Roadha Mihaaru
މުސްހަފު މާލްދީފް ބެހުން ރައީސް ފަށްޓަވައި ދެއްވައިފި

މުސްހަފު މާލްދީފް ބެހުން ރައީސް ޔާމީން ފަށްޓަވައި ދެއްވައިފި

29 ޑިސެމްބަރ 2016

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފުރަތަމަ ޗާޕްކުރި ކޮޕީތައް ބެހުން ރައީސް އަބްދުﷲ ޔާމީން މިއަދު ރައީސް އޮފީހުގައި އިފްތިތާހުކޮށް ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފުރަތަމަ ޗާޕްކުރި ކޮޕީތައް ބެހުން ރައީސް އަބްދުﷲ ޔާމީން މިއަދު ރައީސް އޮފީހުގައި އިފްތިތާހުކޮށް ދެއްވައިފި އެވެ.

ރާއްޖެއަށް ޚާއްސަކޮށްގެން "މުސްހަފް މާލްދީފް"ގެ ނަމުގައި ބަހުރައިން އިން ޗާޕްކޮށްގެން ގެނައި އެ މުސްހަފު އިފްތިތާހުކޮށް ދެއްވުމުގެ ގޮތުން ރައީސް ޔާމީން ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ގުރުއާން ހިތުދަސް ކުރަމުން އަންނަ ފަސް ދަރިވަރަކަށް ފަސް ކޮޕީ ދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ގުރުއާނުގެ އިލްމު ކުރިއެރުވުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި މިއީ އޭގެ މިސާލެއް ކަމަށެވެ. ގުރުއާންގެ އިލްމު ކުރިއެރުވަން އިސްލާމީ ބައެއް ގައުމުތަކުން ވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ކަމަށާއި އެ އެހީތައް ވަރަށް އަވަހަށް ލިބެން ފަށާނެ ކަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވި އެވެ.

"މިއީ ރައީސް ޔާމީން އިސްލާމީ ގައުމުތަކާއި އަރަބި ގައުމުތަކާ ބާއްވާ ގާތް ގުޅުމުގެ ނަތީޖާކަން ހާމަވެގެން މިދަނީ،" ޒިޔާދު ވިދާޅުވި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ މިހާރުގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ބެއްލެވުމުގެ ދަށުން ފެށި އެ މަޝްރޫއުގައި ފުރަތަމަ ރާއްޖެ ގެންނާނީ 100،000 މުސްހަފެވެ.

ފުރަތަމަ ބުރުގައި ގެނައި 100،000 ކޮޕީ ބަހައި ނިމޭއިރު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފުގެ ކޮޕީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މުސްހަފު ބަހާނީ ކޮން ތަނަކުން ކަމެއް އިސްލާމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެކަން ކުރާނީ ލޯކަލް ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.