Roadha Mihaaru
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ

ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ

28 މެއި 2018

ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުގެ ސްކޮލަޝިޕާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޒިޔާދު ވިދާޅުވީ ތަފްސީރުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި އޭގެ ފުރަތަމަ ކޮޕީ ނެރޭނެ ކަމަށެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި ގުރުއާން ތަފްސީރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަސް ބޭފުޅުންގެ ޚާއްސަ ކޮމެޓީއަކުންނެވެ. އޭނާ ވިދާޅުވީ، އުރުދޫ ބަހާއި އަރަބި ބަހާއި ދިވެހި ބަސް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް އެ ކޮމެޓީގައި ހިމެނިވަޑައިގަންނާ ކަމަށެވެ.

ގުރުއާން ތަފްސީރު ފޮތް ދިވެހި ބަހުން އެކުލަވާލުމުގައި، ނަމޫނާ އަކަށް ބަލާނީ ރައީސް އޮފީހުން ކުރިން ނެރުނު ގުރުއާން ތަރުޖަމާ އެވެ. އަދި އެކި ބަސްބަހުން ލިޔެފައިވާ ގުރުއާން ތަފްސީރުގެ ފޮތްތައް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، ސޫރަތްތަކުގައި ހިމެނޭ މައުލޫއުތަކާއި އެ ސޫރަތް ބާވައިލެއްވި މަގުސަދުތަކުގެ މައްޗަށް، ގުރުއާން ތަފްސީރު ކުރާއިރު އަލިއަޅުލާވާނެ ކަމަށެވެ.

"އެކަމުގައި ނަމޫނާ އަކަށް ބަލާނީ ރައީސް އޮފީހުން ނެރެފައިވާ ގުރުއާންގެ ރަސްމީ ތަރުޖަމާ. އެކަމަކު އެ ވެސް މުރާޖައާ ކުރާނެ،" އިބްރާހިމް ރަޝީދު މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައިންޓިފިކް ހޯދުންތައް އައިސްފައިވާ ގުރުއާންގެ އާޔަތްތަކާއި އެކަމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް، ތަފްސީރު ކުރާއިރު އަލިއަޅުވާލާނެ އެވެ.