Roadha Mihaaru

1988ގެ ފަހުން އޯޒޯން ބާގަނޑު އެންމެ ކުޑަވީ މި އަހަރު

04 ނޮވެމްބަރ 2017

ތިމާވެއްޓާ ބެހޭގޮތުން ވަރަށް މަދުން ނޫނީ އުފާވެރި ޚަބަރެއް ނުލިބެ އެވެ. މިއީ އެފަދަ ޚަބަރެކެވެ: ދުނިޔެ ރައްކާތެރިކޮށްދޭ އޯޒޯން ފަށަލައިގައި ހެދިފައިވާ ބޮޑު ބާގަނޑު 1988ގެ ފަހުން އެންމެ ބޮޑަށް ކުޑަވީ މި އަހަރު ކަމަށް ނާސާ އިން ބުނެފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ތިމާވެއްޓާ ބެހޭގޮތުން ވަރަށް މަދުން ނޫނީ އުފާވެރި ޚަބަރެއް ނުލިބެ އެވެ. މިއީ އެފަދަ ޚަބަރެކެވެ: ދުނިޔެ ރައްކާތެރިކޮށްދޭ އޯޒޯން ފަށަލައިގައި ހެދިފައިވާ ބޮޑު ބާގަނޑު 1988ގެ ފަހުން އެންމެ ބޮޑަށް ކުޑަވީ މި އަހަރު ކަމަށް ނާސާ އިން ބުނެފި އެވެ.

އޯޒޯން ބާގަނޑު މި އަހަރު އެންމެ ބޮޑަށް ފުޅާވެފައި ވަނީ 7.6 މިލިއަން އަކަ މޭލަށެވެ. އެއީ ގާތްގަނޑަކަށް އެމެރިކާ އަށް ވުރެ ދޭއް ބައި ގުނަ ބޮޑު ސަރަހައްދެކެވެ. އެކަމަކު އެ ބާގަނޑު މި އަހަރު ވަނީ މިދިޔަ އަހަރަށް ވުރެ 1.3 މިލިއަން އަކަ މޭލު ކުޑަވެފަ އެވެ. އަދި ސެޕްޓެމްބަރުން ފެށިގެން ބާގަނޑު އިތުރަށް ކުޑަވެފައިވާ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

އޯޒޯން ބާގަނޑު މިދިޔަ އަހަރަށް ވުރެ ކުޑަވީ ސްޓްރެޓޮސްފިއާގެ މޫސުން އާއްމުކޮށް ހުންނަ ވަރަށް ވުރެ ހޫނުވުމުންނެވެ. ސައިންސްވެރިން ބުނިގޮތުގައި އޯޒޯން ފަށަލަ އަށް ގެއްލުން ދޭ ކްލޮރިން އާއި ބްރޮމިން ފަދަ ކެމިކަލްތައް ހޫނު ވަޔާ އެކު އެ ފަށަލައާ ދުރަށް ގެންދިޔައީ އެވެ. މީގެ މާނައަކީ މި ބަދަލު މި އައީ ގުދުރަތީ ގޮތުން ކަމެވެ. އެކަމަކު ޖުމްލަކޮށް ބަލާ އިރު، ބާގަނޑު ކުޑަވުމުގައި، އޯޒޯން ހަލާކުކުރާ ކެމިކަލްތައް ބޭނުންކުރުން މަނާކުރަން 1980ގެ އަހަރުތަކުން ފެށިގެން ދުނިޔޭގައި ކުރަމުން އަންނަ މަސައްކަތުގެ ދައުރެއް އެބަ އޮތެވެ.

އިންސާނުންނަށާއި ގަސްގަހާގެއްސަށް ވެސް ގެއްލުންހުރި އަލްޓްރާ ވަޔަލެޓް (ޔޫވީ) ރޭޑިއޭޝަނުން ދުނިޔެ ރައްކާތެރިކޮށްދޭ ގޭހެއް ކަމަށްވާ އޯޒޯންގެ ބާގަނޑު މި ވަރަށް މި ކުޑަވީ އެ ބާގަނޑު ހުރިކަން އެނގުނުތާ 30 އަހަރު ފުރުން ފާހަގަކުރިތާ ކައިރީގަ އެވެ. އޯޒޯން ބާގަނޑު ފެނުމާ ގުޅިގެން 1987ގައި ވުޖޫދަށް ގެނައި ބައިނަލްއަގުވާމީ ވަރުގަދަ މުއާހަދާ މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ދަށުން، ގައުމުތަކުން ވަނީ އޯޒޯނަށް ގެއްލުން ދޭ ކެމިކަލްތައް ބޭނުންކުރުން މަޑުމަޑުން ގޮސް ހުއްޓާލުމުގެ ބޮޑެތި މަސައްކަތްތެއް ފަށައިފަ އެވެ.

އޯޒޯން ފަށަލަ ހަލާކުވަމުންދަނީ މައިގަނޑުގޮތެއްގައި އެންޓާޓިކާގެ މަތިންނެވެ. އެހެންކަމުން ދުނިޔޭގެ ދެކުނު ބިތުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ނުރައްކާ އޮތް ކަމުގެ ކަންބޮޑުވުން ވަކިން ބޮޑެވެ.

