެ ބަދަލާ އެކު އަންނަ އަހަރު ދެ ބެޗެއްގެ ދަރިވަރުން އޯލެވެލް ހަދާނެ އެވެ. އެއީ ގްރޭޑް އަށެއްގެ އިތުރުން ގްރޭޑް ނުވައެއްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނެވެ. ނުވައެއްގެ ކުދިން އޯ ލެވެލް ހަދާނީ މޭއި/ޖޫންގަ އެވެ.