Roadha Mihaaru
އައިޔޫއެމްގައި ހިފުޒު ކޯސް ކުރިއަށް ގެންދާނެ: ޝަހީމް

ހިފުޒު ކޯސް ކުރިއަށް ގެންދާނެ، އެކަމަކު ސަނަދު ދޭނީ ގުރުއާނާ ބެހޭ މަރުކަޒުން: ޝަހީމް

26 ޑިސެމްބަރ 2017

ގުރުއާން ހިތުދަސްކޮށްދިނުމުގެ ކޯސް އަންނަ އަހަރު އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގައި ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ގުރުއާން ހިތުދަސްވިކަމުގެ ނުވަތަ ހާފިޒު ކަމުގެ ސަނަދު ދޭނީ ގުރުއާނާ ބެހޭ މަރުކަޒުން ކަމަށް އެ ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގުރުއާން ހިތުދަސްކޮށްދިނުމުގެ ކޯސް އަންނަ އަހަރު އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގައި ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ގުރުއާން ހިތުދަސްވިކަމުގެ ނުވަތަ ހާފިޒު ކަމުގެ ސަނަދު ދޭނީ ގުރުއާނާ ބެހޭ މަރުކަޒުން ކަމަށް އެ ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާން ހިތުދަސްކުރާ މީހުންނާ ގުޅޭ ހުރިހާ ކަމެއް ހަމައެކަނި ގުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް ގެންދާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ވަނީ އިއްޔެ ނިންމަވާފަ އެވެ. އެހެންވެ، އަންނަ އަހަރު އައިޔޫއެމްގައި ފަށަން އިއުލާންކޮށްފައިވާ ގުރުއާން ހިތުދަސް ކޮށްދިނުމުގެ ކޯސް އެތަނުގައި ކުރިއަށް ގެންދެވޭނެތޯ، ބައެއް މީހުންގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.

ޝަހީމް ވިދާޅުވީ ގުރުއާން ހިތުދަސްކޮށްދިނުމުގެ ކޯސް އެތަނުން ކުރިއަށް ގެންދިޔަ ނަމަވެސް ކުރިން އިއުލާނުކޮށްފައިވާ ގޮތަށް، އެ ކޯސް ނިންމާ ދަރިވަރުންނަށް ހާފިޒުކަމުގެ ސަނަދު އެތަނުން ދޫނުކުރާނެ ކަމަށެވެ. ކޯސް ނިންމައި، ސަނަދު ހޯދަން ހުށަހަޅަން ޖެހެނީ ގުރުއާނާ ބެހޭ މަރުކަޒަށް ވަކިން ކަމަށް އޭނާ ވިދާޅުވި އެވެ.

ހާފިޒުކަމުގެ ސަނަދު ކުރިން ދޫކުރީ ގުރުއާނާ ބެހޭ މަރުކަޒުގެ އިތުރުން ކުއްލިއްޔާ ނުވަތަ އިސްލާމިކް ޔުނިވަސިޓީންނެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީއެއް ހުއްޓައި އެހެން ތަނަކުން ސަނަދު ދޫކުރުމަކީ ޔުނިވަސިޓީއަށް ލިބޭނެ އުނިކަމެއް ކަމަށާއި ނަމަވެސް ރައީސްގެ މި ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެއް ތަނަކުން ސަނަދު ދޫކުރުމަކީ ގުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރު ބެލެހެއްޓުމާއި އެ މީހުންނަށް ދޭ އެލަވަންސް އާއި އެކަމާ ގުޅޭ އިތުރު ކަންތައްތަކަށް ފަސޭހަވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގުރުއާނާ ބެހޭ މަރުކަޒު ހުންނަން ޖެހޭނީ ޔުނިވަސިޓީގެ ދަށުގައި. އަޅުގަނޑު ކުރިން (އިސްލާމިކް) މިނިސްޓަރަކަށް ހުރި އިރު ވެސް އެކަމާ ގުޅޭ މަޝްވަރާ ކުރިން. އެކަމަކު އެކަން ނުވެފައި އޮތީ،" ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަން މި ބަދަލު އަދިވެސް އަންނާނެ ކަމަށް."

އަންނަ އަހަރު އައިޔޫއެމުން ކުރިއަށް ގެންދަން ނިންމި ކޯހަކީ ގުރުއާން ހިތުދަސްކޮށްދިނުމުގެ އިތުރުން، އަރަބި ބަހާއި އިމާމުވެ ނަމާދުކުރުމާއި ފިގުހުގެ ބައިތަކާ އެކު ހިންގާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ދޮޅު އަހަރުގެ ކޯހެކެވެ.

މި ކޯސް ފުރިހަމަ ކުރުމުން، ގުރުއާނުގެ އިލްމުގެ ޑިގްރީ ކޯހަށް ކުރިމަތިލެވޭނެ އެވެ.

ރައީސް އޮފީހުން އިއްޔެ ބުނިގޮތުގައި ހާފިޒު ކަމުގެ ސަނަދު ދިނުން ގުރުއާނާ ބެހޭ މަރުކަޒަށް ބަދަލުކުރީ އޮޅުން ނާރާ ގޮތަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށެވެ.