Roadha Mihaaru
މުސްހަފު މާލްދީފުގެ 100،000 ކޮޕީ ބަހަން ފަށަނީ

މުސްހަފު މާލްދީފުގެ 100،000 ކޮޕީ މާދަމާ ބަހަން ފަށަނީ

28 ޑިސެމްބަރ 2016

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން މިހާތަަނަށް ޗާޕްކޮށްގެން ރާއްޖެ ގެނައި 100،000 ކޮޕީ މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން މިހާތަަނަށް ޗާޕްކޮށްގެން ރާއްޖެ ގެނައި 100،000 ކޮޕީ މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ މުސްހަފުތައް ބަހަން ފަށާ ގޮތަށް ހަމަޖައްސާފައި ވަނީ ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ. މުސްހަފުތައް ބައްސަވަން ފައްޓަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް އަހްސަން ވިދާޅުވި އެވެ.

"ފުރަތަމަ ޝިޕްމަންޓު ބަހައި ނިމޭ އިރު ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އާއްމުންނަށް މުސްހަފު ދޫކުރާނެ ތަނެއް އިސްލާމިކް މިނިސްޓްރީން އާއްމެއް ނުކުރެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި މުސްހަފްތައް ބަހަން ހަވާލުކުރާނީ ކައުންސިލްތަކާ އެވެ. އަހްސަން ވިދާޅުވި ގޮތުގައި ބެހުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހުމުން އެކަން އާއްމުކުރާނެ އެވެ.

ރާއްޖެ ގެނެސްފައިވާ 100،000 މުސްހަފްގެ އިތުރުން 200،000 މުސްހަފް ޗާޕު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އެ މުސްހަފުތައް ރާއްޖެ ގެނައުމާ އެކު ކޮންމެ ދިވެއްސަކަށް މުސްހަފެއް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން ފެށި މި މަޝްރޫއުގެ ދަށުން މުސްހަފު ޗާޕުކުރަނީ ބަހުރައިނުންނެވެ.

މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބަހްރައިންގެ ގުރުއާން ކެއާ ސޮސައިޓީ އާއި ރާއްޖޭގެ ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ގިނަ ދުވަސްތަކަކަށް މަޑު ޖެހުނެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަނީ ދިވެހި ބައެއް ކުންފުނިތަކާއި އާންމުން ހަދިޔާ ކުރި ގިނަ އަދަދެއްގެ ފައިސާ އިންނެވެ. އަދި ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް މި މަޝްރޫއަށް ލިބުނު ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.