Roadha Mihaaru
ރަޖިސްޓްރީ ނުކޮށް ހިންގާ މަދުރަސާތަކެއް ހުއްޓުވަނީ

މަކްތަބާ ސަލަފިއްޔާއިން ރަޖިސްޓްރީ ނުކޮށް ސްކޫލްތަކެއް ހިންގާ: އިސްލާމިކް މިނިސްޓްރީ

23 ޑިސެމްބަރ 2019

ހަރުކަށި ފިކުރާ ދެކޮޅު ކަމަށް ބުނެ ދާދި ފަހުން ނޫސް ކޮންފަރެންސެއް ބޭއްވި މަކްތަބާ ސަލަފިއްޔާއިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަޖިސްޓްރީ ނުކޮށް ސްކޫލްތައް ހިންގަމުންދާ ކަމަށާއި އެކަން ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހަރުކަށި ފިކުރާ ދެކޮޅު ކަމަށް ބުނެ ދާދި ފަހުން ނޫސް ކޮންފަރެންސެއް ބޭއްވި މަކްތަބާ ސަލަފިއްޔާއިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަޖިސްޓްރީ ނުކޮށް ސްކޫލްތައް ހިންގަމުންދާ ކަމަށާއި އެކަން ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް "މިހާރު" އަށް ވިދާޅުވީ މަކްތަބާ ސަލަފިއްޔާގައި އިސްކޮށް އުޅޭ މުހައްމަދު ހަސަންގެ ބަހަށް ބައެއް ކުދިން ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއަށް ނުފޮނުވައި ހަމައެކަނި އެ ޖަމާއަތުގެ ސްކޫލްތަކުން ކިޔަވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެކަން ހުއްޓުވުމަށް ޓަކައި މިނިސްޓްރީން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ. އެގޮތުން އެކަމުގައި ޖިނާއީ ކުށްތަކެއް އެކުލެވޭޭ ނަމަ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅަން މިނިސްޓްރީން މަސައްކަތް ކުރާނެ،" އަފްރާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "މަކްތަބާ ސަލަފިއްޔާ"ގެ ނަމުގައި ހިންޖާ ޖަމިއްޔާއަކީ ވެސް ރަޖިސްޓްރީ ނުކޮށް ހިންގާ ޖަމިއްޔާއެއް ކަމަށެވެ. އެ ޖަމިއްޔާގައި އިސްކޮށް އުޅޭ މުހައްމަދު ހަސަނަށް ކުރިން ދޫކޮށްފައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އޮތީ ސަސްޕެންޑް ކޮށްްފަ އެވެ. އޭނާގެ ހުއްދަ ބާތިލް ކުރީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަަތަށެވެ.

އެކަމަކު މަކްތަބާ ސަލަފިއްޔާއިން މިދިޔަ ހޮނިހިރު ދުވަހު ބުނީ ހަރުކަށި ފިކުރު ފެތުރުމާ އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

އަފްރާހް ވިދާޅުވީ ހުއްދަ ސަސްޕެންޑްކޮށްފައިވާ އިލްމުވެރިން މަަސައްކަތް ކުރާ ގޮތަށް ބަލައި ހުއްދަ އަލުން ދޭން ވިސްނާ ވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި ކަމަށެވެ. އެގޮތުން ހުއްދަ އަލުން ދޭނީ ރަނގަޅު އުސޫލުން މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އިލްމުވެރިން މަސައްކަތް ކުރައްވާ ގޮތަށް ބެލުމަށް ފަހު ހުއްދަ އަލުން ދޭނެ. ހުއްދަ ހިފަހައްޓާފައި ވަނީ ވަގުތީ ގޮތުން،" އަަފްރާހް ވިދާޅުވި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވަން ސަރުކާރުން މިހާރު އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.