ކްލޮރޯފްލޮރޯކާބަންގެ ސަބަބުން އެންޓާޓިކާގެ މަތިން އޯޒޯން ފަށަލަ ތުނިވަމުންދާކަން ސައިންސްވެރިންނަށް ފުރަތަމަ އެނގުނީ 1970ގެ އަހަރުތަކުގަ އެވެ. އަދި 1980ގެ މެދުތެރެއިން ފެށިގެން 1990ގެ އަހަރުތަކުގެ ތެރޭގައި އޯޒޯން ފަށަލައިގެ ބާގަނޑަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އުފެދުނު ބިރުވެރިކަމުގައި، ސައިންސްވެރިންގެ މަސައްކަތަށް އާއްމުންގެ އެއްބާރުލުން ލިބުނެވެ.

އޯޒޯން ބާގަނޑުގެ ދިރާސާތައް ހަދަން ދުނިޔޭގެ ދެކުނު ތަނޑީގައި ތިބި ސައިންސްވެރިންނަށް، ޔޫވީ ރޭޑިއޭޝަންގެ ސަބަބުން، ހަމުގެ ކެންސަރާއި ލޯ އަނދިރިވުން ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އާއްމުންގެ ތެރޭގައި އޮތީ އުފެދިފަ އެވެ. އަދި ހަމުގެ ކެންސަރު އިތުރުވުމާއި އޯޒޯން ބާގަނޑު އިތުރަށް ބޮޑުވުމުގެ ސަބަބުން މޮންޓްރިއޯލް ޕްރޮޓޮކޯލް އެކުލަވާލި އިރު 24 ގައުމެއްގެ ސޮއި ލިބުނެވެ. ފަހުން އެ އަދަދު ވަނީ 197 އަށް އިތުރުވެފަ އެވެ.

މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ނަތީޖާ ރަނގަޅުކަމުން، ސައިންސްވެރިން އެ މުއާހަދާ ދެކެނީ ވަރަށް މަދުން ނޫނީ ނެހެދޭ ފަދަ ސައިންޓިފިކް އެއްބަސްވުމެއްގެ ގޮތުގަ އެވެ. އަދި ނާސާގެ މި ފަހަރުގެ ހޯދުންތަކުން އެނގޭ ގޮތުގައި އެ މުއާހަދާ އަށް އަމަލުކޮށް، އޯޒޯން ބާގަނޑު ބައްދަން ކުރާ މަސައްކަތުގައި ދުނިޔެ އޮތީ ރަނގަޅު މިސްރާބެއްގަ އެވެ.

އދގައި 2014 ވަނަ އަހަރު ސައިންސްވެރިން ބުނެފައިވާ ގޮތުގައި އޯޒޯން ބާގަނޑު ކުޑަވަމުން އަންނަނީ އައިސްއަލަމާރި އާއި އެއާކޮންޑިޝަނާ އަދި އެއިރޮސޮލް ފުޅިތަކުގައި ކެމިކަލް ބޭނުންކުރުން ހުއްޓާލަން 1980ގެ އަހަރުތަކުގައި ފެށި މަސައްކަތުގެ ސަބަބުންނެވެ. އެކަމަކު ކްލޮރޯފްލޮރޯ ކާބަން ހަލާކު ނުވެ ވަރަށް ދިގުމުއްދަތަކަށް ދެމިހުންނާތީ މީގެ 100 އަހަރު ފަހުން ވެސް އެ ކެމިކަލްތައް އެޓްމޮސްފިއާ ތެރޭގައި ހުރުން އެކަށީގެންވާ އިރު، ސައިންސްވެރިން ބުނާގޮތުގައި، 1980ގެ އަހަރުތަކުގައި ހުރި ވަރަށް އޯޒޯން ފަށަލަ ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ 2070ގަ އެވެ.

ޑައިކްލޮރޯމީތޭންއަކީ އޯޒޯން ފަށަލަ ކުރިން ހުރި ގޮތަށް އިއާދަވުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި މިދިޔަ ޖޫންމަހު ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ. އެއީ އޯޒޯން ފަށަލަ ހަލާލުކޮށްލެވޭ ފަދަ ބާރުގަދަ އިންޑަސްޓްރިއަލް ކެމިކަލެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި ވޭތުވެދިޔަ 10 އަހަރު ތެރޭ އެޓްމޮސްފިއާގައި ޑައިކްލޮރޯމީތޭން ވަނީ ދެގުނަ އިތުރުވެފަ އެވެ. އަދި އެ ކެމިކަލް އިތުރުވަމުންދާ ނަމަ އެންޓާޓިކާގެ މަތިން އޯޒޯން ފަށަލަ އާދައިގެ ހާލަތަކަށް ބަދަލުވާން ނަގާ މުއްދަތު އިތުރު 30 އަހަރަށް ދިގުލައިގެންދާނެ ކަމަށް، "ނޭޗާ ކޮމިއުނިކޭޝަންސް" ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ބުނެ އެވެ.

ނާސާ އިން ބުނެފައިވާ ގޮތުގައި އޯޒޯން ބާގަނޑު އެންމެ ބޮޑުވެފައިވަނީ 2000 ވަނަ އަހަރު އެވެ. އޭރު އެ ބާގަނޑުގެ ފުޅާމިނުގައި 11.5 މިލިއަން އަކަ މޭލު ހުއްޓެވެ.

ދަ ވޮޝިންގްޓަން ޕޯސްޓް