27 އޯގަސްޓް 2020
މިއީ އެއްވެސް މީހަކު ހިތަށް ވެސް އެރި ފަދަ ހާލަތެއް ނޫނެވެ. މުޅި ދިރިއުޅުން ހުއްޓުމަކަށް ގެނައި ކޮވިޑް-19އާ އެކު ތައުލީމީ ނިޒާމް ގާތްގަނޑަކަށް ހުއްޓި ދަރިވަރުންގެ ތަރުބިއްޔަތަށް އެރި ލޮޅުމުން ސަލާމަތެއް ނުވެވެ އެވެ. ޔުނެސްކޯއިން ބުނާ ގޮތުގައި ކޮވިޑްގެ ސަބަބުން 1.1 ބިލިއަން ދަރިވަރުންގެ ކިޔެވުމަށް ވަނީ އަސަރުކޮށްފަ އެވެ. އެއާ އެކު މިއިން ޒަމާނެއްގައި ވެސް ތައުލީމީ ނިޒާމަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމަކާ މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މިއީ އެއްވެސް މީހަކު ހިތަށް ވެސް އެރި ފަދަ ހާލަތެއް ނޫނެވެ. މުޅި ދިރިއުޅުން ހުއްޓުމަކަށް ގެނައި ކޮވިޑް-19އާ އެކު ތައުލީމީ ނިޒާމް ގާތްގަނޑަކަށް ހުއްޓި ދަރިވަރުންގެ ތަރުބިއްޔަތަށް އެރި ލޮޅުމުން ސަލާމަތެއް ނުވެވެ އެވެ. ޔުނެސްކޯއިން ބުނާ ގޮތުގައި ކޮވިޑްގެ ސަބަބުން 1.1 ބިލިއަން ދަރިވަރުންގެ ކިޔެވުމަށް ވަނީ އަސަރުކޮށްފަ އެވެ. އެއާ އެކު މިއިން ޒަމާނެއްގައި ވެސް ތައުލީމީ ނިޒާމަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމަކާ މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. މީގެ ކުރިން ޖެނުއަރީގައި ފަށަމުން އައި ދިރާސީ އާ އަހަރު ފަށަން މިހާރު ތާވަލްކޮށްފައި އޮތީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ. އެ ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީއަށް މަޖުބޫރުވީ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ. މިހާރު ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު، އަންނަ އަހަރުގެ ޖޫން ހިސާބުގައި ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ. އެހެންވެ ސްކޫލުތަކުން އަލުން ޖާގަ ދިނުމަށް ބަދަލުތަކެއް ގެންނަން އޮތީ ޖެހިފަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ގައި މާލޭ ސްކޫލުތައް ބަންދުކުރިއިރު، ދަރިވަރުންނަށް އޮތީ ފުރަތަމަ ޓާމުގެ 40 ދުވަހު ކިޔަވައިދީފަ އެވެ. އެއަށް ފަހު ސްކޫލުތައް ބަންދުކޮށް، އަލުން ޖުލައި 1 ގައި ހުޅުވުމާ ދޭތެރޭގައި، އޮންލައިންގެ އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދިނެވެ. އެކަމަކު މާލެ ސަރަހައްދުގެ ހާލަތު އަދިވެސް ގޯސްވަމުން ދާތީ އިތުރު ދެ ހަފުތާއަށް ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން ނޫން ގޮތެއް ނެތެވެ.
އެކަޑެމިކް ކަލަންޑަރަށް ގެނައި ބަދަލާ އެކު، މި އަހަރު ދެ ވަނަ ޓާމު ފަށަން މިހާރު ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. އެ ޓާމް ނިމޭނީ ޖޫން 24، 2021 ގަ އެވެ.
ދިރާސީ އަހަރުގެ ކިޔަވައިދިނުން އިތުރު ހަ މަހަށް ދަންމާލުމުން، ދަރިވަރުންނަށް ދެން ވާނެ ގޮތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ ސިލަބަސް ފުރިހަމަކުރެވޭނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ.
