Roadha Mihaaru
މުސްހަފް މާލްދީފްގެ 50،000 ފޮތް ޗާޕުކޮށްފި

މުސްހަފް މާލްދީފްގެ 50،000 ފޮތް ޗާޕުކޮށްފި، އެއް ކޮޕީ ރައީސަށް އަރުވައިފި

27 ސެޕްޓެމްބަރ 2016

ކޮންމެ ދިވެއްސަކަށް މުސްހަފެއް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދަށުން "މުސްހަފް މާލްދީފް"ގެ 50،000 ހަތިމެއް ފުރަތަމަ ބުރުގައި ޗާޕުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮންމެ ދިވެއްސަކަށް މުސްހަފެއް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދަށުން "މުސްހަފް މާލްދީފް"ގެ 50،000 ހަތިމެއް ފުރަތަމަ ބުރުގައި ޗާޕުކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން ޗާޕްކުރި ކުރި ފުރަތަމަ މުސްހަފް ރައީސް އަބްދުﷲ ޔާމީނަށް މިއަދު ވަނީ އަރުވައިފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުސްހަފް ރައީސް ޔާމީނަށް އެރުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ރައީސް ޔާމީނަށް މިއަދު އެރުވި މުސްހަފް މާލްދީފްގެ ކޮޕީއެއް: ފުރަތަމަ ބުރުގައި 50،000 މުސްހަފް ވަނީ ޗާޕުކޮށްފައި-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަށް މިއަދު އެރުވި މުސްހަފް މާލްދީފްގެ ކޮޕީއެއް: ފުރަތަމަ ބުރުގައި 50،000 މުސްހަފް ވަނީ ޗާޕުކޮށްފައި-- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ ބައެއް އާސާރީ މިސްކިތްތަކާއި ކުރެހުންތައް ހިމަނައިގެން ތައްޔާރުކުރި މުސްހަފުތަކުގެ ފުރަތަމަ ޗާޕް ނިމިފައިވާއިރު، ދެތިން ހަފުތާ ތެރޭގައި އެ މުސްހަފުތައް ރާއްޖެ ގެންނާނެ އެވެ.

މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލެވޭ ކަމަށް ސަރުކާރުން ބުންޏެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން ފެށި މަޝްރޫއުގެ ދަށުން މުސްހަފު ޗާޕުކުރަނީ ބަހުރެއިނުންނެވެ.

"މުސްހަފުތައް ޗާޕު މިކުރަނީ އެކި ބުރުތައް ބަހާލައިގެން. މިހާރު ރާއްޖެ މި ގެންނަނީ ފުރަތަމަ ބުރުގައި ހިމެނޭ 50،000 ފޮތް،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ދިވެހިންނަށް ދިނުމަށް ހަމަޖައްސާފައިވާ އެ މުސްހަފުތައް ރާއްޖެ ގެނައުމާއެކު، އެ ބަހާނެ ގޮތެއް ނިންމާނެ ކަމަށެވެ. އަދި ކޮންމެ ދިވެއްސަކަށް މުސްހަފެއް ލިބެންދެން އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ބަހުރައިންގެ ޤުރުއާން ކެއާ ސޮސައިޓީ އާއި ރާއްޖޭގެ ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ގިނަ ދުވަސްތަކަކަށް މަޑު ޖެހުނެވެ. ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަނީ ދިވެހި ބައެއް ކުންފުނިތަކާއި އާންމުން ހަދިޔާ ކުރި ގިނަ އަދަދެއްގެ ފައިސާ އިންނެވެ. އަދި ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް މުސްހަފް މަޝްރޫއަށް ލިބުނު ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.