Roadha Mihaaru
ޓީޗަރުންގެ މުސާރައަށް ހެޔޮ ގޮތްތަކެއް ވާނެ: މިނިސްޓަރު

ޓީޗަރުންގެ މުސާރަ ރަނގަޅެއް ނޫން، ހެޔޮ ގޮތްތަކެއް ވާނެ: މިނިސްޓަރު

06 ނޮވެމްބަރ 2019

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެނައުމަށް ޕޭ ކޮމިޝަނާ ހިއްސާކުރައްވާފައި ވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މުސާރަ ބޮޑު ކުރުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިގެންވާ އިރު، ވީހާ ވެސް އަވަހަކަށް އެ ކޮމިޝަންގެ މަސައްކަތް ނިންމައި، މުސާރަ އަށް ބަދަލު އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އުންމީދަކީ މި ދާއިރާގެ ހުރިހާ އެންމެންނަށް ހެޔޮ ގޮތްތަކެއް ވެގެން ދިއުން،" ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް އަންނާނީ ކޮންއިރަކުންތޯ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައި އައިޝަތު އަލީ ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލިހުގައި ސުވާލު ކުރައްވަނީ. --- ފޮޓޯ: މަޖިލިސް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލިހުގައި ސުވާލު ކުރައްވަނީ. --- ފޮޓޯ: މަޖިލިސް

"އަޅުގަނޑަކަށް ނުދެންނެވޭނެ ޓީޗަރުންގެ މުސާރަ އަކީ އެހާ ރަނގަޅު މުސާރައެއް ކަމަށް. މަސައްކަތުގެ މާހައުލަކީ ވެސް އެހާ ރަނގަޅު މާހައުލެކޭ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުން ނު9-12 ގަޑިއިރު ސްކޫލްތަކުގައި ހޭދަކުރެ އެވެ. ސްކޫލްގެ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ގޮސް، ކުރިއަށް އޮތް ދުވަހަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭގަނޑާއި ހަފްތާ ބަންދުގައި ޓީޗަރުން މަސައްކަތް ކުރަން ޖެހުމުން އާއިލާއާ އެކުގައި ވަގުތު ހޭދަ ކުރާނެ ވަގުތު ކޮޅެއް ވެސް ނުލިބޭ ކަމަށެވެ.

އައިޝަތު އަލީ ވިދާޅުވީ އެހާ ގިނަ ވަގުތު ޓީޗަރުން މަސައްކަތުގައި އުޅޭ އިރު، އެއީ އެހާ ހިތްގައިމު މަސައްކަތަކަށް ނުވާ ކަމަށެވެ. އަދި ޓީޗަރުން މަސައްކަތްކުރާ ވަރާ ގާތަށް ވެސް އެމީހުންނަށް މުސާރަ ނުދެވޭ ކަމަށް މިނިސްޓަރު އެއްބަސްވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

ޓީޗަރުންނަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްގެ އިސް ބޭފުޅުންނާއި ބެލެނިވެރިންގެ ފަރާތުން ޕްރެޝަރު އަންނަމުންދާ އިރު، ވެސް އެހާ ހިތްގައިމު ކަމަކަށް "މުދައްރިސުކަން" ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން މުދައްރިސުކަމަކީ ވަރަށް ގަދަރުވެރި ވަޒީފާއެއްގެ ގޮތުގައި ދެކެމުން އައި ނަމަވެސް، މިހާރު އެއީ އެހާ ގަދަރުވެރި ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން އެ މީހުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ވަރަށް ކޮލިޓީ އަދި ތަމްރީންވެފައި ތިބި މުވައްޒަފުންނަށް ހަދަން ބޭނުންވާ ކަމަށެވެ.

އަދި ދާއިރާ އަށް އާ މީހުން ވައްދައި، މިހާރު ތިބި މުވައްޒަފުން ދެމިތިބެވޭނެ ގޮތްތަކަކަށް ކަންކަން ހަމަޖައްސަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިސްޓަރު ވިދާޅުވީ އެކަން ފުރިހަމަ ވެގެންދާނެ ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށާއި އަންނަ އަހަރު މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހާއްސަކޮށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރުމުން 8.6 ބިލިއަން ރުފިޔާގެ ބަޖެޓު ކުޑަ ކަމަށެވެ. އެގޮތުން ވަރަށް ހާލުގައި ސްކޫލްތައް ހުރި އިރު، އެ ދާއިރާ އަށް އިތުރަށް ދެއްވަން މެމްބަރުން ބޭނުންވާ ނަމަ، އެ ފުރުސަތު ފަހިކޮށްދެއްވަން އެދިވަޑައިގެންނެވި އެވެ.