މާލޭގެ ބޮޑު ސްކޫލެއްގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ކިޔަވައިދެމުން އަންނާތީ ފިލާވަޅުތައް މުޅިން ފުރިހަމައެއް ނުވާނެ އެވެ. ދިރާސީ އަހަރު އިތުރު ހަ މަހަށް ދަންމާލިޔަސް އެ ކުދިންނަށް ކިޔަވައިދެވޭނެ ގޮތް ނެތް ފިލާވަޅުތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ހަމަދު ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލުގައި: - ފޮޓޯ: އައްޑޫ ހައި ސްކޫލް ފޭސްބުކް ޕޭޖް
"ކުރިން ނޯމަލްކޮށް ކިޔަވައިދޭ ގޮތަކަށް ނޫން މި ކިޔަވައިދެނީކީ. ކިޔަވައިދޭ ޕީރިއަޑުތައް ވެސް މަދުކޮށްފައި، ކޮންޓެންޓް އަވާސް [ގަޑި] ވެސް މަދުކޮށްފައި މިހާރު މި ދަނީ އޮންލައިންކޮށް ކިޔަވައިދޭތީ. އެހެންވެ އަހަރު ދަންމާލުމަކުން ކިޔަވައިދޭނެ ބައިތަކެއް ނެތިއެއް ނުދާނެ. ސަބަބަކީ މިހާރު މިދަނީ ތަންކޮޅެއް ލަސްލަހުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޓީޗަރުން ތިބީ އޮންލައިންކޮށް ކިޔަވައިދޭން އެއްވެސް ގޮތަކަށް ތައްޔާރުވެފައި ނޫން ކަމަށެވެ. އާ ހާލަތާ އެކު ޓީޗަރުންގެ މަސައްކަތް ބުރަވިއަސް ސީދާ ކްލާހަށް ގޮސްގެން ކިޔެވުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދޭން ޖެހޭތީ އެންމެ ރަނގަޅު ނަތީޖާ ނުލިބިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ބައެއް ސްކޫލްތަކުގެ ވެރިން ވެސް އެގޮތަށް އެއްބަސްވެ އެވެ. އެމީހުން ބުނާ ގޮތުގައި އޮންލައިންކޮށް މުޅިން ކިޔަވައިދޭތީ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ބައެއް ފިލާވަޅުތައް ނަގައެއް ނުގަނެވޭނެ އެވެ. އެކަމުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، އޮންލައިންކޮށް ކިޔަވާއިރު ލިޔަންކިޔަން ނުދަންނަ ކުއްޖަކަށް ދިމާވާނެ ގޮންޖެހުންތަކެވެ. ބައެއް ސްކޫލްތަކުގައި މިހާރު ވެސް ރަނގަޅަށް ލިޔަންކިޔަން ނުދަން ދަރިވަރުން އުޅެ އެވެ. އެކުދިންނަށް ޓީޗަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ދޭން ޖެހެ އެވެ.
"ކުރިން އެ ކުއްޖާ ކައިރީގައި ބަހައްޓައިގެން، އަތުގައި ހިފަހައްޓައިގެން ހުރެ އަކުރު އަޅަައި މި ދެނީ އިނގިލި ޖައްސައިގެން. [މިހާރު] އެ ފުރުސަތެއް ނެތް ދެއްތޯ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.
"ޕޭރެންޓުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެން އަންޑަސްޓޭންޑް އެބަ ވެއޭ ވަރަށް ބޮޑަށް. އެހެން ނަމަވެސް މި ހާލަތުގައި ކުރެވޭނެ ކަމެއް ނެތް."
އޭނާ ވިދާޅުވީ މި ހާލަތުގައި ކީ ސްޓޭޖް 1، 2 (ގްރޭޑު1-6) ގެ ދަރިވަރުންގެ ކިޔެވުމުގައި ލިބޭ ކުރިއެރުން ވަރަށް ކުޑަވާނެ ކަމަށެވެ. އެކަމަކު އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މި އަހަރު ގްރޭޑު 9 ގައި ކިޔަވާ ދަރިވަރުންނަށް ކަން ފާހަގަކުރެއްވި އެވެ.
އަހަރުގެ ތެރޭގައި ކިޔަވައިދޭނެ ދުވަސްތައް ކަނޑައަޅަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއާ އެއްގޮތަށް، އެ ޓާމެއްގައި ކިޔަވައިދޭނެ ކޮންޓެންޓް ނިންމާނީ އެ ސްކޫލަކުންނެވެ.
