Roadha Mihaaru
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ

ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ

08 އޯގަސްޓް 2021

ހާއްސަ މާއްދާތައް ކިޔަވައިދިނުމަށް، އެހެން ސަރަހައްދުތަކުން އާބާދީ މަދު ކުދި ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހާއްސަ މާއްދާތައް ކިޔަވައިދިނުމަށް، އެހެން ސަރަހައްދުތަކުން އާބާދީ މަދު ކުދި ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ގިނަ ކަމަށާއި އެކަމަކު، އެގޮތަށް ކިޔަވައިދޭން ކުޑަ ރަށަކަށް ބަދަލުވާނެ ޓީޗަރުން ނުލިބޭތީ އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުރުއާން ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދަން އެތައް ފަހަރަކު އިއުލާނު ކޮށްގެން ވެސް ޓީޗަރުން ނުލިބުމުން މި އަހަރު ފަސް ރަށަކަށް ފޮނުވާފައިވަނީ އިންޑިއާ އިން ގެނައި ގާރީންތަކެކެވެ.

މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ ދަތިކަން ހައްލުކުރަން އެހެން ރަށަކަށް ގޮސްގެން ކިޔަވައިދޭ ނަމަ އެ ޓީޗަރަކަށް އިތުރު އެލަވަންސެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްދަ ދެއްވާފައިވާ ކަމަށެވެ.

"... މާލޭގައި ވަރަށް ގިނަ ގުރުއާން ޓީޗަރުން. ކުޑަ ރަށަކަށް ދާނެ މީހުން ނުވޭ. ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހުއްދަ ދެއްވައިފި އަޅުގަނޑުމެންގެ އެދުމަކަށް އެހެން ރަށަކަށް ގޮސްގެން ކިޔަވައިދޭ މުދައްރިސަކަށް ވެއްޖިއްޔާ އެ ބޭފުޅަކަށް އިތުރު އެލަވަންސް ދޭން. މިހާރު އެކަން ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީ އަދި ގުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ގުރުއާން ޓީޗަރުން ތަމްރީނުކުރަން މި މަހުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ބުރުގައި 200 ޓީޗަރުން ތަމްރީނުކުރަން އަމާޒުކޮށްފައިވާއިރު ކުރިއަށް އޮތް 10 އަހަރަށް ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުން މަސައްކަތް ކުރަނީ މުސާރައަކަށް ނޫނެވެ. އެ މީހުން އަދާކުރަނީ 24 ގަޑިއިރުގެ ވަޒީފާއަކަށް ވާތީ ޓީޗަރަކަށް ހައްގު އުޖޫރަ ދިނުމަކީ ވެސް ދަތި ކަމަކަށް ވިޔަސް، އެ މީހުންނަށް ރަނގަޅު ގޮތް ހެދުމަށް އަބަދު ވެސް މަސައްކަތްކުރާ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.