Roadha Mihaaru
އައިޔޫއެމް މުޅި ރާއްޖެއަށް ދެ އަހަރު ތެރޭ ފުޅާކުރަނީ

އައިޔޫއެމްގެ މަރުކަޒުތައް ދެ އަހަރު ތެރޭ މުޅި ރާއްޖޭގައި ގާއިމްކޮށް ކޯސްތައް ފެށޭނެ: ޝަހީމް

21 ނޮވެމްބަރ 2023

ކުރިއަށް އޮތް ދެ އަހަރު ތެރޭ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ގާއިމްކޮށް ކޯސްތައް ހިންގަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ދެ އަހަރު ތެރޭ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ގާއިމްކޮށް ކޯސްތައް ހިންގަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު މިއަދު ވަނީ އައިޔޫއެމްއާ ހަވާލުކޮށްފަ އެވެ. އެ ތަނުގައި އައިޔޫއެމްގެ ކޯސްތައް ހިންގައި، ދެކުނުގެ އަތޮޅުތަކަށް އައިޔޫއެމްގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ތިނަދޫގެ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ހިންގުމަކީ ދެކުނުގެ އަތޮޅުތަކަށް އޭގެ ފައިދާވެ، އިސްލާމީ ނޫރު އިތުރަށް ފުޅާވެގެން ދާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އަކީ ވަރަށް މުހިންމު މަރުކަޒެއް ކަމަށާއި ޔުނިވާސިޓީގެ އިސްލާމީ ރިސާލަތަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެ ޔުނިވާސިޓީގެ ކޯސްތަކަކީ ވަކި ގޮތަކަށް މީހުން ބައްޓަން ކުރުމަށް ފަރުމާކޮށްފައިވާ ކޯސްތަކެއް ކަމަށާއި ހަމަ ކޯހެއް ހާދާލުމާއި އިސްލާމިކް ޔުނިވާސިޓީގެ ކޯހެއް ހެދުން ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، އިސްލާމިކް ޔުނިވާސިޓީ ފުޅާކޮށް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އެމަނިކުފާނުގެ ވަރަށް ބޮޑު ތަސައްވުރެއް ޔުނިވާސިޓީއާ މެދު އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އައިޔޫއެމްގެ މަރުކަޒެއް ހުރުން މުހިންމެވެ. މާލޭގެ އިތުރުން މިހާރު އައިޔޫއެމްގެ މަރުކަޒެއް ހުރީ ފުވައްމުލަކުގަ އެވެ. އޭގެ އިތުރުން ނައިފަރުގައި ވެސް ސެންޓަރެއް ވެސް ހިންގަ އެވެ.

ތިނަދޫގެ އިސްލާމިކް މަރުކަޒު އައިޔޫއެމްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތިނަދޫގެ އިސްލާމިކް މަރުކަޒު އައިޔޫއެމްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޝަހީމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރ. އަނގޫފާރުގެ އިސްލާމީ މަރުކަޒު ވެސް އައިޔޫއެމްއާ ހަވާލުކުރާނެ އެވެ. އަދި ހިތަދު އާއި ދިއްދޫ ފަދަ ރަށްރަށުގައި ވެސް އައިޔޫއެމްގެ ހިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީގެ ބިނާތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްވެގެން ދާނެ، އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ފެށުމުގެ މަގު ތަނަވަސްވެގެން ދާނެ،" ޝަހީމް ވިދާޅުވި އެވެ.

ޔުނިވާސިޓީގެ މަރުކަޒުތައް އިތުރުކޮށް ކޯސްތައް ފުޅާކުރާއިރު، މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް އިސްކަން ދެއްވާނެ ކަމަށާއި ވަކި އަދަދަކަށް ކޮންމެ އަހަރަކުން ވެސް ރާއްޖޭން ބޭރުގެ ސްކޮލަޝިޕް ފުރުސަތު ހޯދައިދެއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ދިރާސާތައް ކުރުމާއި ފޮތް ޝާއިއުކުރުމާއި ތަރުޖަމާކުރުން ފަދަ ކަންކަމަށް އައިޔޫއެމް އިން އިސްކަން ދެއްވުމަށް ވެސް ޝަހީމް އެދިވަޑައިގެންނެވި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިހާރު ވެސް ގިނަ ކޯސްތަކެއް ހިންގަމުންދާއިރު ގުރުއާން އަދި އަރަބި ފެކަލްޓީ އަދި ޓީޗިންގެ ކޯސްތައް އޮންނަ ޑިމާންޑް ބޮޑެވެ. މީގެއިތުރުން ގާނޫނީ އަދި ޝަރުއީ ޑިގްރީ ކޯސްތަކާއި ފައިނޭންޝިއަލް ބޭންކިން ފަދަ ކޯސްތައް ވެސް އައިޔޫއެމް އިން ހިންގަ އެވެ.