ކީ ސްޓޭޖް 4 އަށް ކިޔަވައިދޭ ޓީޗަރަކު ބުނީ ގްރޭޑު 10ގެ ދަރިވަރުންގެ ކޮންޓެންޓް މިހާރު ކަވަރުކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ކުދިންނަށް ބޮޑަށް މިހާރު އޮތީ އަންނަ އަހަރުގެ މެއި/ޖޫންއަށް ފަސްކޮށްފައިވާ އޯ ލެވެލް އިމްތިހާނަށް ތައްޔާރުވުން ކަމަށް އޭނާ ބުންޏެވެ.
މި އަހަރުގެ ޖެނުއަރީ މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ދުވަހު އިމާދުއްދީން ސްކޫލްގެ ދަރިވަރުން ސްކޫލްގައި ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ދެން ތިބި ގްރޭޑުތަކުގެ ދަރިވަރުން އަދިވެސް ކަވަރުކުރަން ބައިވަރު ބައިތައް ހުންނާނެ. މިހާރު ހަފުތާއަކު ދެ ޕީރިއަޑުވަރު އިންނަނީ. އާއްމު ހާލަތުގައި ގިނަ މާއްދާތަކަށް ފަހެއް ނުވަތަ އެއަށް ވުރެ ގިނަ ޕީރިއަޑްސް އިންނާނެ ހަފުތާއަކު. އެހެންވީމަ ހުންނާނެ ބައިވަރު ޓޮޕިކްތައް ކަވަރުކުރަން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޓީޗަރު ބުންޏެވެ.
ނިއު ނޯމަލްގައި ކިޔަވައިދިނުމުގެ އުސޫލަށް ގެނައި ބަދަލާ އެކު، ގްރޭޑް 5 އިން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންނަށް ނަގައިދޭނީ ހަފުތާއަކު ޖުމްލަ 24 ޕީރިއަޑެވެ. ގްރޭޑު 9، 10 ގެ ދަރިވަރުންނަށް ނަގައިދޭން ހަމަޖައްސާފައިވަނީ 23 ޕީރިއަޑެވެ.
ބެލެނިވެރިއަކު ބުނި ގޮތުން، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ ފިލާވަޅުތައް ރަނގަޅަށް ނަގައިނުގަނެވޭތީ އެވެ. ކިޔެވުން މިގޮތަށް ދާތީ ކަންބޮޑުވާކަން ފާހަގަކޮށް އޭނާ ބުނީ އެހެން ބެލެނިވެރިން ވެސް ބޭނުންވަނީ ދަރިވަރުންގެ ފިލާވަޅުތައް އަންނަ އަހަރު އަލުން ނަގައިދޭން ކަމަށެވެ.
"[މިނިސްޓްރީން] ބުނެފައި އެބަ އޮތް ރިޕީޓެއް ނުކުރާނެއޭ. އެކަމަކު ވަރަށް ބޮޑު އެއްޗެއް ދޯ ގެއްލިގެން ދިޔައީ. އަހަރެން ދަންނަ ވަރަށް ގިނަ ބެލެނިވެރިން ބޭނުންވާ ގޮތަކީ މި އަހަރު ދެން ސްކޫލު މިގޮތަށް ބަހައްޓާފައި އަންނަ އަހަރު މި އެއްޗެހި ގްރޭޑު 4 ވިއްޔާ 4 ގައި ގްރޭޑު 9 ވިއްޔާ 9 ގައި [އަލުން] ކިޔަވައިދިނުން. އެއީ ބެލެނިވެރިން ވެސް ބޭނުންވާ ގޮތަކީ،" އޭނާ ބުންޏެވެ.
އަމިއްލަ ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ މިިދިޔަ މާޗު މަހު ސްކޫލުތައް ބަންދުކުރުމާ އެކު އޮންލައިންކޮށް ކިޔަވައިދޭން ފެށި ކަމަށެވެ. އޭގެ ފަހުން ބަރާބަރަށް ކްލާސްތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރަށް އަމަލުކުރުމަކީ އެ ސްކޫލުތަކަށް މަޖުބޫރުކަމެކެވެ.
އޭނާ ވިދާޅުވީ އަންނަ ޑިސެމްބަރު މަހު ނިމޭ ފުރަތަމަ ޓާމާ އެކު ދަރިވަރުންގެ ފޮތްތަކުގައި ހުރި ފިލާވަޅުތައް ކަވަރުވާނެ ކަމަށެވެ. އެކަމަކު ފޮތުގައި ހިމެނޭ ބައިތަކުގެ އިތުރުން އެހެން އެއްޗެހި ވެސް ކިޔަވައިދޭން ޖެހޭތީ މިހާރު ހަމަޖައްސާފައިވަނީ، އެކަޑެމިކް ކަލަންޑަރަށް އިތުރުކުރި ހަ މަހުގެ ތެރޭގައި އެ ތަފްސީލުތައް ކިޔަވައިދޭން ކަމަށް ވިދާޅުވި އެވެ.
މާލޭގެ އަމިއްލަ ސްކޫލެއް ކަމަށްވާ ބްރައިޓްވޭގެ ދަރިވަރުން ޓެސްޓެއްގައި: އަމިއްލަ ސްކޫލްތަކުން އޮންލައިންކޮށް ކިޔަވައިދިނުން ބަރާބަރަށް ކުރިއަށް ގެންދޭ
"ތިއަރީ ބައި އަޅުގަނޑުމެންނަށް އެބަ ގެންދެވޭ. އެކަމަކު މިހާރު އަޅުގަނޑުމެން ކިޔަވައިދިނުމުގެ ސިސްޓަމެއް ނޫން އެއީކީ ހަމައެކަނި ތިއަރީ ބޮލަށް އަޅާލާފައި ދޫކޮށްލުން. އަޅުގަނޑުމެންނަށް ވެސް ފޮތްތައް ކަވަރުވާނެ. އެކަމަކު އަޅުގަނޑުމެން ފޮތްތަކުގައި މި ބުނަނީ ވީހާ ވެސް ބްރޯޑް ސެންސްއަކަށް ދާށޭ. މަޑުމަޑުން ޕްރޮމޯޓްކޮށްގެން ގެންދާށޭ،" އޭނާ ވިދާޅުވި އެވެ.
"ފޮތް ހުސްވެއްޖެ ކަމަށް ބުނެ އަތް އުރާލައިގެން ވެސް ނުތިބެވޭނެ. އަންނަ އަހަރަށް ކޮންމެވެސް ލެސަންތަކެއް ބަހައްޓައިގެން އެ ބައިތައް އަންނަ އަހަރަށް ކިޔަވައިދިނުމަށް މިހާރު މަސައްކަތް ކުރަނީ."
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވީ ދަރިވަރުންގެ ފެންވަރު ރަނގަޅު ނަމަ އެ ކުދިންގެ ގްރޭޑު ބަދަލުކޮށްދޭން ބެލެނިވެރިން އެދެމުން އަންނަ ކަމަށެވެ. އެއާ އެކު، އަމިއްލަ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދީފައިވާ ވަގުތުތައް ބެލުމަށް ފަހު އެ ސްކޫލުތަކަށް ފަހި ފުރުސަތުތަކެއް، އެޑިޔުކޭޝަން މިނިސްޓްރީން ދޭން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މިނިސްޓްރީން ފްލެކްސިބިލިޓީ ދީފި ނަމަ ޖެނުއަރީން ފެށިގެން ހަމަ ކުރިއަށް ދާން ބޭނުންވޭ. އެކަމަކު މީގެ ކުރިން ވެސް އޮންނަ ސިޔާސަތަކީ އިންޓަނޭޝަނަލް ސްކޫލުތައް، އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރު ފޮލޯކުރަން ޖެހުން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑުގެ ސަބަބުން މާލޭގެ ސްކޫލުތައް ބަންދުކޮށްފައިވިއަސް ރަށްރަށުގެ ސްކޫލުތަކުގެ ކިޔެވުން ބަރާބަރަށް ކުރިއަށް އެބަ ގެންދެ އެވެ. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރަށްރަށުގައި ވެސް ކިޔަވައިދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ވަގުތުތަކަށް ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށް މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމް، އެއްވެސް ސަރަހައްދެއް، އެއްވެސް ސްކޫލެއް އިސްތިސްނާވުމެއް ނެތި، ފަށާނީ އަންނަ ޖެނުއަރީ މަހު އެވެ.
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